ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރެ ކޯލިޝަން ހެދުމަށް އެމްޑީއޭއިން ނިންމައިފި

ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނުނެރެ ކޯލިޝަން ހެދުމަށް އެމްޑީއޭއިން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
22 ފެބްރުއަރީ 2023 07:30
0

ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ރައީސް ކަމަށް ވާދަނުކޮށް ކޯލިޝަން ހަދަން ނިންމައިފިއެވެ.

އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ އެމްޑީއޭގެ ކައުންސިލަށް ސިޔާމް މިއަދު ބަޔާނެއް ހުށަހަޅުއްވައި، ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމާފައިވާ ކަމަށް އެންގެވި ކަމަށެވެ. ސިޔާމް އެ ނިންމުން ނިންމެވީ ސިޔާސީ އަދި އިގްތިސާދީ ގޮތުން މި ވަގުތު މާހައުލު ވަރަށް ހަލަބޮލިވުމާ ގުޅިގެން ގައުމީ މަސްލަހަތު އިސް ކުރެއްވުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެމްޑީއޭގެ ކައުންސިލުން މިއަދު ނިންމި ދެވަނަ ކަމަކީ ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. އެއީ ކޮން ރިޔާސީ ކެންޑިޑޭޓެއް ކަމެއް އަދި ނުނިންމާ ކަމަށާއި އެކަމަށްޓަކައި މަޝްވަރާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެހެން ޕާޓީތަކުގެ ފަރާތުން ވެސް އެދިފައިވާ ކަމަށް މައުރޫފް ވިދާޅުވިމައުރޫފް ވިދާޅުވީ އެމްޑީއޭއާ ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ހުރި ސިޔާސީ ޕާޓީތަކާ އެކުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެމްޑީއޭ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޮންމެވެސް އެއް ބަޔަކާ އެކުގައި ކޯލިޝަން ހަދާނެ ކަމުގެ ޔަގީން ކަން މައުރޫފް ދެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯލިޝަން ހެދުމަށް އެމްޑީއޭގެ ބައެއް މެމްބަރުން ޝައުގުވެރިވެވަޑައިގަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ. އެކަމަކު، ކޯލިޝަން ހަދާނެ ބައެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށްޓަކައި އެމްޑީއޭ އިން ވަނީ ފަސް މެމްބަރުންގެ ކޮމިޓީ އެއް ވެސް އެކުލަވާލައިފައެވެ. ނަމަވެސް މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަމެއް މައުރޫފް ވިދާޅެއް ނުވެއެވެ.

ކޯލިޝަން ހެދުމާ ގުޅޭ މަޝްވަރާތައް ކުރުމަށް އަންނަ ހުކުރު ދުވަހު ވެސް އެމްޑީއޭ ކައުންސިލްގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން ސިޔާމް ނިންމެވި އިރު ދާދި ފަހުން އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލެއް ނުދެއްވައެވެ.

ޕީޕީއެމްގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވެސް މިއަދު ވަނީ އެ ޕާޓި އާ ކޯލިޝަން ހެދުމަށް އެމްޑީއޭ އަށް ދައުވަތު އަރުވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.