ނަޝީދުގެ ޕްރައިމަރީ ކެމްޕޭން: އަމާޒަކީ ވޯޓު ހޯއްދެވުންތަ، ނުވަތަ މީޑިއާ ސްޓަންޓް ޖެއްސެވުންތަ؟

ނަޝީދުގެ ޕްރައިމަރީ ކެމްޕޭން: އަމާޒަކީ ވޯޓު ހޯއްދެވުންތަ، ނުވަތަ މީޑިއާ ސްޓަންޓް ޖެއްސެވުންތަ؟

ކުރިޔަށް އޮތް އެމްޑީޕީގެ 2023ގެ ރިޔާސީ ޕްރިމަރީ އިއުލާން ކުރުމާއެކު މި އިންތިޚާބުގައި ވާދަކުރެއްވުމަށް، ކުރިންވެސް ހީކުރެވިފައިވާ ގޮތަކަށް ކަމަރު ބަންނަވާފައިވަނީ އެޕާޓީގެ އެންމެ އިސް ދެ ލީޑަރުންނެވެ. މިގޮތުން ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމްޑިޕީގެ އިސްލީޑަރ، ރައީސް ސާލިހާއި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފޯމު ހުށަހަޅުއްވާފައިވާއިރު، ދެބޭފުޅުންގެ ފަރާތުންވެސް މިހާރުވަނީ ޕާޓީގެ ޓިކެޓް ކަށަވަރު ކުރެއްވުމަށް ކެމްޕޭން ފައްޓަވާފައެވެ.

އެހެންނަމަވެސް، އެމްޑީޕީގެ، ރައީސް ސާލިހުގެ ފެކްޝަންއިން ޕްރައިމަރީއަށް އަމާޒުކޮށް ކުރަމުންދާ ކެމްޕޭނާއި ޚިލާފަށް ނަޝީދުގެ ފެކްޝަނުން އަވަސްވެގަތްތަން ފެންނަމުންދަނީ ސީދާ ނަޝީދު ރަށްރަށަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކޮށް، ފޮޓޯ ނަންގަވާ، ދޮރުންދޮރަށް ހިންގަވާން ފެއްޓެވި ތަނެވެ. އަދި މި ކެމްޕޭން ސިފަވާން ފަށާފައިވަނީ، ކެމްޕޭން ޓީމަކުން ކުރާ ކެމްޕޭނަކަށްވުރެ ބޮޑަށް، ސޯޝަލް މީޑިއާގައި ކުރިޔަށްދާ ކެމްޕޭނެއްގެ ގޮތުގައިވެސްމެއެވެ.

މިގޮތުން ޕްރައިމަރީއަށް ފޯމު ލެއްވުމަށްފަހު މިހާތަނަށް އެންމެ ދުވަހެއްވެސް ބޭކާރުކޮށް ނުލައްވާ ނަޝީދު އެކި ރަށްތަކަށް ވަޑައިގެން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، މާލޭގައި ހުންނަވާ ދުވަސްތަކުގައި ނަޝީދުވަނީ މާލޭގެ މަގުތަކަށް ނިކުންނަވާ ހިންގަވާ، އަދި ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވާ، މީހުންނާ ބައްދަލު ކުރައްވާ ވޯޓު ހޯއްދަވަން މަސައްކަތް ކުރައްވާފައެވެ.

އޭގެ ތެރޭގައި، ގޭގެއަށާއި، އާންމުން އެއްވާ ތަންތަނަށާއި، ބައެއް ރަށްތަކަށް ކުރައްވާ ދަތުރުތަކުގައި، ކުޑަކުދިން އުރުގައި ޖައްސަވާ، މީހުންނާއި ސަލާމް ކުރައްވާ، އަދި އޭގެ އިތުރުން މަގުތަކުގައި ހިންގަވާ ތަންތަނާއި، ބައެއް އެއްވުންތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލައްވާ، ފޮޓޯތައް ކުލަތަކާއި ޑިޒައިންތަކުން ޒީނަތްތެރިކޮށް، އެފޮޓޯތައް އާންމު ކުރުމަށް ނަޝީދުގެ ކެމްޕޭން ޓީމުން ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަން، ފެންނަމުންދާ މަންޒަރުތަކުން ވަރަށްވެސް ބޮޑަށް ދަނީ މޭރުންވަމުންނެވެ.

ރައީސް ސާލިހުއާއި ރައީސް ނަޝީދު: ދެބެފުޅުންގެ މެދުގައި އޮތް ސިޔާސީ ވާދެވެރިކަމުގެ ނަތީޖާއެއްގެ ގޮތުން, އަމިއްލަފުޅު ޕާޓީވެސް ވަނީ ބައިބައި ވެގެން ގޮސްފަ

 

ނަޝީދުގެ މުޅި ކެމްޕޭން ހަމައެކަނި މީޑިއާ ސްޓަންޓަކަށް!

ރާއްޖޭގައި އާންމު ގޮތެއްގައި ކުރެވޭ ސިޔާސީ ކެމްޕޭންތަކަކީ ވަރަށްވެސް ސްޓްރަޓީޖިކްކޮށް، އިންތިޒާމް ކުރެވިގެން ކުރެވިފައި ހުރި ކެމްޕޭންތަކެއް ކަމުގައި ދަންނަވާން ޖެހެއެވެ.

