ގުރައިދޫ ބައި އިލެކްޝަން: ރިޔާސީ އިންތިޚާބުގެ ކުރިން އަންނަ ސިޔާސީ ބޮޑު އިމްތިހާނެއް!

ގުރައިދޫ ބައި އިލެކްޝަން: ރިޔާސީ އިންތިޚާބުގެ ކުރިން އަންނަ ސިޔާސީ ބޮޑު އިމްތިހާނެއް!

Author
ހުސެއިން
12 މާރޗް 2023 08:56
0

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އެންމެ 6 މަހެއްހާ ދުވަހަށް ވެފައިވާއިރު، އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނުން މިވަނީ ރައްޔިތުންގެ މަޖިލިހަށް މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އިއުލާން ކޮށްފައެވެ.

އަންނަ އެޕްރިލްމަހުގެ 5 ވަނަ ދުވަހު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ހަމަޖައްސާފައިވަނީ، އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ މަހުގެ 23 ވަނަދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.

ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ރިޒާއަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެންބަރެވެ. ރިޒާ ވަނީ، ނިމުނު 3 ދައުރުގައިވެސް މަޖިލިސް މެންބަރުކަން ކުރައްވާފައެވެ.

ޤާނޫނީ ވަކީލުކަންވެސް ކުރައްވަމުން ގެންދެވި ރިޒާ ވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގައި އެމަޖިލީހުން ޖޭއެސްސީއަށް ކަނޑައެޅުއްވި މެމްބަރުގެ ގޮތުގައި އެ ކޮމިޝަންގައިވެސް މަސައްކަތް ކުރައްވާފައެވެ. އަދި ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުވެސް ރިޒާވަނީ ފުރުއްވާފައެވެ.

ރިޒާ އަވަހާރަ ވުމާއި ގުޅިގެން، އެދާއިރާގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާއެކު، މި ބައި އިލެކްޝަންގައި ވާދަކުރުމުގެ ޝައުގިވެރިކަން ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި ކާނަލް ނާޒިމް ރައީސްކަން ކުރައްވަމުންގެންދަވާ އެމްއެންޕީއިންވެސްވަނީ ފާޅުކޮށްފައެވެ.

މިގޮތުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ޕީޕީއެމުން ހުޅުވާލުމުން ކުރިމަތިލެއްވީ ނިޔާވި ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އެކަނިކަމަށްވާތީ އޭނާއަށް ޓިކެޓު ލިބުނީ ޕާޓީގެ ޕްރައިމަރީ އިންތިޚާބާ ނުލައެވެ. އަދި އެމްއެންޕީންވެސް ބައި އިލެކްޝަން ޕްރައިމަރީއަށް ހުޅުވާލުމާއެކު، އެޕާޓީންވެސް ޕްރައިމަރީއަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެޕާޓީގެ ޓިކެޓްވެސް ވަނީ ކ. ގުރައިދޫ ފިޔާތޮށިގެ އަލި އާރިފް އާއި ހަވާލު ކޮށްފައެވެ.

ރިޒާ އަވަހާރަ ވެފައިވަނީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީން ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި 4 ކެނޑިޑޭޓަކު ވާދަކޮށް، ޓިކެޓް ކަށަވަރު ކޮށްފައިވަނީ ކ. ގުރައިދޫއަށް ނިސްބަތްވާ އިބްރާހިމް ޝާޒްއެވެ.

 

ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ސާލިހަށް އިމްތިހާނެއް!

ރައީސް ސާލިހުގެ ހިނގަމުންމިދާ ރިޔާސީ ދައުރުގައި، ފާއިތުވެދިޔަ ތަނުގައި ބޭއްވުނު މުހިންމު ބައެއް ބައި އިލެކްޝަންތައް އެމްޑީޕީން ކާމިޔާބު ކޮށްފައިވި ނަމަވެސް، އެ ބައިއިލެކްޝަންތައް އެޕާޓީން ކާމިޔާބު ކޮށްފައިވަނީ ވެރިކަން ކޯލިޝަން އެކަތިގަޑެއްގެ ގޮތުގައި ނިކުމެ ކެމްޕޭން ކޮށްގެންކަން މިފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.

މިގޮތުން އެންމެ ޚާއްސަގޮތެއްގައި ފާހަގަ ކޮށްލެވެން އޮތީ ފާއިތުވެދިޔަ އަހަރުގެ ކުރީކޮޅު ބޭއްވިގެންދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއެވެ. ކޮމަންޑޫ ދާއިރާ ތަމްސީލުކުރަމުންދިޔަ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން، ފާއިތުވެދިޔަ އަަހަރުގެ ފެބްރުއަރީމަހު ބޭއްވުނު މި ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކޮށްފައިވަނީ، އޭރުވެސް އެމްޑީޕީގެ އެތެރޭގައި އޮތް ސިޔާސީ ވާދަވެރިކަމާއެކު، ޕާޓީގެ ކެނޑިޑޭޓަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ޕާޓީގެ ދެފެކްޝަނުންވެސް އެއްގަލަކަށް އަރާ ކެމްޕޭން ކޮށްދީގެންނެވެ.

