ސްޓެލްކޯއިން ކ. ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ހިދުމަތް ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ގުޅީގައި ދޭންފެށި މި ހިދުމަތާއި އެކު، ޒަމާނީ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ހޮޓްލައިންއަށް ގުޅާ އޯޑަރު ދިނުމުން، ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މި ހިދުމަތް ގުޅީގައި އިފްތިތާހު ކުރެވިގެންދިއުމާއެކު، ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް 1 ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައެވެ. އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ 3 ބޭންޑަކަށް ބަހާލައިގެން، އެގޮތުން ބޭންޑް A އަށް ދިހަ ރުފިޔާ، ބޭންޑް B އަށް ބާރަ ރުފިޔާ ފަންސާސް ލާރި އަދި ބޭންޑް C އަށް ތޭރަ ރުފިޔާ ފަންސާސް ލާރީގެ މަގުން ޗާޖް ކުރެވިގެންދާނެއެވެ.

އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް މިވަގުތު ސްޓެލްކޯއިން ދެމުން ގެންދަނީ ގުޅީގެ އިތުރުން، އދ. މަހިބަދޫ އާއި ކ. ގާފަރުގައެވެ. މީގެ އިތުރުންވެސް ސްޓެލްކޯގެ ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައިވެސް މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ވަނީ ބުނެފައެވެ.
ގުޅީގެ ފެނުގެ ހޮޓްލައިން ނަމްބަރަކީ 7281221 އެވެ. ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ އިތުރުންވެސް މި ހިދުމަތް ބޭނުންވާ އެހެން އޮޑިދޯނި ފަހަރަށްވެސް މި ހިދުމަތް އެ ރަށުން ފޯރުކޮށްދެވިގެންދާނެކަމަށް ސްޓެލްކޯއިން ވިދަޅުވިއެވެ.
ކޮމެންޓު ފޮނުވާ