އިންޓަ މިލާންއަށް ބަދަލުވިތާ، އެއް އަހަރު ނުވަނީސް އެ ކުލަބު ދޫކޮށްލުމުގެ ހުއްދަ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއަށް ކުލަބުން ދީފި އެވެ.
މި ސީޒަންގައި މިހާތަނަށް އޭނާ އަށް ފުރުސަތު ދިނީ ހަތަރު މެޗުންނެވެ. އެންމެ ފަހުން ސެރީ އޭ ގައި ކުޅުނު ތިން މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައިވެސް އޭނާ ބޭނުން ނުކުރެ އެވެ. އޭނާ އަށް ލިބޭ ފުރުސަތު މަދުވުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރިނަމަވެސް ކޮންޓޭ ބުނެފައި ވަނީ އެއް ކުޅުންތެރިޔެއްގެ ހިތްހަމަ ޖެހުމަށް ޓީމު ސްކޮޑު އެކުލަވާ ނުލެވޭނެ ކަމަށެވެ.
އޭނާ އިންޓައަށް ބަދަލުވީ، މިއަހަރު ޖަނަވަރީ މަހު ޓޮޓެންހަމް ހޮޓްސްޕާސްއިންނެވެ. ކުލަބަށް ބަދަލުވިތާ އެއް އަހަރު ނުވަނީސް ކުލަބު ދޫކޮށްދިއުމުގެ ހުއްދަ އިންޓައިން އެރިކްސަންއަށް ދީފައި ވަނީ، އެ ކުލަބުގައި ކޯޗް އެންޓޯނިއޯ ކޮންޓޭއާއެކު އޭނާއަށް ލިބޭ ފުރުސަތު މަދުވުމުން ކުލަބުގައި އޭނާގެ ކުރިމަގާ ބެހޭގޮތުން ސުވާލު އުފައްދާފައި ވަނިކޮށެވެ.
އެރިކްސަން އިންޓައަށް ބަދަލުވީ 16.9 މިލިއަން ޕައުންޑަށެވެ.