ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ފަހަތުން އަރައި 5-2 އިން ރެއާލް މެޑްރިޑް މެޗު ކާމިޔާބު ކޮށްފިއެވެ.
މިއީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ލިވަޕޫލްގެ ދަނޑުގައި އެ ޓީމު ކޮޅަށް ފަސް ގޯލު ވަން ފުރަތަމަ ފަހަރެވެ. މިއީ ދާދި ފަހުން ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ރެއާލުން ލިވަޕޫލް ދަނޑުގައި ހޯދި އެންމެ ބޮޑު މޮޅެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަތަރު ވަނަ މިނިޓުގައި ލިވަޕޫލުން ލީޑު ނެގީ މުހައްމަދު ސަލާހުގެ ހުރަހެއް ބެކްހީލުން ޖަހައި ޑާވިން ނޫނޭޒް ކާމިޔާބު ކުރި ގޯލުންނެވެ. އޭގެ 10 މިނިޓު ފަހުން ކީޕަރު ތިބައު ކޯޓުއާ އަތުން ދޫވި ބޯޅައަކުން ލީޑް ފުޅާ ކޮށްދިނީ ސަލާހެވެ.
ލިވަޕޫލުން ފޯރީގައި މެޗް ފެށި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލުން ވަނީ ވިނީޝިއަސް ޖޫނިއާގެ ދެ ގޯލުން ނަތީޖާ އެއްވަރު ކޮށްފަ އެވެ. ފުރަތަމަ ލަނޑު 21 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިންއިރު އެއްވަރު ކުރީ 36 ވަނަ މިނިޓުގައި އެލިސަން ބެކާ ކުރިއަށް ޖެހި ބޯޅަ ވިނީޝިއަސް ފައިގައި ޖެހިފައި ގޯލަށް އޮއްސުނު ބޯޅައިންނެވެ.
ދެވަނަ ހާފުގައި ވެސް ޗެމްޕިއަން ރެއާލުން ހުއްޓައެއް ނުލި އެވެ. އެގޮތުން ދެވަނަ މިނިޓުގައި އޭރިއާ ރޮނގާ ކައިރިން އަރިމަތިން ވިނީޝިއަސް ވައްޓާލުމުން ދިން ހިލޭޖެހުން ފޮނުވާލީ ލޫކާ މޮޑްރިކެވެ. ރެއާލުން ފުރަތަމަ ލީޑު ނެގީ މޮޑްރިކް ހުރަސްކޮށްލި ބޯޅަ އެޑާ މިލިޓާއޯ ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ އަށް މިނިޓު ފަހުން ބެންޒެމާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޖޯ ގޯމޭޒް ފައިގައި ޖެހުމުން ކީޕަރަށް އޮޅުނީމައެވެ. ބެންޒެމާގެ ދެވަނަ ލަނޑު ޖެހީ 67 ވަނަ މިނިޓުގައެވެ.
ޗެމްޕިއަންސް ލީގުގައި ރެއާލާ ދެކޮޅަށް އެންމެ ފަހުން ލިވަޕޫލް ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުހޯދެއެވެ. ރެއާލް ވަނީ އޭގެ ތެރެއިން ހަތް މެޗު ކާމިޔާބު ކޮށްފައެވެ.
ރޭގެ ނަތީޖާއާ އެކު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދަން ލިވަޕޫލުން ކުރަން ޖެހޭ މަސައްކަތް މިވަނީ އިތުރު ވެފައެވެ. މުބާރާތުގައި އޮންނަން ބޭނުން ނަމަ ދެވަނަ ލެގުގައި އެޓީމުން ހަތަރު ގޯލުގެ ތަފާތަކުން ރެއާލްގެ ދަނޑުގައި ރެއާލް ބަލިކުރަން ޖެހެއެވެ.