ރައްޔިތުންގެ މަޖިލީހުގެ މަކުދޫ ދާއިރާގެ މަޖިލިސް ގޮޑި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މިހާރުގެ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ދޭން ނިންމާފައިވާކަމަށް ދެކެވޭ ވާހަތަކަށް އެދާއިރާގެ ގޮޑި މިހާރު ތަމްސީލް ކުރައްވަމުންދާ އެމްޑީޕީ މެމްބަރު މުހައްމަދު ރާއީ ރައްދުު ދެއްވައިފިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައިވެސް އަދާލަތު ޕާޓިން، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރަން ނިންމާ ކޯލިޝަން ހެދުމަށް ވަނީ ނިންމާފައެވެ. ކޯލިޝަން ހެދުމަށް ވެފައިވާ އެއްބަސްވުމުގައި، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ބައެއް ދާއިރާތަކުގެ ގޮޑި އަދާލަތަށް ދޭން ނިންމާފައިވާކަމަށް ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.
މިގޮތުން މަކުނުދޫ ދާއިރާ އަދާލަތަށް ދިނުމަށް ނިންމާފައިވާކަމަށްބުނެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. މިއަޑުތަކާއި ގުޅިގެން މެމްބަރު ރާއީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮޑިއަކީ ވަކި މީހަކު ނުވަތަ ވަކި ޕާޓީއަކީ ބޭނުންވެގެން ބޭނުންހާ ގޮތަށް ނިންމޭނެ ކަމެއް ނޫންކަމަށެވެ. އެއީ އެދާއިރާއެއްގެ ރައްޔިތުން ނިންމާ ނިންމުމެއް ކަމަށާއި، ދާއިރާގެ ރައްޔިތުން ނޭދޭ ގޮތަށް މަޖިލިސް ގޮޑި ނުދެވޭނެކަމަށް ރާއީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިފަދަ ވާހަކަ ދައްކަނީ ޝައްކާއި ވަހުމް އުފެއްދުމުގެ މަގުސަދުގައިި ކަމަށެވެ.
މަޖިލިސް ގޮނޑި ތަކަކީ އެދާއިރާއެއްގެ ރައްޔިތުންގެ ނިންމުމަކަށް ބިނާވާ ކަމެކެވެ. ތާރީޙް އެކަމަށް ހެކިދެއެވެ. މީހަކު ނުވަތަ ޕާޓީ އެއް ބުނާ ބުނުމަކަށް ނިމޭކަން ކަމެއް ނޫންމެއެވެ. MDP ގެ އާއްމު މެމްބަރުންގެ މެދުގައި ޝައްކާއި ވަޙްމު އުފެއްދުމަށްޓަކައި އުފައްދާ ހިޔާލީ ވާހަކައެވެ.
– މެމްބަރު ރާއީ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން ރައީސް ޞާލިޙާއެކު ތިބުމަށް ނިންމާ ނެރުއްވި ޤަރާރުގައި ވަނީ މިވަގުތުގެ ޙާލަތުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް ޢަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު އިންތިޚާބު ކޮށްގެން ކަމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނަކަމަށެވެ.
އަދާލަތު ޕާޓިގެ ޤަރާރުގައި ރައީސް ޞާލިޙަށް ތާޢީދުކުރުމަށް އެޕާޓީން ނިންމީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކޮށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ދަމަހައްޓާ، ދިވެހިރާއްޖޭގެ ސުލްޙަމަސަލަސްކަން ދަމަހައްޓާ، ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށާއި، ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އިޖުތިމާއީ ޢަދާލަތު ޤާއިމުކުރުމަށް އިސްކަން ދިނުމަށްކަމަށް ބުނެފައިވެއެވެ.
އަދި މެނިފެސްޓޯ އެކުލަވާލުމުގައި ޢަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް އެއްބަސްވެވެވިފައި ވާތީ އާއި، ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު ޢަދާލަތު ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި ޢަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާޙައުލު މިވަގުތު އޮތް ގޮތަށް ރިއާޔަތްކުރާ ކޮށްފައިވާކަމަށް އަދާލަތުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