ކިތަންމެ ދެރަވިޔަސް، އަސަރު ކުރިޔަސް، ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަނުގެ ލީޑަރު ޔާމީނަކީ ކުށް ސާބިތުވެފައި ހުރި ކުށްވެރިއެއް ކަމަށާއި ރަމަޟާންމަހާއި ހައްޖުމަހު ކުށްވެރިން ގެއަށް ބަދަލުކޮށް ހަދަން ގާނޫނަކު ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.
މެމްބަރު އީސާ މިފަދައިން ވިދާޅުވީ، މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. އެގޮތުން މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ، ރައީސް ޔާމީން، މި ބަރަކާތްތެރި ރަމަޟާންމަހު އަނިޔާވެރިކަމާ އެކީގައި ޖަލުގައި އޮންނަންޖެހުން ހިތާމައާއެކު ކުށްވެރިކުރައްވާ ކަމަށެވެ.
ރައްޔިތުންނަށް ނުހަނު އެތައް އުފާވެރިކަމެއް ގެނެސްދިން ރައީސަކު، މި ބަރަކާތްތެރި ރަމަޟާން މަހުގައި އަނިޔާވެރިކަމާއެކު ޖަލުގައި އޮތްއޮތުން އަޅުގަނޑުމެން ހިތާމަޔާއެކީގައި ކުށްވެރިކުރަން. އެއްވެސް ކަހަލަ އިހުސާންތެރިކަމެއް، އިންސާނިއްޔަތުކަމެއް މި ސަރުކާރުގެ ނެތްކަން މިއަދު ސާފުވެގެން މިދަނީ.
– މެމްބަރު ހުސެއިން ވިދާޅުވިއެވެ.
ޕީޕީއެމްގެ މެމްބަރަށް ރައްދު ދެއްވައި އެމްޑީޕީގެ މެމްބަރު އީސަ ވިދާޅުވީ ހުކުމަކާ ނުލައި ކުށެއްގެ ތުހުމަތެއް ނެތި މަގުމަތިން ހިފައި ހައްޔަރުކޮށްގެން ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން ތިން އަހަރުގެ ރޯދަ މަހު އޭނާ ހޭދަ ކުރެއްވީ ޖަލުގައި ކަމަށެވެ. ޖަލުގައި އޮތް އިރު، ދައުވާއެއް ވެސް ނުކޮށް ތަހުގީގެއް ވެސް ނުހިންގާ ކަމަށް އީސަ ވިދާޅުވިއެވެ.
ހުކުމްކޮށްފައި ވައްކަންކޮށްގެން، ދައުލަތުގެ މުދަލުން ވައްކަންކޮށްގެން ކޯޓަށް ސާބިތުވެގެން ޖަލަށްލާފައި އެ އޮތީ. އޭނާ އަށް ރަމަޟާން މަހެއް، ހައްޖު މަހެއް، އީދު މަހެއް އެތާ އޮންނައިރު ނާންނާނެ.
– ޔާމީނަށް އިޝާރާތް ކުރައްވައި އީސަ ވިދާޅުވިއެވެ.
އީސަ ވިދާޅުވި ގޮތުގައި ކިތަންމެ ދެރަވިޔަސް، އަސަރު ކުރިޔަސް، ޔާމީނަކީ ކޯޓަކުން ކުށް ސާބިތުވެފައި ހުރި ކުށްވެރިއެއް ކަމަށެވެ. ރަމަޟާން މަހާއި ހައްޖު މަހު ކުށްވެރިން ގެއަށް ބަދަލުކޮށް ހަދަން ގާނޫނަކު ނޯންނާނެ ކަމަށް ވެސް އީސަ ވިދާޅުވިއެވެ. ވ. އާރަށު ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ ޔާމީން 11 އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25 ގައެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފް ވެސް ކޮށްފައެވެ. ރައީސް ޔާމީންގެ ވަކީލުންނާ ހަވާލާދީ މީގެކުރިން "ވީނިއުސް"އާ ވާހަކަދައްކަވަމުން މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން ވިދާޅުވީ، މި ހިނގާ މާޗު މަސް ނިމުމުގެ ކުރިން ރައީސް ޔާމީން މިނިވަންވާނެ ކަމަށެވެ. އެހެންނަމަވެސް މި މަސް ނިމެން ހަތަރު ވަރަކަށް ދުވަހަށް ވެފައިވާއިރު، މިއީ ވުމަށްވުރެ ނުވުން ގާތް ކަމެއްގެ ގޮތުގައި ބެލެވެއެވެ.
ކޮމެންޓު ފޮނުވާ