އޭގެ ތެރޭގައި އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުން ވޯޓު ހޯދުމަށް ދޮރުން ދޮރަށް ހިންގަވާއިރު، އެއަށްވުރެ ބުރަކޮށް ގިނަފަހަރަށް މަސައްކަތް ކޮށްފައި ހުންނަނީ ކެމްޕޭން ޓީމުތަކުންނެވެ. އެއީ ކެމްޕޭން ޓީމުތަކުން ދޮރުން ދޮރަށް ހިނގާ، މީހުންނާއި ބައްދަލުކޮށް، މަޝްވަރާކޮށް ވޯޓު ހޯދުމަށް ކުރާ މަސައްކަތްތަކެވެ.

އެހެންނަމަވެސް، ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް މިހާރު އެޕާޓީގެ ދެ ފެކްޝަންގެ މެދުގައި ކުރިޔަށްދާ ކެމްޕޭންގައި ނަޝީދުގެ ފެކްޝަންއިން ހަމައެކަނި ފެނިގެންދަނީ، މިހާތަނަށް ކެމްޕޭންތަކުގައި އެޕާޓީގެ ފަރާތުން ފެނިގެން ގޮސްފައިވާ މަންޒަރުތަކާއި ތަފާތު މަންޒަރުތަކެއް ކަމުގައި ދަންނަވާން ޖެހެއެވެ.

ސޯޝަލް މީޑިއާއިންނާއި އަދި އެނޫން މީޑިއާގެ ވަސީލަތްތަކުންވެސް އެގެން ހުރި ގޮތުގައި، ނަޝީދުގެ ކެމްޕޭން ޓީމުން މިހާތަނަށް ހަމައެކަނި ކުރަމުންދާ މަސައްކަތަކީ ނަޝީދު އާންމުންނާއި ބައްދަލުކޮށް، ކުޑަކުދިން އުރުގައި ޖައްސަވާ، ސަޕޯޓަރުންނާއި ބައްދާ ސަލާމްކޮށް، ވާހަކަ ދައްކަވާ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާތަކުގައި އާންމު ކުރަމުން ދިއުމެވެ. ނަޝީދުގެ ކެމްޕޭން ޓީމުތަކުން ދޮރުން ދޮރަށް ހިނގާ، ވޯޓު ހޯދުމަށް ކެމްޕޭން ޓީމުތަކުން މަސައްކަތް ކުރާ މަންޒަރެއް ފެންނާކަށް ނެތެވެ.

އޭގެ އިތުރުން މާލޭގެވެސް އާންމުން އެއްވާ ތަންތަނަށް ޒިޔާރަތްކޮށް، ރާޒުވާ ކުޅުއްވާ، މާލޭގެ ގެތަކުގެ ދަތި ދޭތެރެ ދޭތެރެއަށް ވަންނަނަވާ މަންޒަރުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް، ޕާޓީގެ އެއްވުންތަކުގައި ރައީސް ސާލިހަށް ފާޑުވިދާޅުވެ ދައްކަވާ ވާހަކަތައް ސޯޝަލް މީޑިއާގައި ޕްރޮމޯޓު ކުރުން އެއީ މިހާތަނަށް ނަޝީދުގެ ކެމްޕޭންގެ ފަރާތުން ހަމައެކަނި ފެނިގެން ގޮސްފައިވާ ހަރަކާތްތަކެވެ.

ހަމައެއާއެކު ނަޝީދުގެ މި ކެމްޕޭންގައި، ރައްޔިތުންގެ މަޖިލިހުގެ ތެދިން މެމްބަރަކު މެނުވީ މިހާތަނަށް ފެނިގެން ގޮސްފައި ނުވާއިރު، އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތައްވެސް ނަޝީދުގެ ކެމްޕޭނުން މިހާތަނަށް ފެނިގެން ގޮސްފައި ނުވާކަންވެސް މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އޭގެ ބަދަލުގައި، ރައީސް ސާލިހުން މި ބީދައިން އަދި މިހާތަނަށް ޕްރައިމަރީ ކެމްޕޭނަށް ނިކުންނަވާފައި ނުވިނަމަވެސް، އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަަދެއްގެ މަޖިލިސް މެމްބަރުން އެބޭފުޅުންގެ ދާއިރާތަކަށް ވަޑައިގެން، ބައެއް ވަޒީރުންނާއި އަދި ބައެއް ކުންފުނިތަކުގެ އިސްވެރީންވެސް ހިމެނޭގޮތުން ކެމްޕޭން ޓީމުތައް އެކުލަވާލާ، ކެމްޕޭން ހަރަކާތައް ވަނީ ކުރިޔަށް ގެންދާން ފަށާފައެވެ.

