މަސައްކަތްކުރާނީ ހަމަޖެހުމާ ތަރައްޤީއަށް ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް: ރައީސް

މަސައްކަތްކުރާނީ ހަމަޖެހުމާ ތަރައްޤީއަށް ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް: ރައީސް

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2023 08:11
0

މަސައްކަތްކުރާނީ ރާއްޖޭގެ ހަމަޖެހުމާ ތަރައްޤީއަށް ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި ކޯލިޝަން ހެދުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމުމާއި ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ޞާލިހު ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއިއެކު ކުރިއަށް ދިއުމަށް އެމްޑީއޭއިން ނިންމި ނިންމުމަށް މަރުހަބާ ދަންނަވާފައެވެ. އަދި މަސައްކަތް ކުރައްވަމުންދަނީ ރާއްޖޭގެ ޑިމޮރްސީއާއި ތަރައްޤީގައި ފެށި ދަތުރު ކާމިޔާބު ކަމާއިއެކު މަޑު ނުޖެހި ކުރިއަށް ގެންދިއުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުޙަބާ އަދި ޝުކުރު ދަންނަވަން. އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްޤީއާ ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމްޑީއޭއިން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތަނަވަސް އަޣުލަބިއްޔަތުން ވަނީ ރައީސް ޞާލިހާއެކު ކުރިއަށްދާން ފާސްވެފައެވެ. ރައީސް ޞާލިހާއެކު ކުރިއަށްދާން ފާސްވީ ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ވޯޓުންނެވެ. އެމްޑީޕީއާއެކު ކޯލިޝަން ހެދުމާއި ދެކޮޅަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ.

އެމްޑީއޭއިން ހާމަކުރި ގޮތުގައި ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުން ގާއިމްކުރުމަށްޓަކައި އެމްޑީއޭގެ ކައުންސިލް މީޓިން އިން މިއަދު ނިންމާފައިވަނީ ރައީސް ޞާލިހަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތް ކޮށްދިނުމަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ކަމަށެވެ.

އެމްޑީއޭއިން، ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއެކު ކުރިއަށްދާން ނިންމާފައިވާއިރު، އަދާލަތު ޕާޓީންވެސް ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުމަށް ސިޔާމް ނިންމެވިއިރު، ދާދިފަހުން ސިޔާމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެޕާޓީން ވަނީ، ކޯލިޝަން ހެދުމުގެ ބާރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެއްވާފައެވެ. އަދި ރައީސް ވަނީ ކޯލިޝަން ހެދުމުގެ ދަޢުވަތު ބައެއް ސިޔާސީ ޕާޓީތަކަށް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.