މެސީ އަށް މަރުހަބާ ކީއިރު އެމްބާޕޭ ހުރީ ޗުއްޓީގައި

މެސީ އަށް މަރުހަބާ ކީއިރު އެމްބާޕޭ ހުރީ ޗުއްޓީގައި

Author
މުޙައްމަދު ޝަޒައިމް
05 ޖެނުއަރީ 2023 12:05
0

ވޯލްޑް ކަޕް ކާމިޔާބު ކުރުމަށް ފަހު ޗުއްޓީގައި ހުރި އާޖެންޓީނާގެ ލިއޮނެލް މެސީ އެނބުރި ޕީއެސްޖީއާ ގުޅުމުން، ކުލަބުގެ ޓްރެއިނިން ދަނޑުން އޭނާ އަށް ގާޑް އޮފް އޮނާއަކުން މަރުހަބާ ކިޔައިފިއެވެ.

ޕީއެސްޖީގެ ފަރިތަކުރުންތަކަށް މެސީ ހާޒިރުވީ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. ވޯލްޑް ކަޕް ކާމިޔާބީ ފާހަގަކުރުމަށް ޕީއެސްޖީން މެސީ އަށް ޗުއްޓީއެއް ދިނެވެ. އެކަން ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ވަނީ މީގެ ކުރިން ކަށަވަރުކޮށްދީފައެވެ. ވޯލްޑް ކަޕް ބްރޭކަށްފަހު ލީގުގައި ޕީއެސްޖީން ވަނީ މިހާތަނަށް ދެ މެޗު ކުޅެފައެވެ. މީގެ ކުރިން ގަލްޓިއޭ ވެސް ބުނީ މެސީ އެނބުރި ޓީމާ ގުޅުމުން ހޫނު މަރުހަބާއެއް ކިޔާނެ ކަަމަށެވެ.

ވޯލްޑް ކަޕް ފައިނަލުން ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ދެ ގޯލް ޖެހިއެވެ. އެކަމަކު އެ މެޗުގައި ހެޓްރިކް ހަދައި މުބާރާތުގެ ރަންބޫޓު ކާމިޔާބުކުރީ މެސީއާ އެކު ޕީއެސްޖީ އަށް ކުޅޭ ކީލިއަން އެމްބާޕޭއެވެ.

ޕީއެސްޖީގެ ފަރިތަކުރުންތަކަށް މެސީ ހާޒިރުވީއިރު، އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ވަނީ ކުޑަ ޗުއްޓީއެއް ދީފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ލީގުގައި އެންމެ ފަހުން ލެންސް އަތުން ޕީއެސްޖީ ބަލިވި މެޗަށްފަހު، ޓީމުގެ ތަރި ކީލިއަން އެމްބާޕޭ އާއި ޑިފެންޑަރު އަޝްރަފް ހަކީމީ މިހާރު ހުރީ ޗުއްޓީއެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ފްރެންޗް ކަޕް މެޗާއި، ލީގުގައި އެންޖާސްއާ ދެކޮޅަށް ކުޅޭ މެޗުގައި މި ދެ ކުޅުންތެރިން ނުފެންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.