މާރިޔާގެ ނަޝީދަށް: ތާއީދު ނެތިއްޔާ ޓިކެޓް ހޯދަން ކުރިމަތިލެއްވީ ކީއްވެތޯ؟

މާރިޔާގެ ނަޝީދަށް: ތާއީދު ނެތިއްޔާ ޓިކެޓް ހޯދަން ކުރިމަތިލެއްވީ ކީއްވެތޯ؟

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2023 01:11
0

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެތައް ހާސް މެމްބަރުން ޕާޓީގެ ރަޖިސްޓްރީން ވަކިކޮށްފައިވާ ކަމަށް އެމަނިކުފާނު ކުރައްވާ ތުހުމަތުތަކަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ދަފްތަރުން އެ ޕާޓީގެ ވަރަށް ގިނަ ސީނިއާ މެންބަރުން ހިމެނޭ ގޮތަށް ނަޝީދަށް ތާއީދު ކުރައްވާ 39،000 މެންބަރުން ވަކިކޮށްފައިވާ ކަމަށް އެމަނިކުފާނު ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި އެކަމަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ ވާދަވެރި ކެންޑިޑޭޓަށް ތާއީދު ކުރާ މީހުން އެކަނި ވަކިވެފައިވާ ކަމަށް ވިދާޅުވުމުން އެކަން ގަބޫލު ކުރަން ދަތި ކަމަށެވެ.

މި ފަހަރު ވޯޓުލާ އެންމެން އެމަނިކުފާނަށް ތާއީދު ނުކުރާ މީހުން ކަމަށްވަންޏާ މި ޕްރައިމަރީގައި ބައިވެރިވެވަޑައިގަތީ ކީއްވެބާ.

– ރައީސްގެ ޕްރައިމަރީގެ ތަރުޖަމާނު މާރިޔާ ވިދާޅުވިއެވެ.

ސަރުކާރަށާއި ރައީސް ސޯލިހަށް ނަޝީދު އަމާޒުކުރައްވަމުން ގެންދަވާ ފާޑުކިޔުންތަކަށް ވެސް ރޭ މާރިޔާ ރައްދު ދެއްވިއެވެ. މާރިޔާ ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްޑީޕީއާއެކު ރައްޔިތުން ތަހައްމަލުކުރަންޖެހުނު ހިތްދަތިކަމާއި ބިރުވެރިކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ.

އެތައް ބައެއްގެ ބުރަ މަސައްކަތާއި ހިތްވަރުން އެ ވެރިކަން ނިމުމަކަށް ގެނެސް، އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް މިހާރު ގާއިމުކުރެވިފައިވާއިރު، އެމްޑީޕީގެ ތެރެއިން ސަރުކާރަށް އެކިއެކި އުނދަގޫތައް ކުރިމަތި ކުރުވުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ އެތެރޭގެ ކޯޅުމުގެ ހުރިހާ ފައިދާއެއް ލިބެނީ، މާރިޔާ ވިދާޅުވި ގޮތުގައި މިހާރުގެ އިދިކޮޅު ފަރާތްތަކަށެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީގެ އަތުން ސަރުކާރު ގެއްލިގެން ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ފިކުރަކީ އަދި ދިރުމަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެގޮތަށް ގަބޫލު ކުރައްވާ ފަރާތްތައް "ކޯޅުމުގެ ބަދަލުގައި" މި ކުރެވެނީ ކޮން ކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.