ކައުންސިލާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި އެމްޓީސީސީ އަށް ބަހުގެ ޚިދުމަތް ދޭކަމަށް އިޢުލާން ނުކުރެވޭނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ވިދަޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ވިލިމާލޭގައި ބަގީގެ ޚިދުމަތް ދިނުމަށް ތައްޔާރުވެފައިވަނިކޮށް ކައުންސިލްގެ އިޙުތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްގައި ކައުންސިލާއި މަޝްވަރާނުކޮށް ސަރުކާރުން ބަހުގެ ޚިދުމަތްވެސް ފަށަން އުޅުމަކީ ލާމަރުކަޒީ ޤާނޫނާއި މުޅިން ޚިލާފު ކަމެއް ކަމުގައި އައިފާން ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑުމެންނާއި އެއްވެސް މަޝްވަރާ ކުރުމެއްނެތި އެމްޓީސީން ބަހުގެ ޚިދުމަތް ދޭކަމަށް އިޢުލާނެއް ނުކުރެވޭނެ. އެއީ ޤާނޫނުގައި ބަޔާންކޮށްފައިވޭ މިއީ އަޅުގަނޑުމެންގެ އިޙުތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް. އެހެންވީމާ ސަރުކާރުން ބޭނުންވިކަމުގައިވިޔަސް އަޅުގަނޑުމެންނާއި މަޝްވަރާނުކޮށް މިފަދަ ކަންކަން ނުކުރެވޭނެ “
އައިފާން ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމުގެ ޤާނޫނުގެ ދަށުން ޕަބްލިކް ޓްރާންސްޕޯޓް ޚިދުމަތް ދިނުމަކީ އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލެއްގެ ޒިންމާގެ ދަށުގައި އޮންނަކަމެއް ކަމަށެވެ. މިއާއިއެކު އައިފާން ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމް ގެ ވާހަކަތައް ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމުގައި ވިދާޅުވެފައެވެ.
”ހިތާމައަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް އަޅުގަނޑުމެންގެ އިޙްތިޞާސް ތެރޭގައި އޮތްކަމެއް އަޅުގަނޑުމެންނަށް ނޭނގި ސަރުކާރު ހިއްސާވާ ކުންފުނިން ނިންމުން. މިއީ ދެރަވަރު ކަންތައްތައް. ކައުންސިލްތައް ބާރުވެރި ކުރުމުގެ ނަމުގައި ބޮޑެތި މަހާސިންތާތައް ބާއްވާ ސަރުކާރުން ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ދެއްކުމަށްފަހު ކަންތައްތައް ކުރަނީ އެއާއި މުޅިންދެކޮޅަށް“
މީގެ އިތުރުން އައިފާން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މިހާތަނަށްވެސް މަސައްކަތްކޮށްފައިވަނީ ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި އެއްބާރުލުން ދީގެން ކަމަށާއި، އެހެންނަމަވެސް ސަރުކާރުގެ ފަރާތުން މިކަން ފެނިގެންނުދާކަމުގައި ވިދާޅުވެފައެވެ.
”އަޅުގަނޑުމެންނަކީ ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި ސަރުކާރަށް ފުރިހަމަ އަށް އެއްބާރުލުންދޭ ކައުންސިލެއްކަން ފާހަގަކޮށްލަން.އެގޮތުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށްވެސް ސިޓީ ކައުންސިލްގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް މިއަދާއި ހަމަޔަށް ވަނީ ދެވިފަ“
އައިފާން އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން ވަކި ކަމެއް ފައްޓާތީއޭ ކިޔާފަ ޖެއްސުން ކުރުމުގެ ބޭނުމުގަ މިކަންކަން ކުރުމަކީ ބަލއިގަނެވޭނެ ކަމެއްނޫން ކަމަށާއި، އެހެންކަމުން ސަރުކާރުން މިގޮތަށް މިކުރާ ކަންތައްތައް ހުއްޓާލުމަށްފަހު މާލެ ސިޓީ ކައުންސިލަށް ޤާނޫނުން ދީފައިހުރި ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެ ގޮތަށް މަގުފަހިކޮށްދީ ކައުންސިލްގެ އިޙުތިޞާސް ތެރޭގައި ހުރި ކަންތައްތައް ކައުންސިލާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.