ބާދަގަނޑުގެ ވިޔަފާރި ކުރުމަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރަނީ

ބާދަގަނޑުގެ ވިޔަފާރި ކުރުމަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރަނީ

ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް އެއްފަހަރާއި ކުރިޔަށް ގެންދިޔުމާއި ގުޅިގެން ގިނަ އަދަދެއްގެ ބާދަގަނޑު ފަދަ ތަކެތި އުފެދި، މިތަކެތި ވިއްކާ ވިޔަފާރި ކުރާ ފަރާތްތައް އާންމުވެ، މިވިޔަފާރި ކުރަމުން ގެންދާ ބައެއް ފަރާތްތަކުން މަގާއި ދުވާރު ފަދަ ތަންތަން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ގެންދާކަމަށް ފާހަގަ ކުރެވިފައި ވާތީ، މިކަންކަމަށް ހައްލެއް ގެނައުމުގެ ގޮތުން އާންމުން ދިރިއުޅޭ ސަރަހައްދާއި ދުރުން މިފަދަ ވިޔަފާރި ކުރާ ފަރާތްތަކަށް ބިން ކުރުމުއްދަތަށް ދޫކުރުމަށް އެޗްޑިސީން ނިންމައިފިއެވެ.

މިގޮތުން، އެޗްޑިސީން ބުނެފައިވަނީ މިފަދަ ބިންތައް ހޯދުމަށް އެދޭ ފަރާތަކީ ވިޔަފާރި ހުއްދައާއި އެކްސްޕޯޓް ލައިސެންސް އޮތް ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމުގައެވެ. އަދި އޭގެ އިތުރުން އެޗްޑީސީއަށް ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތެއް ކަމުގައިވެސް އެފަރާތެއް ވެގެން ނުވާނޭކަމުގައިވެސް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، މިގޮތަށް ބިން ދޫކުރުމުގެ އެއްމެ ބޮޑު މަޤުސަދަކީ މިހާރު ގިނަ އަދަދަކަށް ވަގަށް ނަގާފައިވާ ދަގަނޑު ވިއްކުން އާއްމުވެ, ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކޭބަލް ފަދަ ތަކެތި ވަގަށް ނަގައި އޭގެ ވިޔަފާރި ކުރަމުން ދާތީ މިކަން ހުއްޓުވައި، އުސޫލެއްގެ ތެރެއިން ބާދަގަނޑުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުން ކަމުގައެވެ.

މީގެ އިތުރުންވެސް މިގޮތަށް ބަހެއްޓިފައި ހުންނަ ދަގަނޑުތައް އަދި ވަޅުލެވިފައި ހުންނަ ކޭބަލްތައް ވަގަށް ނަގައި އޭގެ ވިޔަފާރި ކުރާ ފަރާތްތައް ދެނެގަތުމަކީ ވެސް މިގޮތަށް ބިން ދޫކުރުމުގެ އެއް ބޭނުންކަމުގައި އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ބުނެފައިވަނީ، 15 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުން ފެށިގެން އިސްވެ ދެންނެވުނު ފަދައިން އާންމުންނަށް އުނދަގޫ ވާނެހެން މަގާއި ދުވާރު ބަންދު ކޮށްގެން ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކާއި މެދު އެ ކޯޕަރޭޝަނުން ފިޔަވަޅު އަޅަމުން ދާނެކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *