ގާޒީ ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކޮށްފި

ގާޒީ ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ޤާޒީގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލު، ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ.

ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުވާލައިދެއްވި ޝަރަފްވެރި މެހްމާން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހުވާ ކުރެއްވީ ހައިކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރަކާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި 3 ފަނޑިޔާރުންނާއި، ސިވިލް ކޯޓަށް އައްޔަން ކުރެއްވި 3 ފަނޑިޔާރަކާއި، މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެއްވި 4 ފަނޑިޔާރުންނެވެ.

ޝަކީލު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ މިއަދު ކުރައްވާފައިވަނީ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 14 ގައި ކުރި އިއުލާނުގެ ދަށުން ރާއްޖޭގެ ހައިކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާއި "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަވިއު ކުރުމަށްފަހު، ޝަކީލް އައްޔަން ކުރުމަށް ލަފާ އެރުވުމުންނެވެ. އެކޮމިޝަނުން ލަފާ އަރުވާފައިވާތީ ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް މާރިޗް 5 ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

19 އަހަރު ފަނޑިޔާރު ކަމުގެ މަސައްކަތް ކުރައްވާފައިވާ ޝަކީލް އަކީ ވިލާކޮލެޖުން ޤާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީޢާ އަދި މާސްޓަރ އޮފް ޝަރީޢާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އަދި ޝަކީލް ވަނީ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަކީލް އައްޔަން ކުރެއްވިއިރު، ކްރިމިނަލް ކޯޓަށް އައްޔަން ކުރައްވާފައިވަނީ ސ.މަރަދޫ، އެށެވެލި އަލްއުސްތާޛު އިބްރާހީމް އިޙްސާން އާއި ގއ.ނިލަންދޫ، ބިއްލޫރިޖެހިގެ، އަލްއުސްތާޛު އިބްރާހީމް ޛިހުނީއާއި، ރ.ރަސްގެތީމު، ގުލާބީގެ، އަލްއުސްތާޛާ އާމިނަތު އަޒްލިފާއެވެ. ސިވިލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނަކީ ގދ.ފިޔޯރީ، ސަންޑަލްވޫޑް، އަލްއުސްތާޛު ސިނާން ޢަލީ އާއި ހދ.ފިނޭ، ދެތަނޑިމާގެ، އަލްއުސްތާޛު ފައިޞަލް އާދަމް އާއި ސ.ހިތަދޫ، ސައިފަތްމާގެ، އަލްއުސްތާޛު އިޙްސާންއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *