ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ތައްޔާރުވާން ފަށާފައިވާއިރު، ކޮންމެ ސިޔާސީ ޕާޓީއަކުން ދަނީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް، ނުވަތަ އާ ސަރުކާރެއް އުފެދިގެން ދާއިރު، "ކޭކުން" ވީހާވެސް ބޮޑި ފަޅިއެއް ކަށަވަރު ކުރުމަށް ސިޔާސަތުތައް ރާވާ، "ބައި ބޮޑު ކުރުމަށް" މަސައްކަތް ކުރަމުންނެވެ.
އެގޮތުން، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭކަން މިހާތަނަށް ސައްތައިން ސައްތަ ޔަގީން ކުރެވިފައި ހަމައެކަނި ކެނޑިޑޭޓު ކަމަށްވާ، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު މިހާރުވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާ، ފާއިތުވި ރިޔާސީ ޕްރައިމަރީގައި ވައުދުވީ ފަދައިން ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ކޯލިޝަން ހެދުމުގެ މަސައްކަތް ފައްޓަވާފައެވެ.
މިގޮތުން ރޭގެ ވަގުތެއްގައި، ސަން އައިލެންްޑް ރިސޯޓުގައި، ރައީސް ސާލިހުގެ ފަރާތުން، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްއާއި ބައްދަލު ކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެވުނީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހުއާއި ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމާއި ގުޅޭގޮތުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އެއްވެސް ކަމަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި އެއްބަސްވެފައިވާކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

އޭގެ އިތުރުން ޖުމުހޫރީ ޕާޓީން އެޕާޓީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުން ދާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން އިއުލާން ކޮށްފައިވާ އެމްއެންޕީއިންވެސް މިހާރު ތައްޔާރު ވަމުންދަނީ އެޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ކާނަލް ނާޒިމްއާއި ހަވާލުވުމަށް ތައްޔާރު ވަމުންނެވެ.
އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގައި ވާދަކުރާނޭކަން އިއުލާން ކޮށްފައިވާ ގިނަ ޕާޓީތަކުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ޕާޓީތަކުގެ އެތެރެ އިންތިޒާމުކޮށް، ސަފުތައް ރުކުރުވާލުމަށް ތައްޔާރު ވަމުންދާއިރު، އެންމެބޮޑު އިދިކޮޅު ޕާޓީގެ އެތެރެއިން އަދިވެސް ފެންނަމުންދަނީ މިއާއި ޚިލާފް، ވަރަށްވެސް ތަފާތު މަންޒަރެއް ކަމުގައި ދަންނަވާން ޖެހެއެވެ.
އެޕާޓީން އަދިވެސް ވަކާލާތު ކުރަމުންދަނީ، 11 އަހަރަށް ޖަލަށް ލާފައިވާ، އެޕާޓީގެ ރައީސް، ކުރީގެ ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެކަމަށް ބުނަމުންނެވެ. ކުރަމުން ދަނީ މުޒާހިރާއެވެ. ރިޔާސީ އިންތިޚާބަށް އަމާޒުކޮށް އެއްވެސް މަސައްކަތެއް ކުރެވިގެންދާ ތަނެއް ފެންނާނަކަށް ނެތެވެ.
އަދި، ޕާޓީގެ ލީޑަރޝިޕްގައި އިސްކޮށް ތިއްބެވި ގިނަ ބޭފުޅުންވެސް، މިއުސޫލުން އަދިވެސް، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވޭނެކަމަށް އަޑު އުފުލަމުން ދަނީ ހިތާއި ދެކޮޅަށް ކަމީވެސް އެންމެން ދަންނަ ބޮޑު ސިއްރެއްގެ ގޮތުގައި އޮތް ކަމެވެސް މެއެވެ.
ހަގީގަތާއި ކުރިމަލުމަށް ޕީޕީއެމްގެ އެތެރޭގައި ބޮޑެތި ހުރަސްތަކެއް!
