އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އަލީ އަމްޖަދު އެ ޕާޓީން ވަކިކޮށްފައި ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކަމަށާއި އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް އޭނާގެ ވަކީލުން މިއަދު ކޯޓުގައި ބުނެފިއެވެ.
ޕްރައިމަރީގެ މައްސަލާގައި ދައުވާކުރާ މީހާ އަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށް ބުނެ، އެ މައްސަލަ ނުބެލޭނެ ކަމަށް އެމްޑީޕީން ވަނީ ސިވިލް ކޯޓުގެ ޝަރީއަތުގައި ބުނެފަ އެވެ. އެކަން ސާބިތުކޮށްދޭން އެމްޑީޕީން ވަނީ އަލީ އަމްޖަދު ޕާޓީގެ ދަފްތަރުގައި އޮތީ އިދާރީ ކުށަކުން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއެއް ހުށަހަޅައިފައެވެ.
ރައްދުގައި، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ވިދާޅުވީ އަލީ އަމްޖަދަކީ ޕާޓީގެ މެންބަރެއް ނޫން ކަމަށާއި ދަފްތަރުގައި ނަން އޮތީ އިދާރީ އޮޅުމަކުން ކަމަށް ބުނެ އީސީން ސިޓީ ފޮނުވީ ދައުވާކުރިތާ ހަތް ދުވަސް ފަހުން ކަމަށެވެ. އަލީ އަމްޖަދުގެ މެންބަރުގެ ކަމުގެ މައްސަލަ އިދާރީ ކުށަކަކަށްވެ، އެކަން ފެންމަތިވީ ދައުވާ ހުށަހެޅުމުން ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ. ދިޔާނާ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދަފްތަރުގައި ވެސް އަލީ އަމްޖަދުގެ ނަން އޮތް ކަމަށެވެ. ޕާޓީގެ ދަފްތަރާއި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރަކީ ގާނޫނީ ގޮތުން އެއް ހައިސިއްޔަތެއް އޮތް ދެ ދަފްތަރު ކަމަށް ދިޔާނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭރު ވެސް އެއީ ޕާޓީގެ މެންބަރެއް ނޫން ކަމާ މެދު ޕާޓީން ސުވާލެއް ނުއުފައްދާ ކަމަށެވެ.
ދިޔާނާ ވިދާޅުވި ގޮތުގައި މީހަކު ޕާޓީއެއްގެ ދަފްތަރުން ވަކިކުރުމާ މެދު ގޮތެއް ނިންމައި ޕާޓީއަށް އެކަން އެންގި އިރު އެ ރައްދުވާ މީހާއަށް އެކަން އަންގާފައި ނުވުމަކީ ސިޓީގެ ސައްހަކަމާ މެދު ސުވާލު އުފައްދަންޖެހޭ ސަބަބެކެވެ.
މި މައްސަލާގައި އެމްޑީޕީން ހުށަހަޅާފައިވާ އެ ނުކުތާއަށް ބަހުސްކުރުން ވަނީ ނިމިފައެވެ. މައްސަލަ ބައްލަވާ ގާޒީ އައިޝަތު އަޒުފާ އަބްދުުލްޣަފޫރު ވިދާޅުވީ ހުށަހެޅިފައިވާ ނުކުތާތައް ދިރާސާކޮށް އަދި އެއަށް ދީފައިވާ ރައްދުތައް ވެސް ދިރާސާކޮށް އެ ކަމުގައި ޝަރީއަތުން ވަރަށް އަވަހަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފައިވީ ނަމަވެސް ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށް އޮތް ބަހުސާ މެދު ގޮތެއް ނިންމުމަށް ފަހު ވަގުތީ އަމުރާ މެދު ގޮތެއް ނިންމަން ކޯޓުން ނިންމާފައިވެއެވެ.