ވީނުވީއެއް ނޭނގި ގެއްލޭ މީހުން އިތުރުވާތީ ހުށަހެޅި މައްސަލަ ބަލައިނުގަތް

ވީނުވީއެއް ނޭނގި ގެއްލޭ މީހުން އިތުރުވާތީ ހުށަހެޅި މައްސަލަ ބަލައިނުގަތް

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2023 11:33
0

ވީނުވީ ނޭނގި ގެއްލެމުން އަންނަ މީހުން އިތުރުވާތީ، އެ މީހުން ހޯދުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ ގެއްލިފައިވާ މީހުން ހޯދުމުގައި ސަރުކާރުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރަމުން ނުދާ ކަމަށާއި، މީހުން ހޯދުމުގައި ސަރުކާރުން ފަރުވާކުޑަކުރަމުންދާ ކަމުގެ ޝަކުވާ އިތުރުވަމުން ދާ ކަމަށެވެ.

މިއަދުގެ ޖަލްސާއަށް 48 މެމްބަރުން ހާޒިރުވެފައިވާއިރު އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ނުފެންނަ ކަމަށް 29 މެމްބަރުން ވޯޓު ދެއްވިއެވެ. މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 18 މެމްބަރުންނެވެ.

އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި ގެއްލޭ މީހުންގެ އަދަދު އިތުރުވެ، އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން އިތުރުވެފައިވާ ކަމަށެވެ.

ގެއްލިފައިވާ މީހުން ހޯދުމުގައި ސަރުކާރުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކުރަމުން ނުދާ ކަަމަށާއި މީހުން ހޯދުމުގައި ސަރުކާރުން ފަރުވާ ކުޑަ ކުރާ ކަމުގެ ޝަކުވާ އިތުރުވަމުން ދާތީ". އާދަމް ޝަރީފްގެ މައްސަލާގައި ބުނެފައިވެއެވެ.

އާދަމް ޝަރީފްގެ މައްސަލައިގައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ފަހުން ވީނުވީ އެއް ނޭނގި ގެއްލިފައިވާ އއ. މަތިވެރި، ހަސަން އަލީ (ހަސަންފުޅު) އާއި މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ހަބަރެއް ވެފައިނުވާ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލްގެ ވާހަކަ ފާހަގަކޮށްފައެވެ. މި ދެ މީހުން ހޯދުމަށް ވެސް ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ގަބޫލުކުރާ ކަމަށް ވެެސް ބުނެފައިވެއެވެ. މި މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. ނުފެންނަ ކަމަށް 29 މެންބަރުން ވޯޓު ދެއްވެވިއެވެ.

މައްސަލައިގައި ބުނެފައިވަނީ ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި އޭނާ ހޯދުމަށް ސަރުކާރުން އެންމެ އެދެވޭ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، މިފަދަ ސީރިއަސް މައްސަލަތައް ތަހުގީގުކުރުމުގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބެން ހުރި ހުރިހާ ވަސީލަތާއި ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާފައި ނުވާ ކަމަށެވެ.

މީގެއިތުރުން، ނިޒާމީގޮތުން ލިބެން ހުންނަ ހެއްކާ ގަރީނާ ހޯދުމުގައި ސަރުކާރުން އަމަލު ކުރަމުން އަންނަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ކަން ގަބޫލުކުރާ ކަމަށް ވެސް އެމައްސަލައިގައި ބުނެފައިވެއެވެ. އެހެންކަމުން އާސިރު އާއި، ހަސަން އަލީ އާއި ވީނުވީއެއް ނޭނގި ގެއްލިފައިވާ އެފަދަ ހުރިހާ މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ލިބޭހެން ދެފުށް ފެންނަ ގޮތަކަށް އަމަލުކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

މިފަހަކަށް އައިސް ވީނުވީއެއް ނޭނގި ގެއްލޭ ދިވެހިންގެ އަދަދު އިތުރުވެފައިވާއިރު، އެމީހުން ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށްބުނެ އެމީހުންގެ އާއިލާތަކުންނާއި އާންމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.