ގާނޫނުގައި ހެލްމެޓް އެޅުން ލާޒިމްނުކުރާ ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ މީހުނާއި މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.
ހެލްމެޓުން މޫނު ނިވާކޮށްގެން ތިބެ މީހުންނަށް ހަމަލާދިނުމާއި ކުށްތަކަށް އަރައިގަތުމުގެ މައްސަލަތަކެއް ފެންމަތިވަމުންދަނިކޮށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހެލްމެޓު އެޅުން ގާނޫނުން ލާޒިމުކޮށްފައި ނުވާ ސަރަހައްދުތަކުގައި ކާކުކަން ވަންހަނާކޮށް ކުށްކުށަށް އަރައިިގަތުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން ބައެެއް މީހުން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމްކޮށްފައިނުވާ ސަރަހައްދުތަކުގައި، ކާކުކަން ނޭނގޭ ގޮތަށް ކުއްތަކަށް އަރައިގަތުމުގެ ނިޔަތުގައި ބައެއް މީހުން ހެލްމެޓް އަޅައިގެން އުޅޭކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މިގޮތުން ހެލްމެޓް އަޅަންނުޖެހޭ ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ، ތުހުމަތުކުރެވޭ މީހުން ބަލައި ފާސްކުރާނެކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ހެލްމެޓް އަޅައި މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޓޭކްއަވޭ އުސޫލުން ކާބޯތަކެތި ވިއްކާ "ޖޫސް ޓައިމް"އަށް ވަދެ މަރުތޭލުން ތަޅައި އެ ތަން ސުންނާފަތިކޮށްލައިފަ އެވެ. އެ ތަނަށް ހަމަލާ ދިން މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
އުޅަނދު ދުއްވަން އިންނަ މީހާއާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެޅުން ލާޒިމްކޮށްފައިވަނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައެވެ.
ކޮމެންޓު ފޮނުވާ