ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަކަށް މިއަދު އައްޔަންކޮށްފިއެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އެންމެ ފަހުން ފުރުއްވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ސެޕްޓެމްބަރު 4، 2022 ގައި އޭނާ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރުމާއެކު، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޮތީ މިއަދާ ހަމައަށް ހުސްކޮށެވެ. ގައިސް މިމަގާމަށް ހަމަޖެއްސި ނަމަވަސް އަދި އޮފީހަށް ނުނިކުންނަވައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް ބްރާޑްކާސްޓީން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް އަހުމަދު ގައިސް އިސްތިއުފާ ދެއްވީ މިއަހަރުގެ ޖެނުއަރީ ކުރީކޮޅުގައެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ގައިސް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ޑިސެމްބަރު، 2019 ގައެވެ. ގައިސްއަކީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ ކޮއްކޮއެވެ.
ގދ. އަތޮޅު ކައުންސިލަރު ކަން ކުރެއްވި ގައިސް ވަނީ އެމްޑީޕީގެ ތިނަދޫ ގޮފީގެ ރައީސް ކަން ކުރައްވައިފައެވެ. އެންމެ ފަހުން ބޭއްވި އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވެސް ގައިސް ވާދަކުރެއްވިއެވެ. އެކަމަކު، އޭނާ އަށް އެ ޕްރައިމަރީ ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.