ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 40 ޓާފް ފުޓުބޯޅަ ދަނޑު އަޅާފައިވާ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވީ ށ.ފުނަދޫގައި އަޅާ ނިންމި ޓާފް ދަނޑުގެ ހިތްގައިމު ފޮޓޯއަކާއިއެކު ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ސަރުކާރަކުން ތަރައްގީކުރި ޓާރފް ބޮޑު ފުޓުބޯޅަ ދަނޑުގެ އަދަދަކީ ސުމެއްކަމަށެވެ. އެއްވެސް ސަރުކާރަކުން ބޮޑު ފުޓުބޯޅަ ދަނޑު ތަރައްޤީ ކޮށްފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ށ. ފުނަދޫ ދަނޑާއިއެކު މިހާތަނަށް މިސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅައި ނިންމި ޓާފް ފުޓުބޯޅަ ދަނޑުގެ އަދަދު 40 އަރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރުވެސް 100 ވަރަކަށް ދަނޑުގެ މަސައްކަތް ކުރިއަަށް ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައީސް @ibusolih ގެ ވެެރިކަމުގެ ކުރިން ސަރުކާރަކުން ތަރައްގީކުރި ޓާރފް ބޮޑު ފުޓުބޯޅަ ދަނޑުގެ އަދަދަކީ 0.
ށ. ފުނަދޫ ދަނޑުވެސް ނިމުނީ. ޖުމްލަ 40 ދަނޑު ނިމިއްޖެ.
100 ވަރަކަށް ދަނޑުގެ މަސައްކަތް ކުރިއަަށް.
📸 – S.u.n.t.e.a@ pic.twitter.com/iS2eyrRR2X
— Ahmed Mahloof (@AhmedMahloof) January 16, 2023
ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ގާއިމް ކުރުމަށްފަހު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅަށް މެއިން ޓެއިން ނުކުރެވުމެވެ. އަދި ހަމަ މިއާއިއެކު ދަނޑުތައް ތަރައްޤީ ކުރި ނަމަވެސް ރާއްޖޭގައި ފުޓުބޯޅަ މިހާރު ވަރަށް ބޮޑަށް ވަޅު ޖެހެމުންދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރާއްޖޭގެ އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ ފުޓުބޯޅައިގެ މިހާރުގެ ހާލަތާއިމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާއިރު، އެފްއޭއެމްއާއި، ޔޫތު މިނިސްޓްރީއާއިވެސް މާރަނގަޅު ގުޅުމެއް ނެތްކަން ފާހަގަކޮށްލެވެއެވެ.