ޗެމްޕައިންސް ލީގު ފުޓްބޯޅަ މުބާރާތުގެ ދެވަނަބުރަށް އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.
މުބާރާތުން ގަދަ ސޯޅައިން ސިޓީ ޖާގަ ކަށަވަރުކުރީ ރޭ ރަށުންބޭރުގައި އޮލިންޕިއާކޯސްއަށް ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުން ސިޓީ މޮޅުވީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ސިޓީން ކާމިޔާބުކުރީ ފުރަތަމަހާފްގައި ޕިލް ފޮޑެންއެވެ. މިއީ މުބާރާތުގައި އެނާ ސިޓީއަށް ކުޅުނު 10ވަނަ މެޗުގައި ކާމިޔާބުކުރި 7 ވަނަ ލަނޑެވެ.
މިއީ ސިޓީން މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ހަތަރު މެޗުވެސް ކާމިޔާބުކުރި ދެވަނަފަހަރުއެވެ. އަދި މިއީ ސީޓީގެ ކޯޗު ޕެޕް ގާޑިޔޯލާ މުބާރާތުގެ ގުރޫޕް ސްޓޭޖުފަހަނައަޅައި ދިޔައި 12 ވަނަ ފަހަރުއެވެ. ރޭ މި ގުރޫޕްގައި ފްރާންސްގެ އޮލިންޕިކް މާސޭއާއި ޕޯޓޯ ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ޕޯޓޯއެވެ.
މިނަތީޖާ އެކު ބާކީ ދެމެޗުއޮއްވާ ސިޓީ ގަދަސޯޅަ ޔަގީން ކުރީ ހަތަރުމެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ޕޯޓޯ ދެވަނައިގަ އޮތީ 9 ޕޮއިންޓާއެކުއެވެ. އޮލިންޕިއާކޯސް ތިންވަނައިގަ އޮތީ ތިންޕޮއިންޓާއެކުއެވެ. ފުލުގައި އޮތް މާސޭއަކަށް ޕޮއިންޓެއް ނުލިބެއެވެ.