ޤަރާރު ހުށަހަޅައި ބަހުސް ކުރުމަށް، ސަރުކާރުގައި ތިބި ޖޭޕީގެ ގިނަ މީހުން ހެދީ ދެކޮޅު!

ޤަރާރު ހުށަހަޅައި ބަހުސް ކުރުމަށް، ސަރުކާރުގައި ތިބި ޖޭޕީގެ ގިނަ މީހުން ހެދީ ދެކޮޅު!

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ނިންމާނެ ގޮތެއް ކަނޑައެޅުމަށް އެޕާޓީގެ ކޮންގްރެސްއަށް ޤަރާރު ހުށަހެޅުމަށްވެސް، އަދި ބަހުސް ކުރުމަށްވެސް ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ވަރަށް ބޮޑަށް ދެކޮޅު ހެއްދެވިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ޖޭޕީގެ ކޮންގްރެސްގައި ބައިވެރިވި އެޕާޓީގެ އިސް ބޭފުޅަކު ވިދާޅުވީ ކޮންގްރެސްއަށް ޤަރާރު އެޖެންޑާ ކުރި ދުވަހުން ފެށިގެން އެއީ އަސާސީ ގަވާއިދާއި ޚިލާފަށް ހުށަހަޅާފައިވާ ޤަރާރެއްކަމަށް އެބޭފުޅުން ވިދާޅުވަމުން ދިޔަކަމަށެވެ. ޤަރާރު ހުށަހެޅުމުންވެސް ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ރައީސް އޮފީހުގެ މިނިސްޓަރ ސަމީރުއައި، ފިޝަރީޒް މިނިސްޓަރ ޑރ.ހުސެއިން ތަނުގެ ކޯރަމާއި، ޤަރާރުގެ ޤާނޫނީ ހައިސިއްޔަތާއިމެދު ވަނީ ސުވާލު އުފައްދާފައެވެ.

މިކަންކަން ސީދާ ޖަވާބު ދެއްވީ އެވަގުތު ރިޔާސަތު ބެލެހެއްޓެވި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމެވެ. ޤާސިމް ވިދާޅުވީ މިއީ ވަރަށް މުހިންމު ޤަރާރެއްކަމަށެވެ. ޖުމްހޫރީ ޕާޓީންވެސް މިފަދަ މުހިންމު ކަމެއްގައި ޚިޔާލް ބަދަލުކޮށް މަޝްވަރާ ކުރެވެގެންޖެހޭކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވަނީ އެޕާޓީގެ އަސާސީ ގަވާއިދުގެ ތެރެއިން ޤަރާރު ހުށަހަޅައި ބަހުސް ކުރުމުގެ ޖާގަ ލިބިދޭކަމަށް ވިދާޅުވެފައެވެ. އަދި ޤާނޫނީ ގޮތުން ބަހުސް ކުރުމަށް ބޭނުންވާ އަދަދުވެސް އެބަގުތު ހޯލުގައި ތިބިކަން ހާމަކޮށްފައެވެ.

ޤަރާރަށް ބަހުސް ކުރުމަށް ހުޅުވާލުމުން ފުރަތަމަވެސް ވާހަކަ ދެއްކެވީ ސަމީރެވެ. އޭނާ ވަނީ ޖޭޕީން ވަކިން ނިކުންނަން ދެކޮޅު ހައްދަވައި ސަރުކާރު ކޯލިޝަނާއިއެކު ކުރިއަށް ދިއުމަށް ދަންނަވާފައެވެ. ނަމަވެސް އޭނާގެ ފަހުން ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވާހަކަ ދެއްކީ ޖޭޕީން ރިޔާސީ އިންތިޚާބުގައި ނިކުންނަންޖެހޭކަމަށް ވިދާޅުވެއެވެ. އަދި ޤާސިމަކީ ކޮންމެ ފަހަރަކު ވެރިކަން ހޯދައިދޭން ހުރި މީހަކަށް ވެގެން ތިބެވެން ނެތްކަމަށް ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ޤާސިމް ވަނީ ޤަރާރަށް ތާއީދުކޮށް، މިފަދަ ޤަރާރެއް ހުށަހެޅި ޖޭޕީން ކެނޑިޑޭޓަކު ނުނެރޭނެކަމަށް ހީކޮށްތޯ ސުވާލުކޮށްފައެވެ. އަދި ޖުމްހޫރީ ޕާޓީއަކީ ތަސައްރަފް ފުދިފައިވާ އިންތިޚާބުތަކުގައި ވާދަކުރުމުގެ ގާބިލްކަން ހުރި ޕާޓީއެއްކަމަށް ވިދާޅުވެފައެެވެ.

ރޭގެ ބަހުސް ކުރިއަށް ދިއިޔައިރު، ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން އެގަޑީގައި އެތަނަށް ހާޒިރުވެސް ވެފައިނުވެއެވެ. އެގޮތުން ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއި، އިމިގްރޭޝަން ކޮންޓްރޯލާ ހަނަފީއާއި އެނޫންވެސް އެކި މަޤާމުތައް ފުރުއްވާ ގިނަ ބޭފުޅުން ބަހުސް ހިނގި ވަގުތު ވަޑައިގެންފައިނުވެއެވެ.

ރޭ ފުރަތަމަ މި ޤަރާރު ހުށަހަޅައި ބަހުސް ކުރުމަށް ނިންމީ 9:30 ގައެވެ. ނަމަވެސް ޤަރާރު ހުށަހެޅުމަށް ހުރަސް އެޅުމަށް ކުރި މަސައްކަތުން ކުރެވުނު މަޝްވަރާތަކަށްފަހު ނިންމީ 10:30ގައި ބަހުސް ކުރުމަށެވެ. ބަހުސް ފަށަމުންވެސް ޤާސިމް ވަނީ އެއްބޭފުޅަކު އަނެއްބޭފުޅަކަށް ޒާތީ ގޮތުން ދިމާކޮށް ވާހަކަ ނުދެއްކުމަށް އަންގާފައެވެ. އަދި އެއްވެސް ބޭފުޅަކަށް ކުޑައިމީކޮށް ވާހަކަ ދައްކާނަމަ ވަގުތުން ހުއްޓުވާނެކަމަށްވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުނު މިޤަރާރު ފާސްވީ އެވަގުތު ހޯލުގައިތިބި އެންމެންގެ އިއްތިފާގުން، ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ބެލެވޭ ގޮތުގާ ސަރުކާރުގާތިބި ޖޭޕީގެ މެންބަރުން ޖޭޕީ ދޫކޮށް ދާނެ، އެއްވެސް މީހަކަށް އިތުބާރެއް ނެތް ސަރުކާރުގާ ތިބި ޖޭޕީގެ މެންބަރުން އެތިބީ ބޮލަށް ފޮއްތާލާފަ ތިބި ގުންބަޅަ ތަކެއްހެން.

Leave a Reply

Your email address will not be published. Required fields are marked *