ސަރުކާރު ހިންގާ އެމްޑީޕީގެ އެކްޓިވިސްޓުން ނެރެ މަރުގެ އިންޒާރުދީ ހެދިކަމުގައި ވީނަމަވެސް، ބިރުން ފަސްނުޖެހޭނެ ކަމުގައި އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއުގެ ބޮލަށް ވަޅިޖަހާނެ ކަމުގެ އިންޒާރު، އެމްޑީޕީގެ އެކްޓިވިޓަކު ދިނުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ކުރެއްވި ޓުވީޓެއްގައެވެ. ޝުޖާއުއަށް އިންޒާރު ދިނީ ދައުލަތުގެ މީޑިއާއިން ރައީސް ސޯލިހުގެ ރިޔާސީ ކެމްޕެއިން ކުރާތީ އެ މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ އޭނާ ކުރި ޓުވީޓަކާ ގުޅިގެންނެވެ.
އެ ޓުވީޓަށް ކުރި ރިޕްލައިގައި އެ އެކްޓިވިސްޓު ވަނީ އެއްކަމެއްވެސް ނުކުރެވޭނެ ކަމަށް ބުނެ ސައިޒުވުމަށް ޝުޖާއަށް އިންޒާރު ދީފައެވެ. އަދި ބޮލަށް ވަޅިޖެހިދާނެ ކަމަށް ބުނެފައިވެއެވެ.
ޝުޖާއަށް ދިން އިންޒާރާއި ގުޅިގެން ޝިޔާމް ވިދާޅުވީ މިއީ ފުލުހުންގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގް ކުރަންޖެހޭ ކަމެއްކަމަށެވެ. ސަރުކާރުގެ ތާއީދު ގެއްލި ރައްޔިތުންގެ އިތުބާރު ގެއްލުނީމާ، އެކްޓިވިސްޓުން ނެރެ އިދިކޮޅު ފަރާތްތަކަށް މަރުގެ އިންޒާރުދީ ހެދުމަކީ ނާތަހުޒީބް ފިޑި އަމަލުތަކެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މިހެންދޭ އިންޒާރަކަށް ބިރުން ފަސްޖޭހެ ބަޔަކު ޕީޕީއެމް ޕީއެންސީގައި ނުތިބޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިއީ ސީރިއަސް މައްސަލައެއް. މިކަން ތަހުޤީގި ކުރަން ފުލުހުންނަށް ގޮވާލަން. ސަރުކާރު ބޯކޮޅުވަތަށް ދާންފެށީމާ އެކްޓިވިސްޓުން ނެރެ މަރުގެ އިންޒާރުދީ ހެދިޔަސް އަޅުގަނޑުމެން ފަހަތަށްޖެހުމެއްނެތް. ޚާއްސަކޮށް ޕީ.އެން.ސީ ގެ ނައިބުރައީސް އިބްރާހިމް ޝުޖާގެ އަޒުމް މާވަރުގަދަވާނެ.
– ޝިޔާމް ވިދާޅުވިއެވެ.
ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމި، ރިޔާސީ އިންތިޚާބު މިއަހަރު ބާއްވާއިރު، ސިޔާސީ ގޮތުން އިދިކޮޅު ކޯލިޝަނުންނާއި، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްނުގެ މެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. ޚާއްސަކޮށް މިފަހުން ރައީސް ޔާމީން ޖަލަށް ލުމާއި ގުޅިގެން ކުރާ އިހުތިޖާޖްތައް ހުއްޓުވުމަށް އެމްޑީޕީގެ އެކްޓިވިސްޓުން ތަފާތު އެކި އިންޒާރުތައް ދެމުންދާކަމަށް ޕީޕީއެމް ޕީއެންސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