މިއަދުގެ ހަގީގަތަކީ އިދިކޮޅުގެ ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޔާމިން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކަމެވެ. އިންސާފުން ވިޔަސް، އަދި ބޭއިންސާފުން ކަމުގައިވި ނަމަވެސް، އެއީ މިއަދުގެ ހަގީގަތެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް އަދި މަނީ ލޯންޑަރ ކުރުމުގެ ކުށުގައި 11 އަހަރަށް ކުރީގެ ރައީސް ޔާމިން ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ފާއިތުވި ޑިސެމްބަރު މަހުގައެވެ. މިހުކުމަށްފަހު އަދިވެސް ޔާމިންގެ ވަކީލުންގެ ޓީމުން އެމައްސަލަ އިސްތިއުނާފް މަރުހަލާއަށް ހުށަހަޅާފައެއް ނުވެއެވެ.
މިގޮތުން ރިޔާސީ އިންތިޚާބަށް ކުރިޔަށް 7 މަސްދުވަހަށްވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި އިސްތިއުނާފުގެ މަރުހަލާތައް ނިމި، ހުކުމަކާއި ހަމައަށް ވާސިލް ވުމަކީ، ފާއިތުވެދިޔަ ތަނުގައި މިފަދަ ބޮޑެތި މައްސަލަތައް ކުރިޔަށް ގޮސްފައިވާ ގޮތާއި އަދި ދުވެލީގެ ބާރުމިނަށް ބަލާއިރު މުސްތަހީލު ކަމެއް ކަމުގައި ދެންނެވިދާނެއެވެ.
އެހެންކަމުން، މިއަދު ގަބޫލުކުރާން ޖެހިފައިވާ އެއް ހަގީގަތަކީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިގެން ދިއުމަށްވުރެ ނުލިބުން އެއީ ވުން އެކަށީގެންވާ ކަމެއްކަމުގައެވެ.
އެހެންނަމަވެސް، މިހުރިހާ އަންދާޒާތަކާއި، ހީކުރުންތަކާއި ދެކޮޅަށްވެސް، އިދިކޮޅު ޕާޓީގެ އިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި ގިނަ ފަރާތްތަކުން އަޑު އުފުލަމުން ދަނީ، "ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ކޮޅުގައި ރައީސް ޔާމީންގެ ނަން އޮންނާނޭ" ކަމުގައެވެ. އަދި މިއުސޫލުން އަޑު އުފުލަމުންދާ ފަރާތްތަކުންވެސް، ސިޔާސީ ޕޯޑިއަމާއި ދުރުގައި ދައްކާ ވާކަތަކުގައި، އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ފުރުސަތު ނުލިބޭނެކަން ކަށަވަރުކޮށް ވާހަކަ ދައްކަމުންދާ ކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ޕީޕީއެމްގެ އިސް ބައެއް ފަރާތަކުން މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާ ގޮތުގައި، އިދިކޮޅު ޕީޕީއެމްގެ އެތެރޭގައި މިވަގުތު އޮތް މަސްރަހަށް ބަލާއިރު، ރައީސް ޔާމިން ނޫން ފަރާތަކުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރުމަށް، ޕާޓީގެ އެތެރޭގައި ސިފަ ކުރަމުން ދަނީ، ޕާޓީގެ އެތެރޭގައި ބާއާވާތް ކުރުންފަދަ ކަމެއްގެ ގޮތުގައެވެ.
ނަތީޖާއަކަށް ވެގެންދަނީ އެނޫން ބީދައަކުން ވާހަކަ ދައްކާ މީހެއްގެ ޝަކުވާތައް ރައީސް ޔާމިންއާއި ހަމައަށް ފޯރާނޭކަމުގެ ބިރަށް، ރައީސް ޔާމިން ނޫން ފަރާތަކުން އެޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ވަކާލާތު ކުރުމަށް އޭގެ ޒާތުގައި ޕާޓީގެ އެތެރޭގައި ޖާގައެއް ނެތްކަމުގައިވެސް ޚަބަރު އޮންލައިނަށް ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.
