ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވަކިން ނިކުންނަން ނިންމިތާ މާގިނަ އިރުތަކެއް ނުވަނީ މިރޭ ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" ޕީޖީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
މިބައްދަލުވުން އޮތީ މިރޭ 9:15ގައި ބޮޑުފެންވަޅު ގޭގައެވެ. މިބައްދަލުވުމުގެ އެޖެންޑާގައި އޮތީ ފިކުރެއްގެ ދިރުމުން މަޖިލީހަށް ހުށަހަޅާ ޤަރާރުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އެޖެންޑާގައި އެހެނިހެން ބައެއްވެސް ހިމަނާފައިވެއެވެ. ބޮޑަށް ބެލެވޭ ގޮތުގައި މިއީ ފިކުރެއްގެ ދިރުމުގެ ހަރަކާތުގެ މެމްބަރުން މަޖިލީހުގައި ކުރިއަށްދާނެ ގޮތަކާއި، ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ގޮތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ހިމަނާފައިވާ ބައެކެވެ.
މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައިވެސް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ބިލަކާއި ހަތަރު މައްސަލަ ބަލައިގަނެ، އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ހުށަހަޅާފައިވާ ގަރާރުތައް ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. މިގޮތުން ދަރަނި ރީސްޓްރަކްޗާ ކުރުމަށް ގޮވާލާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ހުށަހެޅުއްވި ގަރާރާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އައްޑޫ އެއާޕޯޓު ޕްރައޮޓަރައިޒް ކުރުމަށް ގޮވާލާ ގަރާރު ވަނީ ބޭރުކޮށްލައިފައެވެ.
ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދާ ވާދަ ކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް %61 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގެންފައި ވަނީ %39 ވޯޓެވެ.
މި ޕްރައިމަރީގައި ނުކުތް ނަތީޖާ، ނަޝީދު ގަބޫލު ކުރެއްވި ނަމަވެސް އެމަނިކުފާނު މިހާރު ނިންމަވާފައި ވަނީ އެމްޑީޕީގެ ތެރެއިން ސިޔާސީ ވަކި ހަރަކާތެއް ހިންގުމަށެވެ. ނަޝީދު ވިދާޅުވީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ ކަމަށެވެ. އެކަމަކު ނަޝީދު ވިދާޅުވީ ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް މޮޅުވެދާނެ ކަމަށެވެ.