ކުލަބް ކެރިއަރުގައި ލިއޮނަލް މެސީގެ 700 ވަނަ ލަނޑާއެކު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެއެވެ.
ރޭ ފްރާންސް ލީގުގައި ވާދަވެރި މާސޭގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި މެސީގެ އިތުރުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭގެ މޮޅު ކުޅުން ވެސް ވަނީ ފެނިފައެވެ. މެޗު ފަށައިގެން 25 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ އެމްބާޕޭއެވެ.
އެއީ މާސޭގެ އޭރިޔާ ބޭރުން މެސީ ދިން ބޯޅައެއް ތިރިތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން އެމްބާޕޭ ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕީއެސްޖީ އަށް ލީޑު ފުޅާކޮށްދިނީ މެސީ އެވެ. އެއީ އެމްބާޕޭ ޖައްސާލި ބޯޅައެއް މާސޭގެ ގޯލް ކީޕަރުގެ ކައިރިން ގޯލަށް ވައްދައިލައިގެންނެވެ. ޕީއެސްޖީގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފުގެ 55 ވަނަ މިނެޓުގައި އެމްބާޕޭ ޖެހީ ވެސް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެޗުގައި މެސީ ޖެހި ލަނޑާއެކު އޭނާގެ ކުލަބު ކެރިއަރުގައި ޖެހި ލަނޑުގެ އަަދަދު ވަނީ 700 އަށް އަރައިފައެވެ. އެއީ މިހާރު އޭނާ ކުޅެމުން އަންނަ ޕީއެސްޖީ އަށް ޖަހައިދިން 28 ލަނޑާއި، ކުރީގެ ކުލަބް ސްޕެއިންގެ ބާސެލޯނާ އަށް ޖަހައިދިން 672 ލަނޑާއެކުއެވެ. މީގެ އިތުރުން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން އެޑިންސަން ކަވާނީގެ ރެކޯޑާ ވެސް އަރާ ހަމަކޮށްފައެވެ. އެމްބާޕޭ ވަނީ ޕީއެސްޖީ އަށް މިހާތަނަށް 200 ލަނޑު ޖަހައިދީފައެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޕީއެސްޖީ އޮތީ 25 މެޗުން ޖުމުލަ 60 ޕޮއިންޓު ހޯދައިގެން އެއް ވަނައިގައެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި މާސޭ އޮތީ 52 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި މޮނާކޯ އޮތީ 50 ޕޮއިންޓާއެކުއެވެ.