ހަމައެއާއެކު، ރައީސް ސާލިހަށް ވަރަށްވެސް މުހިންމު ގޮނޑިއެއްގެ ގޮތުގައި ފާހަގަކުރެވުނު ކޮމަންޑޫ ދާއިރާގެ ގޮނޑި ރައީސް ސާލިހަށް ކާމިޔާބު ކޮށްދިނުމަށް، ކޯލިޝަން ޕާޓީއެއްގެ ގޮތުގައި އަދިވެސް ދެމިއޮތް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ އެދާއިރާއަށް ވަޑައިގެން ކެމްޕޭންގައި ބައިވެރިވަޑައިގެން، ކެމްޕޭން ކޮށްދެއްވާފައެވެ.

އެހެންނަމަވެސް އޭގެ އެއް އަހަރަރު ފަހު، އެފަދަ ދެވަހަ އިންތިޚާބަކާއި ރައީސް ސާލިހަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީގެ އެތެރޭގައި ހާލަތު، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ގޯހުން ގޯހަށް ވަނީ ދަތުރު ކޮށްފައެވެ.

ޕާޓީގެ އެންމެ އިސް ދެ ލީޑަރުންގެ މެދުގައި އޭރުސުރެ ދެމިއޮތް ނުތަނަވަސްކަން ގޯހުން ގޯހަށް ދަތުރުކޮށް، އެންމެ އިސް ދެލީޑަރުން ބޮޑު އިންތިޚާބެއްގައި ވާދަކުރުމަށްފަހު، ޕާޓީ މިހާރު ހަރަކާތްތެރިވަމުންދަނީ ސިޔާސީ ދެ ހަރަކާތެއްގެ ގޮތުގައެވެ. ހަމަ އެއާއެކު، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ނުކުރައްވާނޭކަން ނަޝީދު އިއުލާން ކުރައްވާފައިވާއިރު، ގިނަ ބަޔަކު ކުރަމުންދާ ސުވާލަކީ ގުރައިދޫ ދައިރާގެ މަޖިލިސް ބައި އިލެކްޝަން ސަރުކާރަށް ކާމިޔާބުކޮށް ދިނުމަށް ޕާޓީގެ ތެރެއިން ނަޝީދުގެ އެހީތެރިކަން އެއްވެސް މިންވަރަކަށް ލިބިގެން ހިގައިދާނެތޯއެވެ.

ނުވަތަ، ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ފަދައިން، ރައީސް ސާލިހަށް ރައްޔިތުންގެ ތާއީދު ނެތްކަން ސާބިތު ކޮށްދިނުމުގެ ގޮތުން، އެމްޑީޕީގެ ނަޝީދު ފެކްޝަނުން އިދިކޮޅު ޕީޕީއެމްއަަށް ނުވަތަ، މި އިންތިޚާބުގައި ވާދަކުރާ އެމްއެންޕީގެ ކެނޑިޑޭޓަށް އެއްބާރުލުން ދީފިނަމަ، އިންތިޚާބުގެ ނަތީޖާ ނިކުމެގެން ދާނީ ކޮންގޮތަކަށްތޯ މިއީ ގުރައިދޫ ބައި އިލެކްޝަންއާ ގުޅޭގޮތުން މިހާރުވެސް ގިނަބައެއްގެ ހިތްތަކުގައި އުފެދިފައިވާ ބޮޑު ސުވާލެކެވެ.

ހަމަ އެއާއެކު، ވެރިކަންކުރާ ކޯލިޝަންގައި އަދިވެސް ދެމިއޮތް، ޖުމުހޫރީ ޕާޓީން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރައީސް ސާލިހާއެކު ކޯލިޝަން ހަދާނޭކަމާމެދު އެތަކެއް ޝައްކުތަކާއި ވަހުމްތަކެއް ސިޔާސީ މަސްރަހުގައި އުފެދިގެން ގޮސްފައިވާއިރު، ކޮމަންޑޫ ދާއިރާގެ ގޮނޑި ސަރުކާރަށް ކާމިޔާބު ކޮށްދިނުމަށް އެޕާޓީގެ ލީޑަރު ނިކުންނެވި ފަދައިން، މި އިންތިޚާބުގައި ސަރުކާރު ކެނޑިޑޭޓަށް ތާއީދުކޮށް، ކެމްޕޭނަށް ނިކުންނަވާނޭ ކަމާމެދު ގިނަބަޔަކު ދެކެމުންދަނީ ޝައްކުގެ ނަޒަރަކުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ސަރުކާރަށް ކާމިޔާބު ކޮށްދިނުމަށް ގާސިމްވަނީ ކެމްޕޭން ކޮށްދެއްވާފަ

