ޤާބިލް ޢަސްކަރިއްޔާއަކީ، ބަދަހި ސަފުތަކެއް: ރައީސް

ޤާބިލް ޢަސްކަރިއްޔާއަކީ، ބަދަހި ސަފުތަކެއް: ރައީސް

Author
މުޙައްމަދު ޝަޒައިމް
26 ނޮވެމްބަރ 2020 11:13
0

ފުރިހަމަ ޤާބިލް ޢަސްކަރިއްޔާއަކީ، ވަކިވަކި ސިފައިންތަކެއް ނޫންކަމަށާއި އެއީ ބަދަހި ސަފުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

66 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރެއްވި ދަރިވަރުންނަށް ބަޑި ހަވާލުކުރުމާއި، ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ދިވެހި ޢަސްކަރިއްޔާއަކީ، ވަފާތެރިކަމާއި ތެދުވެރިކަމުގައި ދެމިއޮތް، 128 އަހަރުގެ ފަޚުރުވެރި މާޒީއެއްގެ މަތީގައި ބިނާވެފައިވާ މުއައްސަސާއެއްކަމަށެވެ. މިޤައުމުގެ ނަން ކިލަނބުކޮށްލަން، ޣަދަރުވެރިން ރޭވި ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލީ، މިމުއައްސަސާއިން އުފެއްދި ޤައުމީ ބަޠަލުންކަމަށެވެ.  އެހެންކަމުން ސިފައިންނަކީ، ފަޚުރުވެރި ދިވެހި ޢަސްކަރިއްޔާގެ ޝަރަފާއި ޢިއްޒަތް ދަމަހައްޓާނެ ސިފައިންކަމާ މެދަކު ޝައްކެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ތިޔަ ސިފައިންނަކީ، ޢަސްކަރީ އަޚްލާޤަށާއި ޢަސްކަރީ ހުނަރަށް ވަރަށް ރަނގަޅަށް އަހުލުވެރިވެފައިވާ ބައެއް. ދިވެހި ޢަސްކަރިއްޔާގެ މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ފަސްނުޖެހޭ، ހިތްވަރުގަދަ ހުށިޔާރު ބައެއް. ހަމައެފަދައިން ޖެހިލުން ކުޑަ ޢަޒުމް ވަރުގަދަ ބައެއް.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ސިފައިންގެ ޚިދުމަތަކީ، ވަރަށް މަތީ އަޚްލާޤީ މިންގަނޑުތަކެއްގެ މަތީގައި، މީހާ ތަމްރީނުވެ ތަރުބިއްޔަތުވެގެން އަދާކުރެވޭނެ ޚިދުމަތެއްކަން ފާދަހަގަކޮށް ރއީސް ޞާލިހު ވިދާޅުވި އެތަމްރީންތަކާއި ތަރުބިއްޔަތުގެ ހެޔޮ އަސަރު، ތިޔައިން ކޮންމެ މީހެއްގެ ޢާންމު ދިރިއުޅުމުގައި ވެސް ފެންނަންޖެހޭނެކަމަށެވެ. ތަމްރީން މަރުޙަލާގައި ބެހެއްޓި ފަރުވާތެރިކަމާއި ވަގުތަށް ކަމޭހިތުމުގެ ސިފަ، ޚިދުމަތުގެ ޢަމަލީ މައިދާނުގައި ސާބިތުކޮށްދޭންޖެހޭނެ ކަަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮންމެ މީހެއްގެ ކިބައިގައި، އަޚްލާޤީ އަދި ޤައުމީ ވަރަށް މުހިންމު ތިން ސިފައެއް އަބަދުވެސް ހަރުލާފައި ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ސިފައަކީ، އިސްލާމީ އަޤީދާގައި، ޢަމަލާއި ބަހުން ސާބިތުވެ ހުރުން. ދެ ވަނަ ކަމަކީ، ކޮންމެ ޙާލަތެއްގައިވެސް، ޤައުމީ ޚިދުމަތުގައި ތިމާގެ އަމިއްލަ ނަފުސަށްވުރެ ދިވެހި ޤައުމު އިސްކުރުން. ތިން ވަނަ ސިފައަކީ، އެއިރެއްގައި ރައްޔިތުން ޤާއިމުކޮށްފައި އޮންނަ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ސިފައިންގެ ޢާއިލާއާ ގުޅުމަށް، ތިޔަ ބޭފުޅުން ނިންމެވި ނިންމެވުމަކީ، ތިޔަބޭފުޅުންގެ މުޅި ޙަޔާތުގައިވެސް ނިންމެވި، އެންމެ ފުރިހަމަ އަދި އެންމެ ފަޚުރުވެރި ނިންމުން. މިއަދު ތި ކުރެއްވި ހުވަޔާއެކު، ޙަޤީޤަތުގައި ތިޔަ އިޖާބަދެވުނީ، ޤައުމު އެދިގެން ގޮވައިލި ކޮންމެ ކަމެއްގައި، ފަސްޖެހުމެއް ނެތި އާއެނކޭ ބުނުމަށް.

– ރައީސް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޤައުމީ ވާޖިބެކެވެ. ހަމައެފަދައިން، މިރާއްޖޭގެ ޞުލްޙަޔާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ މުހިންމު ޒިންމާއެއްކަމަށެވެ. އެކަމަށްޓަކައި، މުޅި ޢަސްކަރިއްޔާ މަސައްކަތްކުރަންޖެހޭނީ އެއް ޢަޒުމެއްގައި އެއް އަމާޒުކަމަށެވެ. ފުރިހަމަ ޤާބިލް ޢަސްކަރިއްޔާއަކީ، ވަކިވަކި ސިފައިންތަކެއް ނޫންކަމާއި، އެއީ ބަދަހި ސަފުތަކެއް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.