ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މި ރޯދަމަހުގެ ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މިއަދުން ފެށިގެން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތް މިއަދުން ފެށިގެން ރޯދަ މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ. އެއީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 18ވަނަ ދުވަހާ ހަމައަށެވެ.

ފިތުރު ޒަކާތް އޮންލައިންކޮށް އަދި އިސްލާމިކް މިނިސްޓްރީން ޑެސްކް ބަހައްޓައިގެން ވެސް ޒަކާތް ބަލައިގަތުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ފައިސާ ބަލައިގަންނަން ޑެސްކް ގާއިމްކޮށްފައި ވަނީ، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިވާ މީހުންނަށް ޚާއްސަކޮށްގެންނެވެ. މި ހިދުމަތް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން 1:00އަށް އިސްލާމިކް މިނިސްޓްރީ ހޯލުގައި ދޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ ރޯދަ މަހުގެ ފަހުކޮޅު ގޮވާމުގެ ބާވަތްތަކުން ވެސް ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށެވެ.

ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންނެވެ.

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެބަޔަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު:

  • އާދައިގެ ހަނޑޫ – 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ – 84 ރުފިޔާ
  • ރަތް ހަނޑޫ – 99 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫ – 84 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫ – 100 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫ – 125 ރުފިޔާ
  • އާދައިގެ ފުށް – 12 ރުފިޔާ
  • އާޓާ ފުށް – 75 ރުފިޔާ

ޒަކާތް ދެއްކޭނެ ގޮތްތައް:

  • ދިރާގު – ދިރާގު ޕޭ
  • އުރީދޫ – އެމް ފައިސާ
  • މޯލްޑިވްސް އިސްލާމިކް ބޭންކް – ފައިސާ މޯބައިލް
  • ބޭންކް އޮފް މޯލްޑިވްސް – ޕޯޓަލް
  • ފަހިޕޭ – ފަހިޕޭ އެޕްލިކޭޝަން
  • މިނިސްޓްރީ އޮފް ފިނޭނެސް – ބަނޑޭރި ޕޯޓަލް

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *