ޖިންސީ ފުރައްސާރަކޮށް، އެފަދަ އަމަލުތަކަށް ހިތްވަރުދޭ މީހުން މަތިފަޑީގައި ތިބިކަމީ ކަންވޮޑުވާކަމެއް: އިދިކޮޅު

ޖިންސީ ފުރައްސާރަކޮށް، އެފަދަ އަމަލުތަކަށް ހިތްވަރުދޭ މީހުން މަތިފަޑީގައި ތިބިކަމީ ކަންވޮޑުވާކަމެއް: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
25 ނޮވެމްބަރ 2020 09:08
0

ޖިންސީ ފުރައްސަރައާއި، ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުންނާއި، އެފަދަ އަމަލުތަކަށް ހިތްވަރުދޭ ފަރާތްތައް މިސަރުކާރުގެ މަތިފަޑީގައި ތިބުމަކީ ބައިނަލް އަގުވާމީ އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހު އޮތް ބޮޑު ކަންބޮޑުވުމެއް ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކަނބަލުންނަށް ދުވަހުގެ ހެޔޮ އެދުންތަކާއި ތަހުނިޔާ އަރިކޮށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤައުމު ބިނާ ކުރުމާއި ޤައުމީ އުފެއްދުންތެރިކަމުގައި އަންހެނުންގެ ޙިއްސާ ބޮޑުކަމަށެވެ. މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު އަންހެނުންނަށް އެކި ގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް އިންސާފު ނުލިބި ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އެފަދަ މައްސަލަތައް މަޑުޖެހިފައިވާތީ އިދިކޮޅު ކޯލިޝަނުން އެކަމާ ކަންބޮޑުވާ ކަމެއްކަމަށެވެ. ޚާއްސަކޮށް، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ އަންހެނުންނަށް އިންސާފު ހޯދައިދިނުމުގައި މިސަރުކާރުގެ ހަމަހަމަކަމެއް ނެތުމާއި، އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ނުކުޅެދިފައިވާތީ އިދިކޮޅު ކޯލިޝަނުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

ސަރުކާރުގެ އެންމެ މަތީ ފަންތީގައި ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ފަރާތްތައް ވަރަށް މިނިވަންކަމާއެކު މުޖްތަމަޢުގައި ޙަރަކާތްތެރި ވަމުންދިއުމާއި، ޤާނޫނު ނަގަހައްޓާ ތަންފީޒު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ވަޒީރުން އަންހެނުންގެ ޙައްޤަށް އުނިކަންލިބޭ އަދި އިންސާފު ޤާއިމްކުރުމަށް ނުފޫޒު ފޯރުވާފަދަ މޭރުމުން ވާޙަކަދައްކަމުންދާކަމީ މިއަދުގެ ސަރުކާރުން އަންހެނުންނަށް އިޙްތިރާމްނުކުރާކަމާއި، އަންހެނުންނަށް ލިބޭ އެކިއެކި އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގައި ފެއިލްވެފައިވާކަން ހާމަވާކަމެއް.

– އިދިކޮޅު ކޯލިޝަން ބަޔާނުގައި ވެއެވެ.

މި ސަރުކާރުގެ ދޯހަޅި އަދި ހަމަހަމަ ކަމެއްނެތް ސިޔާސަތުތަކުގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ނުލިބި، އެކަނބަލުންގެ ޙައްޤުތައް ކަށަވަރު ނުކުރެވުމުގެ ބިރުވެރިކަން އިންތިހާއަށް އޮތުމަކީ ބިރުވެރި މެސެޖެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ދެކޭކަމަށް ވަނީ ބުނެފައެވެ.

ކޯވިޑް19 އާއި ގުޅިގެން، އަންހެނުންނަށް ކުރާ އަނިޔާތައް ރިޕޯޓްކުރާ މިންވަރުމިވަނީ ވަރަށްބޮޑަށް އިތުރުވެ، އޭގެ ތެރޭގައި ޢުމުރުން ދުވަސްވީ އަންހެނުންނާއި، އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި، ވަޒީފާއަދާކުރާ އަންހެނުންގެ އިތުރުން އަންހެން ކުދިންގެ ނިސްބަތް އިތުރުވެފައިވާކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ. މިފަދަ ޙާލަތެއްގައި މިފަރާތްތަކަށް ހަމަހަމަކަމާއެކު އިންސާފު ޤާއިމްކޮށްދިނުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، މިފަދަ ކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓޭނެ އުސޫލުތައް އެކަށައެޅުމަށްވެސް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އަދި ކޯވިޑް 19އާއި ގުޅިގެން މަގުމަތިވެ، ޙާލުގައި ޖެހި އަނިޔާއަށް ހުށާއެޅެމުންދާ އަންހެނުންގެ ޢަދަދު އިތުރުވަމުންދާކަންވެސް ފާހަގަކޮށް، އެފަދަ ފަރާތްތަކަށްވެސް  ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުން އަވަސްކުރުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.