އަކްރަމް ވަކިކުރުމަށް ކޮމިޓީން ނިންމި ސަބަބު ރޮޒޭނާ ހާމަކޮށްދެެއްވައިފި

އަކްރަމް ވަކިކުރުމަށް ކޮމިޓީން ނިންމި ސަބަބު ރޮޒޭނާ ހާމަކޮށްދެެއްވައިފި

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2020 10:11
0

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކުރަމް ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމި ސަބަބާއި ގުޅޭގޮތުން އުފެދޭ ސުވާލުތަކުގެ ޖަވާބު ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް އޮޅުންފިލުވައި ދެއްވައިފިއެވެ.

އަކަރަމް ވަކި ކުރައްވާފައިވާ ސަބަބާއި ގުޅޭގޮތުން މީޑިޔާގެ ގިނަ ފަރާތްތަކުންނާއި، އާންމު ގިނަ ބަޔަކު އުފައްދާ ސުވާލުގެ ޖަވާބުގައި ރޮޒޭނާ ވިދާޅުވީ ކޮމިޓީން އަކްރަމް ވަކި ކުރަން ނިންމާފައިވަނީ ބަލަމުންދިޔަ ސުލޫކީ މައްސަލައެއްގައި ކަމަށެވެ. ކޮމިޓީގެ މެމްބަރުންނަށް ފާހަނގަކުރެވިފައިވަނީ ކޮމިޝަނެއްގެ މެމްބަރެއްގެ ކިބާގައި ހުންނަންޖެހޭ އަޚުލާގީ މިންގަނޑުތަކާއި ޚިލާފްވުމުން މަޤާމުގައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތްނޫންކަމަށެވެ.

އަކްރަމް ވަކި ކުރުމަށް ކޮމިޓީން ނިންމުމާއިއެކު އޭނާ ވަނީ އަމިއްލައަށް މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވުމަށްފަހު އަކްރަމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީގެ އިތުބާރުނެތި މިނިވަން މުޢައްސަސާއެއްގެ މެންބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެވަޑައި ނުގަންނަވާކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބަޔެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި، އެމައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސްކަމެއް އޭނާގެ ފަރާތުން ހިނގާފައިނުވާކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށްވެސް އަކްރަމް ވަނީ ދެއްވާފައެވެ. އަދި އެކަން ހިނގާ ދިޔަ ގޮތުގެ ތަފްޞީލް މަޢުލޫމާތުއެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއާ ހިއްސާކޮށްފައިވާނެކަމަށްވެސް އަކްރަމް ވިދާޅުވެފައިވެއެވެ.

އަކްރަމް ވަކި ކުރުމަށް ނިންމުމުގެ ކުރިން އޭނާއާއި، ކޮމިޝަންގެ އެހެން މެމްބަރުންނައިވެސް ވަނީ މިކަމާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އަދި މިކަމުގައި ކޮމިޝަންގައި އަކްރަމްގެ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ އަންހެން ކުދިންނާއި ސުވާލު ކުރެވިފައިވެސް ވެއެވެ. އަކްރަމްވަނީ އޭނާ ހާޒިރުކޮށް ކޮމިޓީން ދެންނެވި ސުވާލުތަކުގައި ކޮމިޝަންގެ ބައެއް އަންހެން ހުންދިންނާއި ގުޅުން އޮތްކަމަށް އެއްބަސްވެއް ވެފައެވެ. އަކްރަމަށް ޖިންސީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، މިމައްސަލާގައި އޭނާއާއި ދެކޮޅަށް ގިނަ އަންހެން މުވައްޒިފުންތަކެއް ވަނީ ކޮމިޓީއަށް މައުލޫމާތު ދީފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ގައި އީސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރި އަކްރަމް އެ ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2015 ގައެވެ. މީޑިއާތަކާ ގާތް ގުޅުމެއް ބާއްވަވައި އަކްރަމް ވަނީ ރާއްޖޭގައި އިންތިހާބުތައް ބޭއްވުމަށް މުހިންމު ރޯލެއް އަދާކުރައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.