ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން ރަނގަޅުކަންތައްތައް ކުރުންމަތީ ދެމިހުރެއްޖެނަމަ މާތް ރަސްކަލާންގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މިއަހަރު ބޭއްވި ފުރަތަމަ ފޯރަމް ފައްޓަވައިދެއްވައި ތަޤްރީރުކުރައްވަމުންނެވެ. "ހެޔޮ ބަދަލަކަށް ރަމަޟާން" މި މައުޟޫއަށް ބުރާސްފަތި ދުވަހުގެރޭ ތަޤްރީރުކުރައްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީއާއި އައްޝައިޚް ޙަސަން ލަޠީފް މޫސާއެވެ.
އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިފަދަ މައުޟޫއަކަށް ވާހަކަދައްކާއިރު ވަރަށް ގިނަ ކަންތައްތަކެއް ހަނދާނުގައި ބަހައްޓަން ޖެހޭކަމަށެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅަށް ބަލާލުމުން، ރަމަޟާންމަހަށް ކީރިތި ރަސޫލާ ޚާއްސަ ސަމާލުކަމެއް ދެއްވާ މަންޒަރު ފެންނާނެކަމަށާއި ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަށްޓަކައި އެކަލޭގެފާނު ތައްޔާރުވެވަޑައިގެންނެވި މަންޒަރު އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ބައްލަވާލެއްވުމުން ފެންނާނެކަމަށް ވިދާޅުވިއެވެ.
އެކަލޭގެފާނު އަމިއްލަފުޅަށް ތައްޔާރުވެވަޑައިގަންނަވާފަދައިން އެކަލޭގެފާނުގެ އާއިލާ ރަމަޟާންމަހުގެ އަޅުކަމާއިގެން އުޅުއްވުމަށްޓަކައި ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި، އިރުޝާދުތަކެއް އެކަލޭގެފާނު ދެއްވިކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ރަސޫލާގެ މުޅި ސީރަތަށް ބަލާލައިފިނަމަ އެކަލޭގެފާނު މުޅި ރަމަޟާންމަސް ހޭދަކުރެއްވިގޮތް އެހެނިހެން މަސްމަހާ ވަރަށް ތަފާތުކަން ފެންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ރަމަޟާންމަހުގެ ކުރީމަސްކަމުގައިވާ ޝަޢުބާންމަހު ރޯދައަށް ހުންނެވުމާއި، ރަމަޟާންމަސް އައުމުން، ސަޙާބީބޭކަލުންނަށް އެ ދެއްވާ އިރުޝާދުތަކާއި މި ހުރިހާ ކަންތައްތަކަށް ބަލާއިރު މި މައްސަރަކީ ޚާއްސަ ޤަދަރެއް ދެވިގެންވާ އެކަލޭގެފާނު ވަރަށް އަހައްމިއްޔަތުކަން ދެއްވި މައްސަރެއްކަން ފާހަގަވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ރަމަޟާންމަސް ޚާއްސަވާ ސަބަބަށް ވަރަށް ތަފްސީލީގޮތެއްގައި ބައްލަވާލެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި އެމީހެއްގެ ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށްކަމަށާއި ކީރިތި ރަސޫލާގެ ހަދީޘްފުޅުން، ރޯދައަށް ހުންނައިރު ބަސް މަދުކުރަންޖެހޭކަން އެނގޭކަމަށް ވިދާޅުވިއެވެ. ދޮގުވާހަކަތައް ދެއްކުމާއި ދޭތެރެޖެއްސުމާއި، މީހުންގެ ގާތަށް ވާހަކަހިފައިގެން ދިޔުންފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަމަށް ވިދާޅުވިއެވެ. އެހެން ނޫންނަމަ ރޯދައިން ލިބެންޖެހޭ ދަރުމައާއި ޘަވާބު ނުލިބޭނެކަމަށާއި ގޯސްކަންތައްތަކުން ދުރުހެލިވެ މާތް ރަސްކަލާންގެ އަންގަވާފައިވާކަންތައް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ކުރާ ޢަމަލުތަކަކީ މާތް ރަސްކަލާންގެ އަންގަވާފައިވާ ކަންތައްތަކާއި އެއްގޮތަށް ކުރެވޭ ޢަމަލުތަކެއްވާންޖެހޭކަމަށްވިދާޅުވެ ރޯދަ ހިފިކަމުގައިވިޔަސް މާތް ރަސްކަލާންގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދިގެން އުންމީދާއިއެކު އެކަމެއް ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން އެގޮތުގައި ދެމިހުރެއްޖެނަމަ މާތް ރަސްކަލާންގެ ގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެކަމަށް ވިދާޅުވެ އެގޮތަށް ދުޢާކުރުމަށްވެސް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.
ރަމަޟާންމަހާއިއެކު އިޙްޔާ ފޯރަމްތައް ފެށިފައިވާއިރު މިއަހަރު ޖުމްލަ 13 ފޯރަމެއް މާލޭގައި ކުރިއަށްދާނެއެވެ. އެއީ އާންމުކޮށް ބާއްވާ، ޢިލްމުވެރިން ބައިވެވަޑައިގަންނަވާ 9 ފޯރަމާއި ސްކޫލުތަކުން ބާއްވާ އިހްޔާ ފޯރަމްގެ 4 ޕްރޮގްރާމެވެ. އަތޮޅުތަކުގައި މިއަހަރު 8 ފޯރަމް ބާއްވާއިރު އަތޮޅުތަކުގެ ފޯރަމްތައް ހުކުރުދުވަހުގެ ރެއިން ފެށިގެން ފެށޭނެއެވެ. އެގޮތުން އެންމެ ފުރަތަމަ އޮތީ އައްޑޫ ސިޓީގައި ބާއްވާ އިޙްޔާ ފޯރަމެވެ. މި ފޯރަމްގައި ”ލޮބުވެތި ނަބިއްޔާގެ ޙަޔާތްޕުޅުން” މި މައުޟޫޢަށް ތަޤުރީރުކުރައްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛް މުޙައްމަދު އަނީލް، އަދި ޑރ. ޢަލީ ޒާހިރުއެވެ. އައްޑޫ ހައި ސްކޫލު ހޯލްގައި އޮންނަ މި ފޯރަމް ފަށާނީ 21:30ގައެވެ.
ކޮމެންޓު ފޮނުވާ