މިހާރު އޮތް އެމްޑީޕީގެ ވެރިކަން ގެއްލުވާލަން މަސައްކަތް ކުރަމުންދާ މީހުންނަކީ ޕާޓީއަށްވެސް ޤައުމަށްވެސް ހެޔޮއެދޭ ބައެއްނޫންކަމަށް ވިދާޅުވެ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްގެ ރައްދެއް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށާއި، އެމަނިކްފާނުގެ ފަހަތްޕުޅުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންނަށް ދެއްވައިފިއެވެ.
ތ. ހިރިލަންދޫގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީއަކީ ޑީމޮކްރަސީއަށް ފަރިތަ ޑިމޮކްރަސީގެ މަގުން ކަންކަން ކުރުމަށް ބާރު އަޅަމުން ދިޔަ ޕާޓީއެއް ކަމަށެވެ. ޑިމޮކްރަޓިކް ހަމަތަކުގެ މަތީން ވޯޓަކުން ރައްޔިތުން ނިންމާ ގޮތް ގަބޫލު ނުކުރެވި އެއާއި ދެކޮޅު ހަދައި ވަކި ޖަމާއަތެއް ހެދުމަކީ އެއްގޮތަކަށްވެސް އެކަމުން ޕާޓީއަށްވެސް އަދި ޤައުމަށްވެސް ހެވެއް ވާނެ ކަމެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިހާތަނަށްވެސް އެމްޑީޕީ ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ ވަކި މީހެއްގެ ފަހަތުން އުޅެން ނުޖެހި، ޕާޓީގެ ހުރިހާ ގުނަވަންތަކެއް ހަމަކޮށް ޕާޓީއެއްގެ ގޮތުގައި އޮތުމުން ކަމަށެވެ. އެމްޑީޕީ އުފެދި އެތައް އަހަރެއް ވެގެންދާއިރު ހަރު ޕާޓީއަކަށް ވާންޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެއިތުރުން ޕްރައިމަރީއިން މޮޅުވާ މީހެއްގެ ފަހަތަށް ޕާޓީގެ އެންމެން އަރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ވަކި ފެކްޝަނެއް އުފައްދައިގެން މި ވެރިކަން ގެއްލުވާލިޔަސް ޕާޓީގައި ނުހުންނަވާނެ ކަމަށެވެ. އެގޮތަށް އެކަން ކޮށްގެން ޕާޓީގެ ވެރިކަމެއް އޮވެ ވެރިކަން ގެއްލިގެން ދިއުމުން އޭގެ ހިތްދަތިކަން ކުރިމަތިވަނީ އެމްޑީޕީއާއި ދިވެހި ރައްޔިތުންނަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެހެން ހައްދަވައިގެން ވެރިކަން ގެއްލުވާލިޔަސް އަޅުގަނޑުމެން ތިބޭނެކަމަށްތޯ ގަބޫލުކުރައްވަނީ. ނޫން ނުވެސް ތިބޭނަން.
– އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިހާތަނަށްވެސް އެމްޑީޕީ ފެނިގެން ގޮސްފައިވަނީ ވަރަށް ބަދަހި ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. މިހާރުވެސް އޮތް ގޮންޖެހުމަކީ ވަކި މީހަކު ހިތްޕުޅާ ނުވާގޮތަށް ކަންކަން ވާން ފެށުމުން މުޅި ނިޒާމު ގޯސްވުންކަމަށެވެ. ނަމަވެސް ޤައުމަކީވެސް އަދި ޕާޓީއަކީވެސް ވަކި މީހަކު އެކަނި ބުނާގޮތަކަށް އެކަނި ކަންކަން ވާންޖެހޭ ތަނެއްނޫންކަމަށާއި، އޮންނަ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަންކަން ކުރުމަށް ތާއީދު ނުކުރާނަމަ އޭގެ ނުރަނގަޅު އަސަރު ކުރާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެއްވުމުގެ ކޮލިޓީ ހުންނެވި ބޭފުޅެއް ކަމަށެވެ. އެމްޑީޕީއަކީ ވަރަށް ބޮޑު ފިކުރެއް ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެއީ ތަރައްގީއާއި ރައްޔިތުންގެ ކުރިއެރުމާއި އިސްލާހުގެ ފިކުރު ކަމަށެވެ.
ރައީސް ޞާލިހު ވެރިކަމަށް ވަޑައިގެން ދިވެހި އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު ދެއްވި ޔަގީންކަމަކީ އެއްވެސް ތަފާތެއްނެތި ކުޑަރަށެއް ބޮޑުރަށެއް ބެލުމެއްނެތި ޚިދުމަތް ދިނުންކަމަށެވެ. އެކަން ވެރިކަމުގެ ފަހު ދައުރާއި ހަމައަށް އައިރު ކަށަވަރު ކޮށްދެއްވާފައިވާކަމީ ފެންނަން އޮތް ހަގީގަތް ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރޭވެސް އަސްލަމް ވަނީ ރައީސް ނަޝީދު އެމްޑީޕީއާއިއެކީ މަސައްކަތް ކުރުމަށް ގޮވާލާފައެވެ. ނަމަވެސް ރައީސް ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރާކަތެއް ފައްޓަވައި، އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ޞާލިހަށް ތާއީދު ނުކުރައްވާނެކަން ހާމަ ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޞާލިހަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކެނޑިޑޭޓެއް ނޫންކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީން އެހެން ކެނޑިޑޭޓަކު ނެރުންކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.