ބައެއް ވަޒީރުންނާއި ބައެއް މެމްބަރުން ރައީސް ސަލިހުގެ ކެމްޕޭން ޓީމުތަނާއެކު ދޮރުން ދޮރަށް ހިންގަވަނީ

 

ހަމައެކަނި ހެޑްލައިންތަކާއި މީޑިއާ ސްޓަންޓްތަކުން ކެމްޕޭން ކާމިޔާބު ކުރެވިދާނެތަ؟

އެމްޑީޕީގެ ޕްރައިމަރީއަށް އިއުލާންކޮށް، ފޯމު ހުށަހަޅެއްވުމަށްފަހު، ނަޝީދުގެ ފަރާތުން މީޑީއާ ހެޑްލައިން ހެއްދެވުން މެނުވީ އެހެން އެއްވެސް ކެމްޕޭން ހަރަކާތެއް ފެންނަމުން ނުދާއިރު، ނަޝީދުގެ ކެމްޕޭންގެ އަމާޒަކީ ވޯޓު ހޯއްދަވާ ޕްރައިމަރީ ކާމިޔާބު ކުރެއްވުންތޯ ޚުދު އެމްޑީޕީގެ ބައެއް މެމްބަރުންވެސް މިހާރު ސުވާލު އުފައްދަމުން ދެއެވެ.

އޭގެ އެއް ސަބަބަކީ، ނަޝީދުގެ މުޅި ކެމްޕޭން، ސަޕޯޓަރުންނާއި ސަލާމްކޮށް، ކުޑަކުދިން އުރުގައި ޖައްސަވާ، ގައިގޯޅިކޮށް ބައްދާ ހަދާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމު ކުރުމާއި، އަދި ޕާޓީގެ އެއްވުންތަކުގައި ރައީސް ސާލިހަށް އަމާޒުކޮށް ޒާތީ ގޮތުން ފާޑު ވިދާޅުވުމަށް އެކަނި އަމާޒު ކޮށްފައިވާއިރު، ހަމަ އެއާއެކު ޕާޓީގެ ދަފްތަރާއި ގުޅޭގޮތުން ކުރައްވަމުން ގެންދަވާ ޝަކުވާތަކެވެ.

ނަޝީދު ވިދާޅުވެފައިވަނީ ޕާޓީގެ ދަފްތަރުން އެ ފެކްޝަނަށް ތާއީދުކުރާ 30،000 މެމްބަރުން އުނިކޮށްފައިވާ ކަމަށާއި، އެހެންކަމުން ކުރިޔަށް އޮތް ޕްރައިމަރީގެ ވޯޓު ސައްޙަ ނުވާނޭ ކަމުގައެވެ. އަނެއްބައި ފަހަރަށް ވިދާޅުވަމުން ގެންދަވަނީ ރައީސް ސާލިހު ވޯޓު އޮޅުވާލައިގެން ޕްރައިމަރީ ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ނަޝީދު ގެންދަވަނީ, ގިނަބަޔަކަށް ބާވެފައިވާ މީޑިއާ ސްޓަންޓްތައް އަދިވެސް ކެމްޕޭންތަކުގައި ޖެއްސެވުމަށް މަސައްކަތް ކުރައްވަމުން

އެހެންނަމަވެސް، ސައްހަ ނުވާނެކަމަށް އަމިއްލަފުޅަށް ވިދާޅުވަމުން ގެންދަވާ އިންތިޚާބަކަށް ނަޝީދު ކެމްޕޭންވެސް ކުރައްވަމުން ގެންދަވާއިރު، ނަޝީދުގެ މުޅި ކެމްޕޭނުން އަދި މިހާތަނަށް ރޭވިގެން އިންތިޚާބު ކާމިޔާބު ކުރުމަށް، އެކުލެވިފައިވާ ކެމްޕޭން ޓީމަކުން ކުރަމުންދާ މަސައްކަތަކެއްވެސް ފެންނާކަށް ނެތެވެ.

އެހެންކަމުން ބައެއް ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި، ހިގަމުންދާ ނަޝީދުގެ ޕްރައިމަރީ ކެމްޕޭންގެ އަމާޒަކީ ޕްރައިމަރީ ކާމިޔާބު ކުރުމުގެ ބަދަލުގައި، މީޑީއާ ސްޓަންޓްތައް ޖެއްސެވުން އެކަންޏެވެ. އަދި މީޑިއާ ހެޑްލައިންތައް ހައްދަވާ، ރައީސް ސާލިހާމެދު ހިތްޕުޅުގައި ހުރި ޖަޒްބާތުތައް ބަންޑުން ކޮށްލެވުމެވެ.

އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި، ޕަރައިމަރީއަށް އަމާޒުކޮށް ނަޝީދު ފެކްޝަނުން ހަގީގީ ކެމްޕޭނެއް ކުރަމުން ދާތަން ނުފެނި، މުޅި ކެމްޕޭން މީޑިއާ ސްޓަންޓުތަކަށް ބަދަލުވެން ގޮސްފައިވަނީ، އެމްޑީޕީގެ އެތެރޭގެ ހާލަތު އޮތްގޮތުން، ރިޔާސީ ޕްރައިމަރީ އެ ފެކްޝަނަށް ކާމިޔާބު ނުވާނޭކަން އެނގި ކަށަވަރު ވާތީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *