ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ކެމް ސޮކްހާ 27 އަހަަރަށް ގޭގައި ބަންދު ކޮށްފައި ބެހެއްޓުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ، ކޯވިޑް 19 އާއި އަދި އޭގެ އިތުރުން އޭނާގެ މައްޗަށް އިތުރު ހެކި ހޯދުމަށް ދައުލަތުގެ ވަކީލުންނަށް ދިން އިތުރު މުއްދަތުތަކާއެކު، 3 އަހަރުގެ ދިގު ޝަރީއަތަކަށް ފަހުއެވެ.
ކެމްބޯޑިއާގެ ޕޯމް ޕެންހު މުނިސިޕަލް ކޯޓުގެ ފަނޑިޔާރު ކުރެއްވި ހުކުމުގައި ވާގޮތުން، ކެމްބޯޑިއާ ނޭޝަނަލް ޕާޓީ (CNRP)ގެ ރައީސްކަންވެސް ކުރައްވާ ކެމް ސޮކްހާއަށް، މުއްދަތެއް ނެތް ގޮތަށް ވޯޓު ލުމުގެ ހައްގުވެސް ނޯންނާނެކަމަށް ބުނެފައެވެ. އަދި އޭގެ އިތުރުން ސިޔާސީ އެއްވެސް ހަރަކާތެއްގަ އުޅުންވެސް އޭނާއަށް ވަނީ މަނާ ކުރެވިފައެވެ.
ކެމް ސޮކްހާ ހައްޔަރު ކޮށްފައިވަނީ، އެރެސްޓު ވޮރެންޓެއް ނެތި، 2017 ވަނަ އަަރުގެ ސެޕްޓެމްބަރު މަހުއެވެ. ފުލުހުން ރޭގަޑުގެ ދަންވަރުގެ ވަގުތު އޭނާގެ ގެއަށް ވަދެގަނެއް، ހައްޔަރު ކުރުމަށްފަހު އޭނާ ބަހައްޓާފައިވަނީ ޕްރޮވިންޝަލް ޖަލެއްގައެވެ.
ކެމްބޯޑިއާގެ އެންމެ މަޝްހޫރު އެއް ސިޔާސީ ފަރާތްކަމަށްވާ ކެމް ސޮކްހާގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ، ބޭރުގެ ފަރާތަކަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުތަކެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކެންބޯޑިއާގެ ގާނޫނުލް އުގޫބާތުގެ 443 ވަނަ މާއްދާގެ ދަށުންނެވެ.
ކެމް ހޮސާގެ ޕާޓީ ކަމުގައިވާ ކެމްބޯޑިއާ ނޭޝަނަލް ޕާޓީ (CNRP)ވެސް މިހާރުގެ ސަރުކާރުން ވަނީ އުވާލާފައެވެ. އެގައުމުގައި ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރައްވަމުން ގެންދަވާ، މިހާރުގެ ބޮޑުވަޒީރު ހުން ސެންވަނީ، އެޕާޓީގެ ލީޑަރުގެ ނަން ބޭނުންކުރުމާއި ފޮޓޯ ބޭނުން ކުރުމަކީވެސް ކުށެއްކަމުގައި ކަނޑައަޅުއްވާފައެވެ.
އިދިކޮޅު ވާދަވެރި ޕާޓީއަކާ ނުލާ، މިހާރުގެ ބޮޑުވަޒީރުގެ ކެމްބޯޑިއަން ޕީޕަލްސް ޕާޓީން 2018 ވަނަ އަހަރު ބޭއްވުނު އިންތިޚާބު ކާމިޔާބުކޮށް ވަނީ އެގައުމުގެ މުޅި ސަރުކާރުގެ އޭނާގެ މުށުތެރެއަށް ލައްވާފައެވެ.
އިދިކޮޅު ލީޑަރުގެ މައްޗަށް ހުކުރުދުވަހު އިއްވުނު ހުކުމަށްފަހު، އެމެރިކާއިން ކެމްބޯޑިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރުވަނީ ކަންބޮޑުން ފާޅު ކުރައްވާފައެވެ. އޭނާގެ މައްޗަށް ހިންގު ޝަރީއަތުގައި ކެމް ސޮކްހާ ވަނީ ހުރިހާ ދައުވާއަކަށްވެސް އިންކާރު ކުރައްވާފައެވެ.
2020 ވަނަ އަހަރު ފެށުނު، ކެމް ސޮކްހާގެ މައްޗަށް ހިންގުނު ޝަރީއަތުގައި، 63 އަޑު އެހުމެއްގައި ގާޒީވަނީ، 1993 ވަނަ އޭނާ ސިޔާސީ މަސައްކަތް ފެއްޓެވި ހިސާބުން ފެށިގެން ހިނގާފައިވާ ކަންކަމާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އޭގެ ތެރޭގައި، އޭނާ އިންސާނީ ހައްގުތަކާއި ގުޅުންހުރި ޖަމިއްޔާއެއް ހިންގެވި ދުވަސްވަރު ހިނގައިދިޔަ ކަންކަމާއި ގުޅުން ހުރި ސުވާލުތައްވެސް ހިމެނެއެވެ. އަދި އޭގެ އިތުރުން، މިހާރު ފްރާންސްގެ ޕެރިހުގައި ދިރިއުޅުއްވަމުން ގެންދަވާ ކެމްބޯޑިއާގެ އިދިކޮޅު ލީޑަރެއް ކަމުގައިވާ ސަމް ރައިންސީއާއި އޭނާއާއި އޮންނަ ގުޅުންތަކާއި ގުޅޭގޮތުންވެސް ކޯޓުން ކެމް ސޮކްހާއާއި ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައި ވެއެވެ.
ކެމް ސޮކްހާ ރައީސްކަން ކުރައްވަމުން ގެންދަވާ ކެމްބޯޑިއާ ނޭޝަނަލް ޕާޓީ (CNRP)އަކީ ކެމް ސޮކްހާއާއި ސަމް ރައިންސީއާއި ދެބޭފުޅުންގެ ސިޔާސީ ޕާޓީ އެއްކޮށްގެން އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ.