ޔުނިވާސިޓީ ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފި

ޔުނިވާސިޓީ ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފި

Author
މުޙައްމަދު ޝަޒައިމް
02 މާރޗް 2023 03:34
0

ޔުނިވާސިޓީތަކުގައި މަސައްކަތް ކުރާ ލެކްޗަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކުރިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވަނީ ރާއްޖޭގެ ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އިއުލާން ކުރައްވައިފައެވެ. ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު މި ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، މަތީ ތައުލީމު ދޭ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް އިއްޔެ އިން ފެށިގެން ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ގެނެވުނު ބަދަލާއެކު ޤައުމީ ޔުނިވަރސިޓީގެ ލެކްޗަރާއަކަށް އިތުރުގަޑިއާއެކު ކުރިން 18680 ރުފިޔާ ލިބުނުއިރު، ގެނެވުނު ބަދަލުތަކާއެކު އިތުރު ގަޑިއާ ނުލައި 29900 ރުފިޔާ މިހާރު ލިބޭނެކަމަށެވެ. އަދި މިއީ 59 ޕަސަންޓްގެ ކުރިއެރުމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސީނިއާ ލެކްޗަރާއަކަށް މިހާރު އިތުރުގަޑިއާއެކު 20831 ރުފިޔާ ލިބޭއިރު، އެ މުސާރަ އިތުރު ގަޑިއާ ނުލައި 34000 ރުފިޔާއަށް ބޮޑުކޮށްފައިވާކަމަށެވެ. އަދި އެސިސްޓަންޓް ޕްރޮފެސަރފެ މުސާރަ 23500 ރުފިޔާއިން 39400 ރުފިޔާއަށް، އެސޯސިއޭޓް ޕްރޮފެސަރގެ މުސާރަ 26000 އިން 45000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

މެނޭޖްމަންޓްގެ ލެވަލްގައި މަސައްކަތްކުރާ ފަރާތަކަށްވެސް މުސާރަ ބޮޑުކޮށްފައިވާކަން ރައީސް ވަނީ މިއަދު އިއުލާންކޮށްފައެވެ. އެގޮތުން ޑީންއަކަށް ނުވަތަ ހެޑް އޮފް ސެންޓަރަށް ލިބެމުންދިޔަ 30000 ރުފިޔާ 38000 އަށް ބޮޑުކުރުމާއި، ރަޖިސްޓްރާގެ މުސާރަ 320000 އިން 420000 ރުފިޔާއަށް ބޮޑުކުރުމާއި ޑެޕިއުޓީ ވައިސް ޗާންސެލަރގެ މުސާރަ 39000 އިން 48000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

މީގެއިތުރުން ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮފެޝަންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެޗްޗަރުންނަށް މިހާރު ލިބޭ 14700 ރުފިޔާ އިން 26000 ރުފިޔާއަށް، އަދި ލެކްޗަރުންނަށް ލިބޭ މުސާރަ 17000 ރުފިޔާއިން 29000 ރުފިޔާއަށް އަދި ސީނިއަރ ލެކްޗަރެއްގެ މުސާރަ 17000 ރުފިޔާއިން 34000 ރުފިޔާއަށް ބަދަލުވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ މި ގެނެވުނު ބަދަލާއެކު 760 މުވައްޒަފުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ ސަރުކާރުން މިކަމަށް ހަރަދުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ މުސާރަ ބޮޑުކޮށްދެއްވީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެއެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. އަދި ޔުނިވާސިޓީތަކުގެ މުސާރަ މިހާރު ބޮޑުކޮށްފައިވާއިރު ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި، ޝަރުޢީ ދާއިރާއާއި، އިމާމުންނާއި، މުދިމުންނާއި، ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ. އަދި މުސާރަތައް އެއްހަމަ ކުރުމުގެ މަސައްކަތްތައްވެސް ނޭޝަނަލް ޕޭ ކޮމިޝަނުން އަންނަނީ ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.