އެހެންނަމަވެސް ގަބޫލުކުރާ ޖެހިފައިވާ އެއް ހަގީގަތަކީ، ސަރުކާރުގެ ކެނޑިޑޭޓާއި ވާދަކުރުމަށް އިދިކޮޅުން ވާދަވެރި ކެނޑިޑޭޓަކުން ނެރެން ބޭނުންވާނަމަ، އެޕާޓީއަށްވެސް ހަގީގަތާއި ކުރިމަތިލާން މަޖުބޫރު ވެގެންދާނޭކަމެވެ.
އަދި ރިޔާސީ އިންތިޚާބެއްގައި ދޮރުން ދޮރަށް ހިގާ، ވަައުދުތައްވެ، ކެމްޕޭންކޮށް ވޯޓު ހޯދުމަކީވެސް، ބޮޑެތި ޚަރަދުތަކެއް ހިނގާ، ވަގުތާއި އަދި ގިނަބައެއް އެކުލުންތެރިކަމާއި ތާއީދު ބޭނުންވާ، ބޮޑު މަސައްކަތަކަށް ވާއިރު، ހިތާއި ދެކޮޅަށް ނަމަވެސް، މިހަގީތާއި ދުރަށް އިދިކޮޅު ޕީޕީއެމްގެ އޮޑި މިސްރާބު ކުރެވެމުން ދާއިރު، މިހަގީގަތްތަކުގެ އަލީގައި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އިދިކޮޅަށް އޮތް ފުރުސަތު ދުވަހެއް ދުވަހަކަށް ހަނިވަމުން ދާކަމުގައިވެސް ގިނަބަޔަކު ދަނީ ގަބޫލު ކުރަމުންނެވެ.
ޕީޕިއެމް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުން ރައީސް ޔާމިނަށް ފައިދާ ބޮޑު ވެދާނެ!
ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންނަކީވެސް، އަދި ވަކީން ޚާއްސަކޮށް ވެރިކަން ކުރައްވާފައި ތިއްބެވި ސިޔާސީ ލީޑަރުން ފެނިގެންދަނީ، ވެރިކަމުގެ ދައުރަށް ނިމުން އައި ނަމަވެސް، އެބޭފުޅުން ސިޔާސީ ހަޔާތަށް ދުނިޔޭގައި ތިއްބެވިހާ ދުވަހަކު ނިމުން އަންނަން ބޭނުން ނުވާ ބޭފުޅުންގެ ގޮތުގައެވެ.
ރައީސް މައުމޫން ފެށިގެން ރައީސް ނަޝީދާއި، ރައީސް ވަހީދު އަދި ރައީސް ޔާމީނާއި ހަމައަށް ނަޒަރު ހިންގާލުމުންވެސް މިހަގީގަތް މާ ސާފުކޮށް ފެންނާން އޮތް ކަމުގައި ދަންނަވާން ޖެހެއެވެ. އެއުސޫލުން ބަލާއިރު، ޖަލުގައި އޮންނެވިޔަސް، އަދި މިނިވަނެއްގެ ގޮތުގައި ހުންނެވިނަމަވެސް، މި ހުވަފެންތައް ރައީސް ޔާމިންވެސް ދެކެވަޑައިގަންނަވަމުން ގެންދަވަނީ ހަމަ މި ބީދައިންކަމުގައި މިއަދު މޭރުން ކުރާން ޖެހެއެވެ.
އޭގެ އެއް ހެއްކަކީ ޖަލަށް ވަޑައިގެންނެވުމުގެ ކުރިން އިދިކޮޅު ޕީޕީއެމްއިން ރައީސް ޔާމިނަށް އެޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވާފައި ވުމެވެ. ނަތީޖާއެއްގެ ގޮތުން، ރައީސް ޔާމިންގެ ރުހުމާ ނުލާ، އަދި ވަކި ބޭފުޅަކަށް ރައީސް ޔާމިން ތާއީދު ނުކުރައްވަނީސް، އިދިކޮޅު ޕީޕީއެމްއަށް އިތުރު އެހެން ރިޔާސީ ކެނޑިޑޭޓަކު ނުދެއްކޭނެކަމީ މިއަދު ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ހަމައެއާއެކު ދެން އުފެދިގެންދާ ބޮޑު ސުވާލަކީ، ރައީސް ޔާމިންގެ ރުހުމާއެކު ނަމަވެސް، ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް، ރިޔާސީ އިންތިޚާބު ކާމިޔާބު، އެޕާޓީގެ ފަރާތުން އެހެން ބޭފުޅަކު ކާމިޔާބު ކޮށްފި ހާލަތެއްގައި އިދިކޮޅު ޕީޕީއެމްއަށް ދެން ވެގެންދާނޭ ގޮތެވެ.

