ރައީސްގެ ޝުކުރު އަދާލަތު ޕާޓީއަށް

ރައީސްގެ ޝުކުރު އަދާލަތު ޕާޓީއަށް

އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާ، އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ނިންމުމާއި ގުޅިގެން ރައީސް ސާލިހު އެޕާޓީއަށް ޝުކުރު އަދާ ކޮށްފިއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއިދު ކުރުމަށް ނިންމައި އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ނިންމިކަން އިއުލާން ކުރުމާއެކު، ރައީސް ސާލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިޔަށްދިއުމަށް ނިންމި ނިންމުމަށް މަރުޚަބާއާއި ޝުކުރުދަންނަވާ ކަމުގައެވެ. އަދި ވިދާޅުވީ، ދިވެހިރާއްޖެއަށް ހަމަޖެހުމާއި އުފާވެރި މާދަމައެއް ހޯދައިދިނުމުގައި އެންމެން އެކީ ގުޅިގެން ކުރިއަށްދިޔުމަށްވެސް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމުގައެވެ.

މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ކޯލިޝަނެއްގައި އޮތް އަދާލަތު ޕާޓީން ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމާފައިވަނީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކްފާނަށް ތާއީދުކޮށް، ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމުގެ މަޝްވަރާ އަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެޕާޓީގެ ކިބައިން އެދިވަޑައިގަތުމުންނެވެ.

މި އިންތިހާބުގައި ކޯލިޝަން ހެދުމަށް، އަދާލަތު ޕާޓީގެ އިތުރުން މިހާރު ވެސް ސަރުކާރާއެކު ތިބި ސިޔާސީ އެހެން ޕާޓީތަކަށް ވެސް ރައީސް ސާލިހު ދައުވަތު ފޮނުއްވި ނަމަވެސް އެންމެ ފުރަތަމަ ގޮތެއް ނިންމައި އެ މަނިކުފާނާއެކު ތިބޭނެ ކަމުގެ ޔަގީންކަން ދީފައި މިވަނީ އަދާލަތު ޕާޓީންނެވެ.

މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކޮށްގެން ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނާތީ.

އެމްޑީޕީއާއެކު ކޯލިޝަން ހަދާ، ރައީސް ސާލިހަށް ތާއީދުކުރަން ނިންމިކަން އިއުލާންކޮށް އަދާލަތު ޕާޓީން ހާމަ ކޮށްފައި ވެއެވެ.

އެ ޕާޓީން މި ނިންމުން ނިންމީ ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި ސިޔާސަތުތައް ތަންފީޒުކުރަން އެ ޕާޓީއަށް ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު މިވަގުތު އޮތް ގޮތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް، ރައީސް ސާލިހަށް ތާއީދުކުރާކަން ހާމަކޮށް އެޕާޓީން ނެރެފައިވާ ގަރާރުގައި ބުނެފައިވެއެވެ. ހަމައެހެންމެ މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތުގެ ބައިވެރިވުން ފުރިހަމައަށް ހޯދަން އެމްޑީޕީން އެއްބަސްވެފައިވާކަން ވަނީ ހާމަކޮށްފައެވެ.

އަދި، އެ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށް ފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް އިސްކަން ދިނުމަށް ވެސް އެއްބަސްވެފައިވާކަން އަދާލަތުން ވަނީީ ހާމަކޮށްފައެވެ.

ގަރާރުގައި ބުނާގޮތުން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމި އެއް ސަބަބަކީ މެނިފެސްޓޯ އެކުލަވައިލާއިރުގައި، އިސްލާމީ އުސޫލުތަކާއި ހަމަތަކާއި ދެފުށް ފެންނަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް އިސްކަން ދިނުމަށާއި މެނިފެސްޓޯ އެކުލަވައިލުމުގައި އެ ޕާޓީގެ ބައިވެރިވުން ފުރިހަމަ އަށް ހޯދުމަށް އެއްބަސްވެފައިވާތީއެވެ.

އަދާލަތުން ރައީސަށް ތާއިދުކުރަން މި ނިންމީ މިހާރު އޮތް ސަރުކާރު ކޯލިޝަން ކުރިއަށް އޮތް ފަސް އަހަރު ވެސް ކުރިއަށް ގެންދިއުމަށް އެ ޕާޓީގެ އިތުރަށް ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓަށް ވެސް ރައީސް ސޯލިހު ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮށެވެ. އޭގެ ތެރެއިން ގޮތް ނިންމީ އަދާލަތުން އެކަންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *