ރިޔާސީ އިންތިހާބުގައި މުނައްވަރު ވާދަކުރައްވަނީ، ވިދާޅުވީ ނިކުންނަނީ ރައްޔިތުންގެ ފިކުރާއިއެކުކަމަށް!

ރިޔާސީ އިންތިހާބުގައި މުނައްވަރު ވާދަކުރައްވަނީ، ވިދާޅުވީ ނިކުންނަނީ ރައްޔިތުންގެ ފިކުރާއިއެކުކަމަށް!

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2023 11:10
0

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ނިންމަވައިފިއެވެ.

މިފަދަ އިޝާރާތެއް ޑރ. މުނައްވަރު ދެއްވާފައިވަނީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ. ޑރ. މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާއިރު އެމަނިކުފާނު ވަނީ ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

މުނައްވަރު ވިދާޅުވީ ރާއްޖޭގެ އިންތިހާބުތަކުގައި ނަތީޖާ ބުރަވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރަށް ކަން ފެންނަން އޮތަސް މުނައްވަރު ވިދާޅުވީ އެ ދެ ފިކުރަށް ވުރެން ރައްޔިތުންގެ ފިކުރު މާބޮޑު ކަމަށެވެ. ކޯލިޝަނަކާ ނުލައި ވާދަކުރެއްވިޔަސް ރައްޔިތުންނާ އެކު ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވިއެވެ.

"މުނައްވަރު ވިދާޅުވީ ސިޔާސީ ޕާޓީތަކުން އެއްވެސް ފިކުރެއް ނުފެނަ ކަމަށެވެ. ފެންނަނީ ސިޔާސީ ގޮތުން އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ގައުމު ބަހައި ހުސްކޮށްފައި އޮތް ތަންކަމަށެވެ،. އެއް ބޭފުޅަކަށް 40 ޕަސެންޓް އަނެއް ބޭފުޅަކަށް 21 ޕަސެންޓް ދެން ހުންނެވި ބޭފުޅަކަށް 11 ޕަސެންޓް ބަހައި ހުސްކުރާތަން ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތައް އިއްތިހާދުވެ ސަރުކާރު ބަހާލުމުން ބާކީވެ، ނިކަމެތި ވަނީ ދިވެހި ރައްޔިތުންނެވެ. މިއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ވިދާޅުވއެވެ. އޭނާ ވިދާޅުވީ ގައުމުން ފެންނަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކުރާ މަސައްކަތްތަކެއް ކަމަށެވެ. ސިޔާސީ ކަންކަމުން ދުރުވެ ރިޓަޔާކުރައްވަން ގަސްތުކުރައްވައިގެން ހުންނެވިޔަސް ގައުމު މި ހާލަތަށް ދޫކޮށްލެވެން ޒަމީރު ގަބޫލު ނުކުރެއްވޭ ކަަމަށް ވިދާޅުވިއެވެ.

މިއަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރެއްވި ނަމަވެސް، ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމަށްޓަކައި އެ މަނިކުފާނާ މަޝްވަރާ ނުކުރައްވާ ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީއަކާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށާއި، "މި ނުކުންނަނީ ދިވެހި ރައްޔިތުންނާއެކު ކޯލިޝަން ހަދަން" ޑރ. މުނައްވަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.