ހުޅުޖަހަން ގޮވި އައްބާސް އާދިލް ރިޒާ ދޫކޮށްލައިފި

ހުޅުޖަހަން ގޮވި އައްބާސް އާދިލް ރިޒާ ދޫކޮށްލައިފި

Author
ހުސެއިން
13 ޖެނުއަރީ 2023 09:51
0

އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވި އައްބާސް އާދިލް ރިޒާގެ ދޫކޮށްލައިފިއެވެ.

އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ފަހަރު މަތިން ވާހަކަ ދައްކާ، އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވި މައްސަލާގައި އައްބާސް އާދިލް ރިޒާ ހައްޔަރު ކޮށްފައިވަނީ ފާއިތުވި ޑިސެމްބަރުމަހުގެ 25ވަނަ ދުވަހުއެވެ.

އޭނާ ހައްޔަރުކުރީ އާއްމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ތަކުރާރުކޮށް ޓުވީޓްކޮށް އަމަން ގެއްލޭގޮތަށް ވާހަކަ ދައްކަމުންދާ މައްސަަލައިގައެވެ. އައްބާސް ވަނީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ޑރ ވަހީދު ވެރިކަމުގައި އައްބާސް އަދާކޮށްފައިވެއެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓިވްގެ މަގާމުވެސް އޭނާ އަދާކޮށްފައިވެއެވެ.

އައްބާސް އާދިލްގެ ރިޒާގެ ނަމުގައި އޮންނަ އެކައުންޓަކުން ފާއިތުވި ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހު ކުރި ޓްވީޓްގައި ބުނެފައިވަނީ ފެބްރުއަރީ 8 ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށްކަމަށެވެ. ނަމަވެސް އެކަމުގެ ބަދަލު ހިފިފައި ނުވާތީ އެކަން އިންޑިއާ އެމްބަސީން ފަށަން ފެންނަކަމަށެވެ. އަދި މި ޓްވީޓްގައި އޭނާ ވަނީ އޭރުގެ ފޮޓޯތައްވެސް ހިމަނާފައެވެ.

އައްބާސްގެ މި ޓްވީޓާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިންޒާރުދިން މައްސަލަ ސަރުކާރުން ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން ނަގަން ޖެހޭ ސަލާމަތީ ފިޔަވަޅުތައްކަމާ ގުޅޭ އިދާރާތަކުން ނަގާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. އަދި މިފަދަ އިންޒާރުތައް މެދުވެރިކޮށް ރާއްޖޭގައި އުޅޭ ޑިޕްލޮމެޓުން ނުރައްކަލަކަށް ހުށަހަޅައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަންވެސްވަނީ ސަރުކާރުންވަނީ އަރުވާފައެވެ.

އައްބާސްގެ މި އެކުންޓުން މީގެކުރިން ވަނީ ފަނޑިޔާރުންނަށް ބިރު ދައްކާ ޓްވީޓެއް ކޮށްފައެވެ. އެފަހަރު އޭނާ އެ ޓްވީޓްކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިހުރި އިންޑިއާ އައުޓް ބެނަރ ނެގުމުންނެވެ. އެ މައްސަލަ އޭރު ފުލުހުން ބަލަން ފެށިއެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ފަހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.