އޭޕްރީލް 4 ގެ އިންތިޚާބުގެ ވޯޓަރސް ލިސްޓުގައި 230 އަށްވުރެ ގިނަ ކެންޑިޑޭޓުން ސޮއިކޮށްފި

އޭޕްރީލް 4 ގެ އިންތިޚާބުގެ ވޯޓަރސް ލިސްޓުގައި 230 އަށްވުރެ ގިނަ ކެންޑިޑޭޓުން ސޮއިކޮށްފި

Author
ހުސެއިން
21 މާރޗް 2026 07:58
0

ކުރިއަށް އޮތް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ފައިނަލް ވޯޓަރސް ލިސްޓުގައި 230 އަށްވުރެ ގިނަ ކެންޑިޑޭޓުން ސޮއިކޮށްފިއެވެ.

އިންތިޚާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ދާދިފަހުން ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ މަރުކަޒުގެ މަސައްކަތްތައް ވަނީ ވަގުތީގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށްފައެވެ. މިކަމާ ގުޅިގެން ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ވޯޓުލާ މީހުންގެ ރަޖިސްޓަރީގައި ސޮއިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރު ފުރުޞަތެއް ދީފައެވެ. އެގޮތުން މާރިޗު 21 ވީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާއިރު، މި މުއްދަތު ހަމަވިއިރު ޖުމްލަ 230 އަށްވުރެ ގިނަ މީހުން ލިސްޓުގައި ސޮއިކޮށްފައިވާކަމަށް އީސީން މަޢުލޫމާތުދެއެވެ.

ކައުންސިލް އިންތިޚާބުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ނަގާ މި މުހިންމު ވޯޓުގައި ޖުމްލަ 294،876 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.

މި އިންތިޚާބަށް މުޅި ރާއްޖޭގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި މާލޭގައި ބަހައްޓާ 180 ފޮއްޓާއި، ހުޅުމާލޭގައި ބަހައްޓާ 51 ފޮއްޓާއި، ވިލިމާލޭގައި ބަހައްޓާ 9 ފޮށީގެ އިތުރުން އަތޮޅުތެރޭގައި ބަހައްޓާ 322 ފޮށި ހިމެނެއެވެ. އަދި މީގެ އިތުރުން ރިސޯޓުތަކުގައި 21 ފޮށި އަދި ޖަލުތަކުގައި 5 ފޮށި ބެހެއްޓުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.