މާޒީން ފެންނާން އޮތީ، ރައީސް ޔާމިން ވެރިކަމަށް ވަޑައިގެން، ރައީސް މައުމޫން އަމިއްލަފުޅު ލެގަސީއެއްގެ ގޮތުގައި އުފެއްދެވި ޕީޕީއެމްއަށް ވެގެން ދިޔަގޮތާއި، ރައީސް މައުމޫން ހަވާސާ ވެގެންދިޔަ ގޮތެވެ. އަދި އެންމެ ކައިރީން ފެންނާން އޮތީ، ރައީސް ސާލިހު ވެރިކަމަށް ވަޑައިގެން، ނަޝީދުގެ އަމިއްލަފުޅު ހަރު މުދާގަޑެއްގެ ގޮތުގައި އޮތް އެމްޑީޕީ ރައީސް ސާލިހުގެ މުށުތެރެއަށް ދިޔަ ގޮތާއި، ނަޝީދު މިއަދު ވަހާސާ ވަމުންދާ ދިއުމެވެ.
ސިޔާސީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އިއްޔެވެސް މިއަދުވެސް އަދި މާދަމާވެސް މިހަގީގަތް ރާއްޖޭގައި ތަމްސީލުވެގެން ދާނޭ ގޮތެވެ.
އެހެންކަމަށް ވާނަމަ، އިދިކޮޅު ޕީޕީއެމްއިން ރިޔާސީ އެހެން ކެނޑިޑޭޓަކު ނިކުންނަވާ، ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެބޭފުޅެއްގެ ވެރިކަމުގައި ދައުރުގެ ދެވަނަ ހާފާއި ހަމައަށް ދަތުރު ކުރާތަނުން، ފެނަށް ދިރި، އަމިއްލަފުޅު ޕާޓީ ރައީސް ޔާމިނަށް ގެއްލިގެން ނުދާނޭ ކަމުގައި ރައީސް ޔާމިން ހިސާބު ނުޖައްސަވާނޭކަމަށް ގަބޫލުކުރެވިދާނޭ އެއްވެސް ހަމައެއް އޮތް ކަމުގައި ގަބުކުރާކަށް ޖާގައެއް ނެތެވެ.
ހަމައެއާއެކު، މިހާރުވެސް ތަންފީޒު ކުރައްވަމުން ގެންދަވާ ހުކުމާއެކު، އަދި މަތިމައްޗަށް އުފުލާފައިވާ ދައުވާތަކާއެކު، އިދިކޮޅު ޕީޕީއެމްގެ ވެރިކަމެއް އައިސްގެން މެނުވީ، ރައީސް ޔާމިނަށް ޖަލުން މިންޖު ވެވިދާނެކަމަށްވެސް ނުބެެލެވެއެވެ.
އަދި ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ދެވަނަ ބުރަކާއި ހަމައަށް ދަތުރު ކުރެވުނު ނަމަވެސް، އޮތް ދެކޮޅުވެރިކަމާއި، ރައީސް ޔާމީނާ އެހެން ގިނަ ސިޔާސީ ލީޑަރުންނާ މެދު އޮތް ޒާތީ ހަސަދައާއި ބޮޑު ނުތަނަވަސްކަމަށް ބަލާއިރު، އިދިކޮޅު ޕީޕިއެމްއަށް ކޯލިޝަނެއް އުފެއްދިދާނެކަމަށް ގިނަ ބަޔަކު ނުދެކޭ ކަމުގައިވެސް ދަންނަވާން ޖެހެއެވެ. ހަގީގަތުގައިވެސް އިދިކޮޅު ޕީޕިއެމްއަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ފަސޭހަ އެއްވެސް ފޯމިއުލާއެއް ނެތްކަމުގައި ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ.
ކޮމެންޓު ފޮނުވާ