އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) ގެ ފަރާތުން ހުށަހަޅައިފިއެވެ. އެމް.އެން.ޕީ. އިން އެ މައްސަލަތައް ހުށަހެޅީ މިއަދު އެވެ.
މިމައްސަލަތަށް މަޖިލީހަށް ހުށަހެޅުމަށަ އެމްއެންޕީން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ޕާޓީގެ ފަރާތުން އައްޑޫ ސިޓީއަށް ދާދި ފަހުން ކުރި ދަތުރުގައި އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކާމެދު އެ ސިޓީގެ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމާއި، މި ސަރުކާރުގެ ބައެއް މަޝްރޫޢުތަކާއި ސަރުކާރުން ޝާމިލްވާ ތަފާތު އެކި ވިޔަފާރިތައް ހިމެނޭކަމުގައެވެ. އައްޑޫ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާ ހުރީ ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދަވައިނުދެއްވުމާއި، މަޝްރޫޢުތައް ހުއްޓިފައިވުމާއި، ނުވަތަ މަޝްރޫޢުތައް ރޭވިފައިވާގޮތް ސާފުނުވުންފަދަ ކަންކަމާމެދުގައި ކަމަށްވެސް ބުނެފައި ވެއެވެ.
މިކަންކަމުގެ ސަބަބުން، އައްޑޫ ސިޓީގެ ތަރައްޤީ އާއި އިޤްތިޞާދުގެ ދުވެލި މަޑުޖެހި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބެންހުރި ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ނުލިބި، މިފަދަ އެތައް ގެއްލުންތަކެއް އެ ސިޓީގެ ރައްޔިތުންނަށް ލިބެމުންދާ ކަމަށް މި ސިޓީގައި އެމް.އެން.ޕީ. އިން ބަޔާން ކޮށްފައިވެއެވެ.
އަދި އެ މައްސަލަތައް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީއަށް ހުށަހަޅައި، ޕާޓީން އެދިފައިވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން އެ މައްސަލަތައް ދިރާސާކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވައި، މި މައްސަލަތައް ޙައްލުކޮށް މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެ ކޮމިޓީން މަސައްކަތް ކޮށްދެއްވުމަށެވެ.
އެމް.އެން.ޕީ އިން ހުށަހެޅި ކަންކަމުގެ ތެރޭގައި ޝަންގްރިއްލާ ރިޒޯޓް ބަންދުކޮށް ގިނަ ދުވަސްތަކެއްވެ، އެ ރިޒޯޓް އަލުން ހުޅުވުމުގެ މަސައްކަތް ނުހިނގާ މައްސަލައާއި އައްޑޫ ސިޓީގައި 8000 ޓޫރިސްޓު އެނދު ތަރައްޤީ ކުރާނެކަމަށް މި ސަރުކާރުން ވެފައިވާ ވަޢުދު ނުފުއްދާ މައްސަލައިގެ އިތުރުން ދޫގަސް ނުހުޅުވި ލަސްވާ މައްސަލަ ހިމެނެއެވެ. އަދި އެފްކޮން ކުންފުނިން ހިންގާ މަޝްރޫޢުތަކާ ގުޅޭ މައްސަލަތަކާއި އައްޑޫ ސިޓީން އިތުރަށް ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ނުދާ މައްސަލަވެސް އެމްއެންޕީގެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.
ކޮމެންޓު ފޮނުވާ