ޤާސިމާއިއެކު ބޭއްވީ އެންމެ ބައްދަލުވުމެއް، ފަތުރަނީ ދޮގުޚަބަރެއް: ސަލަފް

ޤާސިމާއިއެކު ބޭއްވީ އެންމެ ބައްދަލުވުމެއް، ފަތުރަނީ ދޮގުޚަބަރެއް: ސަލަފް

Author
މުޙައްމަދު ޝަޒައިމް
26 މާރޗް 2023 09:27
0

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު، ގާސިމް އިބްރާހިމް އާއި ސަލަފް ޖަމްއިއްޔާއިން ދެވަނަ ފަހަރަށް ބައްދަލު ކޮށްފައި ނުވާނެ ކަމަށް އެޖަމްއިއްޔާއިން ބުނެފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅިގެން ޖޭޕީގެ ލީޑަރު ގާސިމް އާއި ދެފަހަރެއްގެ މަތިން ސަލަފް ޖަމްއިއްޔާގެ އިސްވެރިން ބައްދަލު ކޮށްފައިވާ ކަމަށް ބުނެ މީޑިއާތަކުން ވަނީ ހަބަރު ފަތުރާފައެވެ. އަދި ދެވަނަ ބައްދަލުވުމުގައި ވަނީ ޖޭޕީ އާއި ރައީސް ނަޝީދު ގުޅިގެން އުފައްދާ ކޯލިޝަންގައި ސަލަފް ބައިވެރި ކުރުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ނަމަވެސް އެޚަބަރާއި ގުޅިގެން ސަލަފުން ނެރުނު ބަޔާނެއްގައި ބުނީ، ޖުމްހޫރީ ޕާޓީގެ އެދިލެއްވުމަކަށް މިމަހުގެ 20 ވަނަ ދުވަހު ޖަމްޢިއްޔަތުއް ސަލަފު އޮފީހުގައި އެޕާޓީގެ ލީޑަރ ޤާސިމް އާއި އެޕާޓީގެ ބައެއް އިސްވެރިންނާ މުސްތަޝާރުން، ޖަމްޢިއްޔަތުއްސަލަފާއެކު ބޭއްވި ބައްދަލުވުން ފިޔަވައި އިތުރު އެހެން ބައްދަލުވުމެއް މިއަދާހަމަޔަށް އެބޭފުޅުންނާއެކު ބޭއްވިފައި ނުވާ ކަމަށެވެ.

އަދި މީސްމީޑިއާގައި ފަތުރަމުން އަންނަނީ ދޮގު ހަބަރުތަކެއް ކަމަށް ވެސް ސަލަފުގެ ބަޔާނުގައި ވަނީ ބުނެފައެވެ. ސަލަފުން ވަނީ އެޖަމްއިއްޔާއަށް ނިސްބަތްކޮށް ދޮގު ޚަބަރު ފެތުރި މީޑިއާތަކުން އެކަމަށް މާޢާފަށް އެދި ތެދު ޙަޤީޤަތް ރައްޔިތުންނަށް ހާމަކޮށް ދިނުމަށް އިލްތިމާސް ކޮށްފައެވެ. އަދި ދޮގުތެދު ބެލުމެއްނެތި ލިބޭހައި ޚަބަރެއް ނުފެތުރުމަށާއި، ޒިންމާދާރުކަމާއެކު ކަންކަމުގެ މަޢުލޫމާތު ފެތުރުމަށް ޚާއްޞަކޮށް ނޫސްވެރިންނަށާއި، ޢާންމުކޮށް އެންމެހައި އަޚުންނާއި އުޚްތުންނަށް ސަލަފުން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.