ބިންހެލުމަށް 13 ދުވަސް ފަހުން އިމާރާތްތަކުގެ ދަށުން 3 މީހަކު ސަލާމަތް ކޮށްފި

ބިންހެލުމަށް 13 ދުވަސް ފަހުން އިމާރާތްތަކުގެ ދަށުން 3 މީހަކު ސަލާމަތް ކޮށްފި

މީގެ 2 ހަފްތާކުރިން ތުރުކީއަށްއައި ބާރުގަދަ ބިންހެލުމަށް 13 ދުވަސް ވީފަހުން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން 3 މީހަކު ދިރިތިއްބާ ސަލާމަތް ކޮށްފައިވާކަމަށް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން ބުނެފިއެވެ. މި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނޭކަމަށް ތުރުކީގެ މުވައްސަސާތަކުން ބުނެފައި ވެއެވެ.

ތުރުކީގެ ހަޓޭ ޕްރޮވިންސްގެ ވެރިރަށް ކަމަށްވާ އަންޓަކްޔާގެ ކަނަޓްލީ އެޕާޓްމަންޓް ބްލޮކްގެ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި 296 ގަޑިއިރު ހޭދަ ކޮށްފައިވާ ފިރިހެނަކާއި އޭނާގެ އަންހެނުން އަދި ދަރިފުޅު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ނެގުމާއެކު ވަނީ އެމްބިއުލާންސަށް ޓްރާންސްފަ ކޮށްފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި ފިރިހެން މީހާއާއި އަދި އަންހެން މީހާ ސްޓްރެޗަރއެއްގައި އެމްބިއުލާންސަށް ގެންދިޔައިރު، އެހީދޭ ފަރާތްތަކުން ކުޑަ ކުއްޖާއަށް ފަރުވާދޭން ތިބޭތަން ވީޑިއޯއިން ފެންނާން ހުރެއެވެ.

ތުރުކީގެ ބްރޯޑްކާސްޓަރއެއް ކަމަށްވާ TRT އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި އެޕާޓްމަންޓް ބްލޮކްގެ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން އިތުރު ބަޔަކު ސަލާމަތް ކުރެވިދާނެތީ އެ ހިސާބުގައި އެންބިއުލާންސްތައް ތިބީ ތައްޔާރީ ހާލަތަކަށް ގެނެވިފައެވެ.

މި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ތުރުކީއާއި އަވައްޓެރި ސީރިއާއިން މިހާތަނަށް 45،000 މީހުން މަރުވެފައިވާކަން ޔަގީން ކުރެވިފައިވާއިރު، މި ބިންހެލުމުގެ ސަބަބުން އެތައް މިލިއަން މީހުންވަނީ ގެދޮރު ނެތިފައެވެ.

ބިންހެލުމުގައި ތުރުކީން 39,672 މީހުން މަރުވެފައިވާއިރު، ސީރިއާގެ ސަރުކާރުންނާއި އަދި ޔޫއެންއިން ހާމަ ކޮށްފައިވާ ގޮތުގައި އެގައުމުން 5,800 މީހުން ވަނީ މަރުވެފައެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި، ގަދަ ފިނީގައި، ތާށިވެފައި ތިބި ބައެއް ފަރާތްތައް ވޭތިވެދިޔަ ހަފްތާ ތެރޭގައިވެސް މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ވަނީ ސަލާމަތް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަން

Leave a Reply

Your email address will not be published. Required fields are marked *