އެހެންނަމަވެސް، މިހުރިހާ ހީކުރުންތަކާއެކުވެސް ސާފުވާން އޮތް އެއް ހަގީގަތަކީ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން، ނަޝީދުގެ ތާއީދާ ނުލާވެސް ކާމިޔާބު ކުރެއްވުން ރައީސް ސާލިހަށް އިންތިހާއަށް މުހިންމުވެގެން ދާނޭކަމެވެ. ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތްކަން ސާބިތު ކޮށްދީ، އެމްޑީޕީގެ އެތެރެއިން ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ސަރުކާރަށް ދާއިރާތަކުގެ ތާއީދު އޮތްކަން ސާބިތު ކޮށްދިނުމަށްޓަކައެވެ.

 

ގުރައިދޫ ދާއިރާގެ ގޮނޑި ހުރިހާ ޕާޓީއަކަށްވެސް މުހިންމު!

ސަރުކާރެކޭ އެއްފަދައިން، ރައްޔިތުންގެ މަޖިލީހުގެ ކުރިޔަށް އޮތް ބައި އިލެކްޝަންއަކީ ދިއިކޮޅު ޕީޕީއެމްއަށްވެސް އަދި މި އިންތިޚާބުގައި ވާދަކުރާ އެމްއެންޕީއަށްވެސް މުހިންމު ބައި އިލެކްޝަންއެއްކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އެއް ސަބަބަކީ، މި އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ، ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅުން ފުރަމުން އައި ގޮނޑިތަކުގެ ތެރެއިން އެއް ގޮނޑި އެޕާޓީއަށް ގެއްލިގެން ދާނެތީއެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން އެޕާޓީއަށް އޮތް ތާއީދު މި އިންތިޚާބުގެ ޒަރިއާއިން ވަޒަން ކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެތީވެސްމެއެވެ.

ހަމަ އެއާއެކު، އެމްއެންޕީއަކީވެސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް އިއުލާން ކޮށްފައިވާ ޕާޓީއަކަށް ވާއިރު، މި އިންތިޚާބު އެޕާޓީއަަށް ކާމިޔާބު ކުރެވިއްޖެނަމަ އެއީ އެޕާޓީގެ ސިޔާސީ ހަޔާތުގައި މިހާތަނަށް ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބީއަށް ވެގެން ދިއުމުގެ އިތުރުން، އެފަދަ ކާމިޔާބީއެއް ވެގެންދާނީ ރިޔާސީ އިންތިޚާބުގައި ރަގަޅު ކާމިޔާބީއެއް ނެރުމަށް އެޕާޓީއަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު ހިތްވަރެއް ކަމުގައެވެ.

ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ކުރިޔަށް އޮތް ގުރައިދޫޫ ބައި އިލެކްޝަންގައި ނަޝީދުގެ އެހީތެރިކަން ސަރުކާރަށް ލިބިގެނެއް ނުދާނެ

އެހެންނަމަވެސް އެއާ ޚިލާފަށް ކުރިޔަށް އޮތް ގުރައިދޫ ދައިރާގެ ބައި އިލެކްޝަންއިން ސަރުކާރުގެ ކެނޑިޑޭޓު ބަލިވެއްޖެނަމަ، އެހެން ޕާޓީތަކަށް މިއިންތިޚާބުން ލިބިގެން ހިގައިދާނެ ނާކާމިޔާބީއަކަށްވުރެ ބޮޑަށް، އެފަދަ ނަތީޖާއަކުން ސަރުކާރަށް ތަހައްމަލް ކުރާންޖެހޭ ގެއްލުން ބޮޑުވެގެން ހިގައިދާނެކަމަށް ގިނަ ބަޔަކު ގަބޫކު ކުރެއެވެ.

އެހެންކަމުން، ކުރިޔަށް އޮތް މަޖިލިސް ބައި އިލެކްޝަންވެސް ވެގެންދާނީ، ސިޔާސީ ވަރުގަދަ، ގަދަ ހިފުމަކަށް ކަމުގައި ގަބޫލުކުރާން ޖެހެއެވެ. އަދި ފާއިތުވެދިޔަ ބައި އިލެކްޝަންތަކާއި ޚިލާފަށް، މި ބައި އިލެކްޝަންއަކީ، އިންތިޚާބުގައި ވާދަކުރާ 3 ކެނޑިޑޭޓުންގެ އިތުރުން، އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތްވެސް ހިމެނޭގޮތުން، ސިޔާސީ 4 ފަރާތެއްގެ ގަދަ ހިފުމަކަށް ވެގެންދިއުމަކީ ވުން އެންމެ އެކަށީގެންވާ ގޮތްކަމުގައި ދަންނަވާން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.