ނަޝީދު އުއްޗުއާއި ބައްދަލު ކުރައްވައިފި

ނަޝީދު އުއްޗުއާއި ބައްދަލު ކުރައްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މިހާރު ވާދަކުރައްވަމުން ގެންދަވާ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު، މަޝްހޫރު ވިޔަފާރަވެރިޔާ އަދި މަހުޖަނު، މުހައްމަދު މޫސާ (އުއްޗު) އާއި ބައްދަލު ކުރައްވައިފިއެވެ. ނަޝީދު އުއްޗުއާއި ބައްދަލު ކުރައްވާފައިވަނީ އުއްޗު ދިރިއުޅުއްވާ، އަމިއްލަފުޅު ކުރެއްދޫ ރިސޯޓުގައެވެ.

އުއްޗުއާއި ބައްދަލު ކުރެއްވުމަށް ނަޝީދު ކުރެއްދޫ ރިސޯޓަށް އިއްޔެ ހަވީރު ވަޑައިގަތުމުން ނަޝީދަށް މަރުހަބާ ވިދާޅުވެފައިވަނީ އުއްޗުގެ އިތުރުން އެ ރިސޯޓުގެ މެނޭޖްމަންޓުގެ ބައެއް އިސްބޭފުޅުންނާއި ރިސޯޓުގެ ބައެއް މުވައްޒަފުންނެވެ. އިއްޔެ ހަވީރު ނަޝީދުއާއި އުއްޗުއާއި ދެބޭފުޅުން އެކީ ސައިފޮދު ހިތްޕަވާފައިވާއިރު، ރޭ ދެބޭފުޅުންވަނީ ބައްދަލު ކުރައްވާފައެވެ.

ނަޝީދުއާއި އުއްޗުއާއި ދެބޭފުޅުންގެ މި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެވުނީ ކޮންކަމަކާއި ގުޅޭގޮތުންކަމެއް އެގިފައެއް ނުވެއެވެ. އެހެންނަމަވެސް މި ބައްދަލު ކުރެއްވުމުގައި އުއްޗުވަނީ މެލޭޝިއާގެ ކެލެންޓަން ޔުނިވާސިޓީގެ ކަލްޓީ އޮފް އެންޓްރެޕްރެނިއާޝިޕް އެންޑް ބިޒްނަސްގެ ޑީން އަދި ވައިސް ޗާންސެލަރު ރަފީ ޔައުގޫބު އުއްޗުގެ ވިޔަފާރީގެ ކާމިޔާބީތަކާއި ގުޅޭ ގޮތުން ލިޔުއްވާފައިވާ ފޮތް "ދަ ސެރަންގް-ކްލެޑް އެންޓްރެޕްރެނިއާ ފްރޮމް މޯލްޑިވްސް: މުހައްމަދު މޫސާ"، މި ފޮތް ނަޝީދަށް ވެދުމަކަށް އަރުވާފައެވެ.

އުއްޗުގެ ހަޔާތުގެ މައްޗަށް ލިޔެވިފައިވާ ފޮތް ނަޝީދަށް ވެދުމަކަށް އަރުވަނީ

އުއްޗުއަކީ ފަހަކަށް އައިސް ރާއްޖޭގަ އުފެދިގެންދިޔަ ހުރިހާ ވެރިންނާވެސް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ރައީސް ޔާމިންއާއިވެސް އުއްޗު ގާތް ގުޅުމެއް ބޭއްވިއިރު، މިހާރުގެ ރައީސް ސޯލިހާވެސް އުއްޗުއާއި ގާތް ގުޅުމެއް އޮންނަކަން ފާހަގަ ކޮށްލެވެއެވެ.

އެހެންނަމަވެސް ނަޝީދުވެ ވެރިކަމުގައި ނަޝިދުއާއި އުއްޗުއާއި ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ. އަދި ފަހުން ވެރިކަން "ބަޢާވާތަކުން" ވައްޓާލުމުގައި އުއްޗުގެ އިތުރުން އެހެން ވިޔަފާރަވެރިންގެ ބައިވެރިވުންވެސް އޮތްކަމުގައި ނަޝީދުވަނީ ވިދާޅުވެފައެވެ.

ނަޝީދު އުއްޗުއާއި ބައްދަލު ކުރައްވާފައިވާއިރު، ނަޝީދު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހުއާއި ވާދަކުރައްވަމުންނެވެ.

މިގޮތުން ވަރަށް ފޯރިއާއެކު ވާދަވެރި ޕްރައިމަރީއެއް ކުރިޔަށް ދާއިރު، ރައީސް ސާލިހު އަދި އުއްޗުއާއި ބައްދަލުކުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *