މަޑަވެލިން އެމްޑީޕީއާއި ގުޅުނު މީހުންގެ ފޯމުތައް ހަވާލުކޮށްފި

މަޑަވެލިން އެމްޑީޕީއާއި ގުޅުނު މީހުންގެ ފޯމުތައް ހަވާލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
18 ފެބްރުއަރީ 2023 03:29
0

ގދ.މަޑަވެލިން އެމްޑީޕީއާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ޕާޓީގެ ޗެއާޕާސަނާއި ހަވާލުކޮށްފިއެވެ.

ގދ.މަޑަވެލި ދާއިރާއިން އެމްޑީޕީ އާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލުކޮށްފައިވަނީ އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އާއިއެވެ. ފޯމުތަކާއި ހަވާލު ވުމަށްފަހު ދާއިރާގެ ހަރަކާތްތައް އިތުރު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ މެދު ވަނީ މަޝްވަރާ ކޮށްފައެވެ.

މަޑަވެެލި ދާއިރާގެ މެމްބަރަކީ އެމްޑީޕީއަށް ނިސްބަތްވާ ހުސެއިން ފިރުޝާންއެވެ. އޭނާ މަސައްކަތް ކުރައްވަމުން ގެންދަނީ އެމްޑީޕީގެ ޕްރައިމަރީން ފެށިގެން ރައީސް ނަޝީދުގެ ފެކްޝަންގައެވެ. އެމްޑީޕީގެ ތެރޭގައި ދެފެކްޝަން އުފެދި ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު ބޮޑެތި ގޮންޖެހުންތަކެއް ވަނީ އެޕާޓީއަށް ކުރިމަތިވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރޭ ރައީސް ޞާލިހަށް އަރުވާފައިވާއިރު، އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ރައީސް ނަޝީދު ރޭގެ ޖަލްސާއިންވެސް ނުފެނުމަކީ އެމްޑީޕީއަށް އޮތް ބޮޑު ފަޅުކަމެއްކަމަށެވެ. ރައީސް ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ފޯމު ފުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ބޭނުމަކީ ކޮބައިކަން ހާމަ ނުކުރިނަމަވެސް މިއީ ސިޔާސީ ގޮތުން އިތުރަށް ކުރިއަށް ދިއުމަށް މަގުތަކެއް ހޯދުމަށް ނަޝީދު ކުރައްވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ރިޔާސީ އިންތިޚާބާއި އެމްޑީޕީން ކުރިމަތިލާއިރު އެޕާޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީ ބައިބައި ވެފައި އޮތުމެވެ. ރޭގެ ޖަލްސާގައި ރައީސް ޞާލިހު ވަނީ އެމްޑީޕީގެ މެމްބަރުން ޚިޔާލާތު ތަފާތުވުން އެއްކައިރުކޮށް އިންތިޚާބު ކާމިޔާބު ކުރުމަށް އެކަތި ގަނޑަކަށް ވުމަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.