ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ތެރޭގައި އަޒްލީނާ ނަފީސް މަރާލި ޤާތިލް، ޒުހައިރު ދިއްފުށީ ޞިއްޚީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ ދިއްފުށީ އުތުރު ފަރާތު ބީޗްގައި ހުރި ޖޯއްޔެއްގައި ޚަބަރު ހުސްވެފައިވަ އޮތް މީހެއް ފެނިގެން އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް މިއަދު މެންދުރު 12:20 ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް، ސިއްޙީ މަރުކަޒުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.
ކުޅުދުއްފުއްޓަށް ނިސްބަތްވާ ޢުމުރުން 48 އަހަރުގެ، ޒުހެއިރު ދިއްފުށީގައި ދިރިއުޅެމުން އައީ އެރަށު މީހަކާއި އިނދެގެންނެވެ.
ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ސެކެޓްރީގެ މަޤާމުގައި މަސައްކަތްކުރަމުންދިޔަ އަޒްލީނާ ނަފީސް މަރާލާފައިއޮތްވާ ފެނުނީ 2001 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ. އަޒްލީނާގެ މަރުގެ މައްސަލަ ޒުހައިރުގެ މައްޗަށް ސާބިތުވެ ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ 2002 ވަނަ އަހަރުގައެވެ. ނަމަވެސް 11 އަހަރު ޙުކުމް ތަންފީޒުކުރުމަށްފަހު 2013 ވަނަ އަހަރު އޭނާވަނީ މިނިވަންވެފައެވެ.
އަޒްލީނާގެ މަރާލި ޙާދިސާއަކީ އެދުވަސްވަރު މުޅި ރާއްޖެއަށްވެސް ބޮޑު ސިހުމެއް ގެނުވި އަނިޔާވެރި މަރެކެވެ. އަޒްލީނާ މަރާލާފައި އޮތްވާ ފެނުނީ އޭނާ މަސައްކަތްކުރަމުންދިޔަ އޮފީހުގެ ފާޚާނާއެއްގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