އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކޮށް މަޝްވަރާއަށް ފޮނުވި ސިޓީއަށް އަދާލަތު ޕާޓީން އެހާ އަވަހަށް ޖަވާބު ދިނުމުން ސަރުކާރުގެ ބޮޑު ޕަސެންޓެއް ދޭންވާނެކަމަށް މޯލްޑިވިއަަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރުމުގެ ކުރިން އެމްޑީޕީއާ އެކު މަޝްވަރާ ކުރުމަށެވެ.
އަދާލަތުގެ ނިންމުމާއި ގުޅިގެން ޖެނީ ވިދާޅުވީ ރައީސް ޞާލިހު ފޮނުއްވި ސިޓީއަށް މިހާ އަވަހަށް އަދާލަތު ޕާޓީން ޖަވާބު ދިނުމުން އެޕާޓީއަށް ސަރުކާރުގެ ބޮޑު ޕަސެންޓެއް ދޭން ޖެހޭކަމަށް ގަބޫލު ކުރައްވާކަމަށެވެ.
އެހާ އަވަހަށް ސިޓީގެ ޖަވާބު ދިނީމަ އަދާލަތަށް ސަރުކާރުގެ ބޮޑު ޕަސެންޓެއް ދޭން ވާނެ.
– ޖެނިފާ ވިދާޅުވިއެވެ.
ރައީސްގެ ސިޓީފުޅު، މި ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމަށް ވެސް ވަނީ ފޮނުއްވައިފަ އެވެ. ނަމަވެސް، އެ ސިޓީއާ މެދު އެ ޕާޓީތަކުން އަދި ވަކި ގޮތެއް ނުނިންމައެވެ. އެކަމަކު، ޖުމްހޫރީ ޕާޓީން އަންނަ ހުކުރާއި ހޮނިހިރު ދުވަހު ބާއްވާ އެ ޕާޓީގެ ކޮންގްރެސް ގައި އިންތިހާބާ ގުޅޭ މުހިއްމު ނިންމުންތައް ނިންމާނެ ކަމަށް ބެލެވެއެވެ.
ރައީސްގެ ސިޓީފުޅާ މެދު މަޝްވަރާކުރުމަށް ފަހު، އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އެހެން ވެރިކަންތަކާ އަޅާ ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރުގައި ކުރެވުނު "ފަހި ތަޖުރިބާ އަށް" ރިއާޔަތްކޮށް، އާ ދައުރަށް އެ މަނިކުފާނަށް ތާއީދު ކުރުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވަނީ ފުރަތަމަ ބުރުގައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވާށެވެ. އެހެންވެ، ދެވަނަ ބުރުގެ ވާހަކައެއް ރިޔާސީ އިންތިހާބުގައި އެ މަނިކުފާނުގެ އެޖެންޑާގައި ނެތެވެ.
ކޮމެންޓު ފޮނުވާ