ރާއްޖޭގެ ޝަރުއީދާއިރާގެ މިނިވަންކަން ކަށަވަރުކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މިނިވަންކަން ކަށަވަރު ކުރެވިގެން ކަމުގައި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާއަށް ކިޔަމުންދާ ފާޑުކިޔުންތަކާއި، ސިޔާސީ ފަރާތްތަކާއިމެދު ނިންމާ ނިންމުންތަކާއި ގުޅިގެން ކޯޓުތަކަށް އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން މުހުތާޒު ވިދާޅުވީ އެއްވެސް ހާލެއްގައި ޝަރުއީ ދާއިރާއަކީ ސިޔާސީ ފަރާތްތަކުން މޮޑެން ގެންގުޅޭ ފުށްގަނޑަކަށް ވެގެން ނުވާނެކަމަށެވެ. ކުރާ ހުކުމަކުން އެއްބަޔަކަށް އެހުކުމަކީ ހަރާމް ހުކުމަކަށްވެ އަނެއްބަޔަކަށް އެހުކުމަކީ ހަލާލް ހުކުމަކަށް ވާކަމީ މިއަދު ފެންނަ މަންޒަރުކަމަށެވެ.
މިކަންކަން މިހެންވާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ޝަރުއީ ދާއިރާއަށް ރައްޔިތުން އިތުބާރު ކުރަންޖެހޭ މައިގަނޑު ސަބަބު އަދާއި ހަމައަށްވެސް ހާސިލް ވެފައި ނެތުމުންކަމަށް މުހުތާޒު ވިދާޅުވިއެވެ. ޝަރުއީ ދާއިރާ އިސްލާހުކޮށް ރައްޔިތުން އިތުބާރު ލިބޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން މިނިވަން ވެގެން ކަމަށް މުހުތާޒު ވިދާޅުވިއެވެ.
އެއްބަޔަކަށް ހަރާމް ހުކުމް. އަނެއްބަޔަކަށް ހަލާލު ހުކުމް. ސިޔާސީ ފަރާތްތަކުން މޮޑޭ ފުއްގަނޑަކަށް ޝަރުއީދާއިރާ ހަދައިގެންނުވާނެ. ޝަރުއީދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެއްމެ މުހިއްމުކަމަކީ ޖޭ.އެސް.ސީ މިނިވަންކުރުން.
– މުހުތާޒު ވިދާޅުވިއެވެ.
ޖޭއެސްސީ މިނިވަން ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރަން އަންނަ ދައުރުގައި ރައްޔިތުން މަޖިލީހަށް ހުށައަޅުއްވަން މަސައްކަތް ކުރަވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އެންމެ ފަހުން ބޭއްވި ޕްރެސްގައި ވިދާޅުވެފައެވެ. ވެރިކަމުގެ ދައުރު ހަމަވާން އަހަރަކަށް ވެފައިވާއިރުވެސް ޖޭއެސްސީ އިސްލާހު ނުވެ އޮތުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އޮތްކަމެކެވެ.
ޖޭއެސްސީއަށް ފެންނަ ގެންނަ އިސްލާހުތަކާއި ގުޅޭ ގޮތުން އާންމުންނަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 115 މީހުން ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ސުވާލުތަކަށް ޖަވާބުދީފައެވެ. އޭގެ ތެރެއިން 91.3 އިންސައްތަ މީހުން ވަނީ ޖޭއެސްސީ އެކުލެވިފައިވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ބުނެފައެވެ. އެމީހުން އެގޮތަށް ދެކޭ މައިގަނޑު 3 ސަބަބެއްވެއެވެ. ފުރަތަމަކަމަކީ ޖޭއެސްސީގެ ބައެއް މެމްބަރުންނަކީ ސިޔާސީ މުއައްސަސާތަކުގެ އެންމެ އިސްވެރިންނަށް ވުމުގެ ސަބަބުން އެކޮމިޝަނުގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު އޮތުމުގެ ފުރުސަތު ބޮޑުވުމެވެ. ދެވަނަ ކަމަކީ ޖޭއެސްސީގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ދައުރު ބޮޑުވުމެވެ. އަދި ފަނޑިޔާރުން ބިރުވެރިކަމެއްގައި ތިބި ކަމަށް ވެސް އާންމުން ޤަބޫލުކުރެއެވެ. ޢާންމުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބަންޑާރަ ނައިބު ޖޭއެސްސީގައި ތިއްބަވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
އޭޖީ އޮފީހުން ކޯޓުތަކާއި، ގާނޫނީ ވަކީލުންނާއި ވެސް ބައްދަލުކޮށް މަޝްވަރާތައްކޮށްފައިވާއިރު، އެ ބައްދަލުވުންތަކުގައިވެސް މިކަން ފާހަގަވެފައިވާކަން އޭޖީ އޮފީހުން އާންމުކުރި ކަރުދާހުގައި ވެއެވެ. މި މަޝްވަރާތަކުގެ ތެރެއިން ސުޕްރީމް ކޯޓާއި އެކު ބޭއްވި ބައްދަލުވުންތަކުގައި އެ ކޯޓުން ވަނީ ޖޭއެސްސީގެ މެމްބަރުން އައްޔަންކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެކަމަށް އެކަށީގެންވާ އުސޫލެއް ބޭނުންވާކަން ބަޔާންކޮށްފައެވެ.