ސިޔާސީ މަސައްކަތުގެ ތެރޭގައި ލިބޭ އަނިޔާތަކާއި، ގެއްލުންތަކަކީ އެވަގުތަށް ލިބޭ ކަންތައްތަކެއް ކަމަށާއި، އެކަމެއް ވެދިއުމުން އެކަން ހިތު އަޅައި ހަސަދަވެރިވެ ބަދަލު ހިފުމަކީ ކުރާނެ ކަމެއް ނޫންކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ޤާއުމީ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ސިޔާސީ އިސްލާހީ މަސައްކަތުގައި މިވީ 20 އަށް އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަމާއި ކުރިމަތިލާންޖެހުނު ކަމަށެވެ. ޚާއްސަކޮށް މިއަދުގެ ޖަލްސާގައި ޤާސިމް ވަނީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ލިބި ވަޑައިގެންނެވި އަނިޔާތަކުގެ ވާހަތައް ހަނދާން އާކޮށްފައެވެ.
ސިޔާސީ ގޮތުން އެތައް ދުވަހަކު ޖަލަށްލެވި އެކި ފަހަރު މަތީން އެކި އަނިޔާތަކެއްވި ގިނަ ބަޔަކު މިއަދުވެސް ސިޔާސީ މަސައްކަތުގައި ތިބިކަން ޤާސިމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިއަދު އަނެއްކާ އެކަންކަމުގައި ހަސަދަވެރިވެ ބަދަލު ހިފަން ވެއްޖެ ނަމަ އެއީ އެކަމުން ނުރަނގަޅު ނަތީޖާ ނިކުމެދާނެ ކަމެއްކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ އޭނާއަށް އަނިޔާކޮށް އަދި އުޅެންޖެހުނު ހިތްދަތި ދުވަސްތަކާއި ގުޅިގެން މިއަދު އެކަންކަމުގެ ބަދަލު ހިފައި އެއްވެސް މީހަކަށް އަނިޔާވާކަށް ނޭދޭކަމަށެވެ. އަދި އެކަން ކުރި އެންމެންނަށްވެސް ހިތް ހަލާސްކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ހިތް ހަލާސް ކުރިކަމަށް ވަކި މީހެއްގެ ނަމެއް ވިދާޅުނުވި ނަމަވެސް ވާހަކަފުޅު ބައްޓަން ކުރެއްވި ގޮތުން އެއީ ރައީސް ޔާމީނަށް ކަން އެގެއެވެ.
މިބާވަތުގެ ކަންތައްތަކުގެ ތެރޭގައި އުޅޭއިރު، ސިޔާސީ މަސްރަހުގައި ދިމާވާނެ ސިޔާސީ ކުޅިގަނޑުތައް. އެއީކީ އަޅުގަނޑުމެން އެކަކު އަނެއްކަކަށް ހިތް ބޮޑުކޮށްގެން ހަސަދަލައިގެން ފަހަތުން ދުވެ، ނުނެއްޓިގެން އުޅެންޖެހޭ ސަބަބެއް ނޫން. އަޅުގަނޑުގެ ހަމަ ގައިމުވެސް ހިތް ހަލާސް. އަޅުގަނޑުގެ ހިތް ހަމަ ގައިމުވެސް ވަރަށް އިޚުލާސްތެރި ކަމާއިއެކު ޚަލާސްކުރަން. ހަމަ އެއްވެސް ކަހަލަ ހިތް ބުރަކަމެއް އަޅުގަނޑުގެ ނެތް އެސްވެސް ބޭފުޅަކާއި މެދުގަ.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އަބަދުވެސް އިސްކަން ދޭންޖެހޭނީ ޤައުމު އިސްކޮށްގެން ކަަމަށެވެ. ދުނިޔެއަށް އަންނަ ބަދަލުތަކާއިއެކު ޤައުމަށް އަންނަ ބަދަލުތަކާއި، ރައްޔިތުންނަށް ގެއްލުން ކުޑަވާނެހެން ކަންކަން ކުރުމަކީ ކޮންމެ ވެރިއެއްގެވެސް މަސްއޫލިއްޔަތު ކަމަށެވެ.
ދުނިޔޭގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު ރާއްޖެ ކަހަލަ ކުޑަ ގައުމަކުން ވިސްނަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. މިފަދަ ކުދި ޖަޒީރާ ޤައުމުއްގައި ކޮންމެ ރަށެއްގައި ހުންނާނެ ކަންކަން ކޮންމެ މީހަކަށްވެސް ވިސްނާލީމާ އެނގޭނެ. މިއަދު ދިރިއުޅުމުގެ އަގު ބޮޑެވެ، ފައިސާގެ އަގުދަނީ ބޮޑުވެގެން. މިއީ ޤައުމުގެ ހިންގަމުގައި ހަވާލުވެ ތިއްބެވި ބޭފުޅުން ވިސްނަންޖެހޭ ކަންކަން. ޖުމްހޫރީ ޕާޓީ އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންގެ ޚިދުމަތުގައި.
– ޤާސިމް ވިދާޅުވިއެވެ.
މިއަދު ފެށި ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސްގައި އެޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާހުތައް ފާސްކުރުން މިއަދު އޮންނާނެއެވެ. އަދި މިރޭ އެޕާޓީގެ ކައުންސިލާއި، ޕާޓީގެ އެކި މަޤާމުތަކަށް ކުރިމަތިލާފައިވާ ބޭފުޅުންގެ މެދުގައި ވޯޓު ނެގުން ކުރިއަށްދާނެއެވެ.
ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންގްރެސްގައި މާދަމާ އެޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނިންމާނެ ގޮތަކާއި ގުޅޭގޮތުން ހުށަހެޅިފައިވާ ޤަރާރަށް ބަހުސްކޮށް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާރޭ ޤައުމީ ކޮންފަރެންސް ނިންމުމުގެ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