އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ރައީސް ސާލިހު އައްޔަން ކޮއްފައިވާ ޑެޕިއުޓީ ހައިކޮމިޝަނަރ ނައުޝާދު ވަހީދު، މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި ނަޝީދަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.
މިގޮތުން ނަޝީދަށް ތާއީދުކުރާކަން ހާމަކޮށް އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އާދައިގެ މީހުންނަށް އުފާވެރި މާދަމައެއް ހޯދާދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މީގެ އެތަކެއް އަހަރުތަކެއް ކުރިން ކަމުގައެވެ.
The journey we started decades ago gave freedom of art and a better tomorrow for the ordinary. #FikurehgeDhirun @MohamedNasheed pic.twitter.com/uUuXZh3LKz
— NAUSHADARTS (@Naushadarts) January 14, 2023
އޭގެ ކުރިން އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ، އެމްޑީޕީގެ ދަފްތަރުން ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު އުނިކޮށްފައިވާކަމަށް ބުނާ މައްސަލައަށްވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ދަފްތަރާއި ކުޅުނު ބަޔަކީ "ކޮންމެވެސް ތާކުން އައި ވާނުވާގަ އުޅޭ އެއްވެސް ފިކުރެއް ނެތް ބަޔަކު" ކަމަށެވެ.
އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ރައީސް ސާލިހު އައްޔަން ކުރައްވާފައިވާ ނާއިބު ސަފީރު ނަޝީދަށް ތާއީދު ކުރައްވަން ނިންމަވާފައިވާއިރު، އޭގެ އިތުރުންވެސް ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދަނީ ނަޝީދަށް ތާއީދުކޮށް ކެމްޕޭން ކުރައްވަމުންނެވެ.
އޭގެ ތެރޭގައި ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ރައީސް ސާލިހު އައްޔަން ކުރައްވާފައިވާ އަހުމަދު އަދުހަމްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒުވެސް ހިމެއެވެ.
މިހާރު ކުރިޔަށްދާ ކެމްޕޭންގައި ސަރުކާރުގެ ސިޔާސަތުތަކަށާއި، އަދި ރައީސް ސާލިހަށް ޒާތީގޮތުން ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު، ރައީސް ސާލިހު ވަޒިފާ ދެއްވާފައިވާ ބައެއް ފަރާތްތަކުން، ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބަވައިގެން އިދިކޮޅު ސިޔާސަތުތަކަށް ތާއީދު ކުރައްވަމުން ގެންދިއުމުގެ ކަންބޮޑުވުން ސަރުކާރުގެ ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި، ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސަވާ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރު ސިޔާސަތުތަކާއި ދެކޮޅު ފިކުރުތަކަށް ތާއީދު ކުރައްވަންވާނީ އިސް މަގާމްތަކުން އިސްތިއުފާ ދެއްވުމަށްފަހުގައެވެ.