އެމްޑީޕީގެ އެތެރޭގައި ފިތުނަ އުފެއްދުމުގެ ޖާގައެއް ނެތްކަމަށާ، އެކަންކުރަން އުޅޭ ބަޔަކު މިފަހަރު ވާނީ އެކަހެރިކަމަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ދުވަސްތަކެއް ވަންދެން އެމްޑީޕީއާ ދުރުގައި ހުންނެވުމަށްފަހު ދާދިފަހުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ރީކޯ މޫސަ އަންނަނީ ރައީސް ޞާލިޙަށް ތާޢީދުކުރައްވައި ވަރަށްގިނަ ވާހަކަތައް ދައްކަވަމުންނެވެ. އަދި މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ރައީސް ޞާލިޙްގެ ކެމްޕެއިނުގައިވެސް މޫސަ އިސް ސަފުގައި އުޅުއްވައެވެ.
މޫސަ ވިދާޅުވީ އެމްޑީޕީއަކީ ވިސްނުންތެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ކުރިއަށްގެންދަން ދަންނަ ޕާޓީއެއްކަމަށެވެ. ކުރިންވެސް އެގޮތަށް އެކަން ކުރެއްވިކަމަށާ، މިހާރު ހަމަ އެ އެމްޑީޕީގެ މީހުން އެކަންކުރަން ނުކުމެ އެބަތިބިކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ތެރޭގައި ފިތުނަ އުފެއްދުމުގެ ޖާގައެއް ނެތްކަމަށާ، އެކަންކުރަން މަސައްކަތްކަތް ކުރާ ބަޔަކު މިފަހަރު އެކަހެރިވާނެކަމަށް މޫސަ ވިދާޅުވިއެވެ.
MDPއަކީ ވިސްނުންތެރިކަމާއެކު ސިޔާސީ ހަރަކާތްކުރަން ދަންނަ ޕާޓީއެއް، ކުރިންވެސް އެކަން ކުރީ އަޅުގަނޑުމެން، މިހާރުވެސް އެކަންކުރާންނުކުމެ މިތިބީ އަޅުގަނޑުމެން އެތރޭގަ ފިތުނައުފައްދަންޖާގައެއްނެތް އެކަމަށްމަސައްކަތްކުރިބަޔަކު އެކެހެރި ވާނީމިފަހަރު، MDPކުރިއަށް އިބޫ2023
— Moosa Maniku (Reeko) (@ReekoMoosa) January 11, 2023
މޫސަ އެމްޑީޕީން ވަކިކުރީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުއެވެ. އޭރު ރައީސް ނަޝީދާ ޚިޔާލު ތަފާތުވެ އުފެދުނު މައްސަލަތަކެއްގައި މޫސަ އެމްޑީޕީން ވަކިކުރުމުން އޭނާ ވަނީ އޭރުގެ ވެރިކަންކުރި ޕީޕީއެމްއަށް ސޮއިކޮށް ރައީސް ޔާމީނަށް ސަޕޯޓުކޮށް ވާހަކަދައްކަވާފައެވެ. އަދި 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކެމްޕެއިންވެސް ކުރައްވާފައެވެ. އަދި އޭރުގެ ސަރުކާރުގެ ދިފާޢުގައި ޓީވީތަކުގައި އެތައް ވާހަކައެއްވެސް ދައްކަވައި އެއްވުންތަކުގައިވެސް ބައިވެރިވެފައެވެ.
އެހެންކަމުން ރައީސް ނަޝީދުގެ ޕެކްޝަނުގެ ބޭފުޅުން މިކަންކަމުގެ ވާހަތައް ދައްކައި މޫސައަށް ވަރަށްބޮޑަށް ފާޑުކިޔައެވެ. އަދި ފަހުން އެމްޑީޕީއަށް ވަދެ ރައީސް ޞާލިޙުގެ ފަޅިއަށް މޫސަ ދިއުމަކީ ރައީސް ނަޝީދުގެ ފެކްޝަނުގެ ނުރުހުން މޫސައަށް އިތުރުވެގެންދިޔަ ކަމެކެވެ.