ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ރޯކޮށްލަން ގޮވާލި އައްބާސް އާދިލް ރިޒާއަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މިދިޔަ ސަރުކާރުގައި މެލޭޝިއާގައިި ހުންނަ ދިވެހި އެމްބަސީގައި އިސް މަޤާމެއް އަދާކޮށްފައިވާ އައްބާސް ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން ޓްވިޓާގައި ގޮވާލާފައިވަނިކޮށެވެ. ގާނޫނުލްއުގޫބާތުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާއެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
ޑިސެމްބަރު 22، 2022 ގައި ކްލަބްހައުސްގައި ވާހަކަ ދައްކަމުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން އައްބާސް ވަނީ ޕެޓްރޯލާއި ވާބުރި ފަދަ ތަކެތި ހޯދައި މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދީފައި ކަމަށް ދައުވާގައިވެއެވެ.
އޭގެ އިތުރުން ޖެހިގެން އައި ދުވަހު އޭނާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާ ކަމަށް ވެސް އެ ދައުވާގައިވެއެވެ.
އިންޑިއާ ހައިކޮމިޝަނުގައި ހުޅުޖަހަން އައްބާސް ގޮވާލުމުން އޭނާ ހައްޔަރުކޮށް ދެފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. އަދި މިިދޔަ މަހުގެ 13ގައި އޭނާ ވަނީ ދޫކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