އިނގިރޭސި ލީގުގައި މިރޭ ލިވަޕޫލް މޮޅުވާން ދަނިކޮށް މެޗުގެ ފަހު ވަގުތު ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ބްރައިޓަން އިން މެޗު އެއްވަރުކޮށްފިއެވެ.
ރަށުންބޭރުގައި ލިވަޕޫލް އެއްވަރުވީ 1-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ބްރައިޓަންއަށް ލީޑްނަގަން ފުރުސަތު ލިބުނު ނަމަވެސް ބްރައިޓަންގެ ނީލް މައުޕޭ ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. މި ހާފުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް ޖެހި ލަނޑު ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. ވީޑިއޯ ރީޕްލޭއިން ފެންނަ ގޮތުގައި ބޯޅަ ލިބުނުއިރު ސަލާހް ހުރީ ވަރަށް ކުޑަކޮށް އޮފްސައިޑްވެފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ރަނގަޅު ފޯމެއްގެ ޑިއޯގޯ ޖޯޓާ އެވެ. މިއީ އެންމެ ފަހުން އޭނާ ލިވަޕޫލްއަށް ކުޅުނު 8 މެޗުގައި ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. ދެ ވަނަ ހާފުގެ ފަހުކޮޅު މާނޭ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ލިވަޕޫލާ ދެކޮޅަށް ވީއޭއާރުގެ ދެ ނިންމުން ދިއުމަށް ފަހު ދެން ފެނުނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވީއޭއާރުގެ އެހީގައި ބްރައިޓަން އަށް ޕެނަލްޓީއެވެ. މިއީ ބްރައިޓަންއަށް މެޗު ލިބުނު ދެވަނަ ޕެނެލްޓީއެވެ. މި ޕެނަލްޓީ ބްރައިޓަން އަށް ކާމިޔާބުކޮށްދިނީ ޕަސްކާލް ގްރޮސް އެވެ.
މިނަތީޖާ އެކު ލީގުގައި 10 މެޗުން 21 ޕޮއިންޓް ހޯދައިގެން ލިވަޕޫލް އޮތީ ލީގުގެ އެއް ވަނައިގަ އެވެ. ލީގުގައި ދެ ވަނައިގައި 20 ޕޮއިންޓާ އެކު އޮތް ޓޮޓެންހަމް ހޮޓްސްޕާސްއެވެ.